ކުރިންސުރެ އިންޒާރު ކުރަމުން ދިޔަ ހާސް ކަމުގެ ވަގުތު މިއޮތީ އައިސް ބައްދަލުވެފަ އެވެ. މީހުން ފުރި ތޮއްޖެހިފައިވާ ވެރިރަށް މާލެއިން ދިވެއްސަކު ކޮވިޑް-19 އަށް ޕޮޒިޓިވްވީ އެވެ. މި މާލެ ތެރެއިން ޕޮޒިޓިވްވި ދިވެހި އަންހެން މީހާއަކީ ކޮވިޑް-19 އިގެ ބަލާއާފާތުގެ ތެރޭގައި އެއްވެސް ގައުމަކަށް ދަތުރުކޮށްފައިވާ، ޓްރެވަލް ހިސްޓްރީއެއް އޮތް މީހެއް ވެސް ނޫނެވެ. ހާސްކަން އިތުރު ވަނީ ވެސް އެހެންވެ އެވެ. މިއަދު ހެނދުނު ހާމަވި މި ހަބަރާއެކު އެންމެން ވަނީ ހާސްވެފަ އެވެ.
ހާސްކަން އިތުރުވަނީ އެކި ދިމާއިން އިވޭ އަޑުތަކުންނެވެ. އެކި މީހުން ފޮނުވާ މެސެޖްތަކުންނެވެ. ޓްވީޓާ އާއި ފޭސްބުކް ފަދަ ސޯޝަލް މީޑިއާ ބަލާލުމުން އެ ކަން އެނގެ އެވެ. އާއިލީ އަދި ގާތް ރަހުމަތްތެރިން ތިބޭ ގޮތަށް ހަދާފައިވާ ސޯޝަލް މީޑިއާގެ ގްރޫޕްތަކުގައި ވެސް މިހާރު އޮތީ އެ ވާހަކަ އެވެ. އަތޮޅުތަކުގައި ތިބި މީހުން ދަނީ މާލޭގައި އުޅޭ ގާތް އެކުވެރިންނާއި އާއިލީ މީހުނަށް ގުޅާ ހާލު އަހުވާލު ބަލަމުންނެވެ. އަދި ރަށަށް އަންނަން އެދި ގުޅާ ފޯނު ކޯލްތައް ވެސް ވަރަށް ގިނަ ވެފައި ވެއެވެ.
މި ހަބަރާއެކު އަޅަން އެމީހަކަށް ފެންނަ ފިޔަވަޅުތައް ވެސް ދަނީ ހިއްސާ ކުރަމުންނެވެ. އެ މީހެއްގެ ރަށުން މާލެއަށް ދަތުރުފަތުރު ކުރަން ހުއްޓާލަން ޖެހޭ ކަމަށް ގިނަ ބަޔަކު ގަބޫލު ކުރެ އެވެ. މާލެއިން އަރައި ފޭބުން މަނާކޮށް ފުލް ލޮކްޑައުންއަށް ދިޔުމަށް ވަރަށް ގިނަ މީހުން ތާއީދު ކުރެ އެވެ. މި ފިޔަވަޅު އަޅާނެ ކަމެއް އަދި ރަސްމީ އިދާރާއިން އިއުލާނެއް ނުކުރެ އެވެ.
މިދިޔަ ހަފުތާތަކުގައި މާލެ މަގުމަތީގައި މީހުން އުޅުން މަދުވެފައި ނުވާއިރު، މާލެއިން ބަލީގެ ކޭހެއް ފެނުމުން ދެން މަގުމަތީގައި އުޅުން މަދުވާނެ ކަމަށް ބެލެވެ އެވެ. އެ މަންޒަރު ވެސް މިހާރު އެބަ ފެނެ އެވެ. މާލޭގެ މަގުތަކުގައި އެ ހަަބަރަށް ފަހު މީހުން މަދުވެފައި ވެއެވެ. އެކަމަކު ކުއްލިއަކަށް ފިހާރަތައް ފުރި ތޮއްޖެހުނެވެ. ކޭސް ކޭހުގައި އެއްޗެހި ގަނެގެން މީހުން ގެއަށް ގެންދިޔަ އެވެ.
މި ވާހަކަތަކުގެ ތެރެއިން ދެން ފެންނަނީ ރޯގާއަށް ޕޮޒިޓިވްވީ މީހާގެ މައުލޫމާތުތައް ހޯދަން ވެސް މީހުން މަސައްކަތް ކުރަމުން ގެންދާ މަންޒަރެވެ. ކަށަވަރު ނުވާ ބައެއް މައުލޫމާތުތަކާ އެކުގައި ވެސް ސޯޝަލް މީޑިއާގައި މީހުން ދަނީ ވާހަކަ ފަތުރަމުންނެވެ.
