މާލެއިން އިތުރު މީހަކު ކޮވިޑް-19 އަށް ޕޮޒިޓިވްވެއްޖެ އެވެ. ދެވަނައަށް ޕޮޒިޓިވްވި މީހާއަކީ މިއަދު ހެނދުނު ކޮވިޑް-19 އަށް ޕޮޒިޓިވްވި އަންހެން މީހާއާ ޑައިރެކްޓް ކޮންޓެކްޓްވި މީހެކެވެ. އެމީހާ މިހާރު ވަނީ އައިސޮލޭޝަނަށް ގެންގޮސްފަ އެވެ.
މާލެއިން ފުރަތަމަ ކޮވިޑް-19 އަށް ޕޮޒިޓިވްވި އަންހެން މީހާއަކީ ޓެރެވެލް ހިސްޓްރީއެއް އޮތް މީހެއް ނޫނެވެ. އޭނާއަށް ބަލި ޖެހުނު ގޮތް މިހާތަނަށް ހޯދިފައެއް ނުވެ އެވެ. ނަމަވެސް އޭނާއާ ޑައިރެކްޓް ކޮންޓެކްޓްވި 54 މީހަކު ވަނީ އެކަހެރިކޮށްފަ އެވެ.
އޭނާ ދިރިއުޅޭ ގެ އާއި އިތުރު ގެއެއް ވެސް މާލެއިން ވަނީ ލޮކްޑައުންކޮށްފަ އެވެ. އައްޑޫ ސިޓީގެ ގެއެއް ވެސް ލޮކްޑައުން ކޮށްފައިވާއިރު ކ. ކާށިދޫ ވެސް ވަނީ ކޮންޓެކްޓް ޓްރޭސިންއަށް ލޮކްޑައުންކޮށްފަ އެވެ.
މާލޭގައި މިހާރު ކޮވިޑް-19 ބަލި ފެތުރެނީ ކަމަށް ބަލައި ރެޑް އެލާޓަށް ވަނީ މާލެ ގެނެސްފަ އެވެ. އަދި ކުރިއަށް އޮތް 24 ގަޑިއިރު މާލެއަށް އަރާ ފޭބުމާއި މާލޭގައި މީހުން ބޭރަށް ނުކުމެ އުޅުން ވަނީ މަނާކޮށްފަ އެވެ.
ރައީސް އިބްރާހިމް މުހައްމަދު ސޯލިހު މިއަދު ވަނީ މިކަމާ ގުޅިގެން ގައުމާ މުހާތަބު ކުރައްވާފަ އެވެ. ކީރިތި ކުރައްވަމުން ރައީސް ސޯލިހު އެދިވަޑައިގެންފައިވަނީ ރައްތިތުން ކެތްތެރިވެ އޯގާތެރިވުމަށެވެ. އަދި އެކަކު އަނެއްކަކަށް އެހީތެރިކަން ފޯރުކޮށްދީ ހިކުމަތްތެރިވުމަށެވެ.