ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
ހަބަރު

މުޖުތަމައު ތެރޭ ބަލި އޮތުމުން، މާލެ ރެޑް އެލާޓަށް

މާލެ ސަރަހައްދަށް ރެޑް އެލާޓް، ހެލްތު ޕްރޮޓެކްޝަން އޮތޯރިޓީ (އެޗްޕީއޭ)އިން ނެރެފި އެވެ. ރެޑް އެލާޓް ނެރެފައިވަނީ ކޮމިއުނިޓީ ޓްރާންސްމިޝަނެއް މާލެ ސަރަހައްދުގައި އުޅޭތީ އެވެ. މީގެކުރިން މާލެ ހިމެނޭ ގޮތަށް މުޅި ރާއްޖެ އޮތީ ޔެލޯ އެލާޓްގަ އެވެ.

ކޮވިޑް-19އާ ގުޅޭ ތަރުޖަމާނު މަބުރޫކު އަޒީޒު މިރޭ އަވަސްއަށް ވިދާޅުވީ މިއަދު ކޮވިޑް-19 އަށް މާލެއިން ޕޮޒިޓިވްވި މީހާއަށް ބަލި ޖެހުނު ގޮތް ޔަގީން ނުކުރެވޭތީ، އޭނާއަށް ބަލި ޖެހުނީ މުޖުތަމައުގެ ތެރެއިން ކަމަށް ބަލަން ޖެހޭ ކަމަށެވެ.

އެޗްޕީއޭއިން އެކުލަވާލާފައިވާ އެސްއޯޕީގައިވާ ގޮތުން ރެޑް އެލާޓް ނެރޭނީ ކޮމިއުނިޓީ ޓްރާންސްމިޝަނެއް އުޅޭ ނަމަ އެވެ. މިއަދު ކޮވިޑް-19 އަށް ޕޮޒިޓިވްވި ދިވެހި އަންހެން މީހާއަކީ އެއްވެސް ޓްރެވެލް ހިސްޓްރީއެއް ނެތް މީހެކެވެ. އޭނާ މިހާރު ވަނީ އެކަހެރިކޮށްފަ އެވެ.

އެންއީއޯސީގެ ފަރާތުން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ޑރ. އަލީ ލަތީފް ވިދާޅުވީ، މާލެއިން ޕޮޒިޓިވްވި މީހާއަށް އެ ބަލި ޖެހުނު ގޮތެއް އަދި ދެނެގަނެވިފައިނުވާ ކަމަށެވެ. ޑރ. ލަތީފް ވިދާޅުވި ގޮތުގައި، މިހާރު ހޯދިފައިވާ މައުލޫމާތުތަކަށްބަލާއިރު، އެ މީހާއަށް ބަލިޖެހިފައިވުމުގެ ފުރުސަތު ބޮޑި، އެ ބައްޔަށް ޕޮޒިޓިވްވެ، އެކަމަކު ބަލީގެ އެއްވެސް އަލާމާތެއް ނުފެންނަ މީހެއްގެ ފަރާތުން ކަމަށެވެ.


މާލެއިން ޕޮޒިޓިވްވި މީހާއާ ބައްދަލުވި މީހުން ދެނެގަތުމުގެ މަސައްކަތަށް މުޅި މާލެ ސަރަހައްދު މިހާރު ވަނީ ކުރިއަށްއޮތް 24 ގަޑިއިރަށް ލޮކްޑައުންކޮށްފަ އެވެ.

އެޗްޕީއޭއިން ނެރުނު އިއުލާނުގައި ބުނީ މާލެ، ހުޅުމާލެ އަދި ވިލިމާލޭގައި އެއްގަމު އުޅަނދު ދުއްވުމާއި މަގު މައްޗާއި އާންމު ތަންތަނަށް ނުކުމެ އުޅުން މަނާވާނެ ކަމަށެވެ. އަދި ޕަބްލިކް ޓްރާންސްޕޯޓް ވެސް ހުއްޓާލަން ވަނީ އަންގާފަ އެވެ. ކުރިއަށް އޮތް 24 ގަޑިއިރަށް މާލެ، ހުޅުމާލެ، ވިލިމާލެ، ތިލަފުށި، ގުޅިފަޅަށް މީހުން އަރާ ފޭބުން ވަނީ މަނާކޮށްފައިވާ ކަމަށް ވެސް އިއުލާނުގައިވެ އެވެ.

މިހާތަނަށް ރާއްޖެއިން ދިވެހިންގެ ހަ މީހަކު އެ ބައްޔަށް ޕޮޒިޓިވްވެފައިވާއިރު، މިއީ މީހުން ދިރިއުޅޭ ސަރަހައްދަކުން އެ ވައިރަހަށް މީހަކު ޕޮޒިޓިވްވި ފުރަތަމަ ފަހަރެވެ. މީގެ ކުރިން އެ ބަލި ޖެހުނު މީހުންނަކީ ރާއްޖޭން ބޭރުން އައިފަހުން، އެ ބައްޔަށް ޕޮޒިޓިވްވެފައިވާ މީހުނެވެ.