ޕޮޒިޓިވްވީ މީހާއަކީ ޑޮކްޓަރެއް ކަމާއި ނޫނީ ނަރުހެއް ކަމަށް ވެސް ބުނެ މީހުން ދަނީ ޕޯސްޓް ކުރަމުންނެވެ. ދުވަސްވީ މީހެކޭ ނޫނީ ޒުވާނެކޭ ބުނެ ވެސް ބައެއް މީހުން ދަނީ ޕޯސްޓް ކުރަމުންނެވެ. އެންމެ ބޮޑަށް ފެތުރެމުން ދަނީ އެ އަންހެން މީހާއަކީ ނަރުހެއް ކަމަށް ބުނެ ދެކެވެމުންދާ ވާހަކަތަކެވެ. އޭނާގެ ފިރިމީހާއާ ކާށިދޫއާ ގުޅުން އޮންނަ ވާހަކަ އާއި އެ ރަށް ލޮކްޑައުން ކުރާ ވާހަކަތަކެވެ. އަންހެން މީހާ ކަމަށް ބުނެ އެތައް ފޮޓޯއެއް ވެސް ދައުރު އެބަވެއެވެ.
މި ކޭހާ ގުޅިގެން ބައެއް ރަށްރަށް ލޮކްޑައުން ކަމަށް ބުނެ "ފޭކް ނޫސްބަޔާންތައް" ވެސް ސޯޝަލް މީޑިއާގައި ދައުރުވާން ވަނީ ފަށައިފަ އެވެ. ރޯގާ ޖެހިފައިވާ މީހާ ނޫނީ އޭނާގެ ގޭގައި އުޅެމުންދާ މީހުން ކައިރި ބައެއް ރަށަށް ރަށަށް ގޮސްފައިވާ ކަމަށް ވެސް ވާހަކަ ދަނީ ފެތުރެމުންނެވެ. މިފަދަ ފޭކް ބަޔާންތައް ވެސް ދައުރު ވާން ފެށީ މި ހަބަރާ އެކީގަ އެވެ.
އެހެން ނަމަވެސް އެނގިފައިވާ ގޮތުގައި ރޯގާއަށް ޕޮޒިޓިވްވީ ނަރުހެއް ނޫނެވެ. އަދި އޭނާ ރާއްޖޭން ބޭރަށް ދަތުރު ކޮށްފައި ނުވާ ކަން އެޗްޕީއޭ އިން ކަށަވަރު ކޮށްދެ އެވެ. މާލޭގެ ފްލޫ ކްލިނިކަށް އޭނާ ދިޔައީ އިއްޔެ އެވެ. މި ފަހުން ވެސް މާލެ ސަރަހައްދުގެ ހުޅުމާލެ ނޫން ތަނަކަށް އެ މީހާ ދިޔަކަން އަދި ކަށަވަރު ވެފައެއް ނުވެ އެވެ.
ބަލީގެ އާލާމާތްތައް ހުރުމުން އޭނާ ރޯގާއަށް ޓެސްޓުކޮށް ޕޮޒިޓިވް ވުމުން އޭނާ ވަނީ އައިލޮލޭޝަން ފެސިލިޓީއަކަށް ގެންގޮސްފަ އެވެ. ދިރިއުޅޭ ގޭގެ ސަރަހައްދު ބަންދުކޮށް ކޮންޓެކްޓް ޓްރޭސިންގެ މަސައްކަތްތައް ވެސް ދަނީ ކުރެވެމުންނެވެ. މި ކޭހާ ގުޅިގެން އިތުރު ފިޔަވަޅުތަކެއް ސަރުކާރުން އަޅާނެ އެވެ.
މިއީ އެންމެން ވެސް ކަންބޮޑުވެ އަންނާނެ ކަމަށް ބަލައިގެން ތިބި ހާލަތެކެވެ. މި ހާސްކަމުގެ ހާލަތުގައި އެކި މީހުން އެކި ވާހަކަތައް ދައްކައި ފަތުރަމުންދާއިރު ކަށަވަރު ނުވާ ވާހަކަތައް ނުފެތުރުން މުހިއްމެވެ. އަދި ހާސްވެ ޕެނިކް ވުމުގެ ބަދަލުގައި ދެން ވެސް ފަރުދީ ޒިންމާ އަދާކޮށް ގޭގައި ތިބެ ރައްކާތެރި ކަމުގެ ފިޔަވަޅުތައް އަޅަންވީ އެވެ.