ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
އިމްރާން އަބްދުﷲ

ބިރުވެރިކަން އުފައްދަން ޖާގައެއް ނުދޭނަން: އިމްރާން

ރައްޔިތުންނާ ދައުލަތުގެ މުދަލަށް ގެއްލުންދީ މުޖްތަމައުގައި ބިރުވެރިކަން އުފައްދަން މަސައްކަތް ކުރުމަކީ ނުބައިކަން ބޮޑު ކަމެއް ކަމަށާ އެކަމަށް ފުރުސަތު ނުދެއްވާނެ ކަމަށް ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ ވިދާޅުވެއްޖެ އެވެ.

މިނިސްޓަރު އިމްރާން މިހެން ވިދާޅުވީ މަރޭ ފަތިހު، މަހިބަދޫ ބަނދަރުގައި އަޅާފައިވާ އުޅަނދުތަކެއްގައި ރޯކޮށްލާ ބޮޑެތި ގެއްލުންތަކެއް ދީފައިވަނިކޮށެވެ.

އިމްރާން ވިދާޅުވީ އެކަކު އަނެކަކަށް އެހީތެރިވެ އަޅާލާ، އިންސާނިއްޔަތުކަމުގެ މަތިވެރި ސިފަތައް އެންމެ ބޮޑަށް ދައްކަންވީ ވަގުތު، ރައްޔިތުންނާ ދައުލަތުގެ މުދަލަށް ގެއްލުންދީ މުޖްތަމައުގައި ބިރުވެރިކަން އުފައްދަން މަސައްކަތް ކުރުމަކީ ނުބައިކަން ބޮޑު ކަމެއް ކަމަށެވެ.

"..މި ފަދަ ކަންކަމަށް އަޅުގަނޑުމެން ފުރުސަތު ނުދޭނަން." އިމްރާން ވިދާޅުވިއެވެ.

މަހިބަދޫ ބަނދަރުގައި އަޅާފައިވާ އުޅަނދުތަކެއްގައި އަލިފާން ރޯވީ ރޭ ފަތިހު 5:45 ހާއިރު ކަމަށް އެމްއެންޑީއެފް ބުންޏެވެ. ހެނދުނު 7:45 ހާއިރު ރޯވި އަލިފާންގަނޑު ނިއްވާލެވުނ ސިފައިންނާއި ފުލުހުންނާއި އެ ރަށުގެ އާންމުންގެ ތެރެއިންގެ ބަޔަކު ވެސް ބައިވެރިވެގެން ކަމަށް އެމްއެންޑީއެފް އިން ބުންޏެވެ.

ގާތްގަނޑަށް 2000 އަށް ވުރެ ގިނަ މީހުން އުޅޭ މަހިބަދޫގައި ހިނގި އެ އަލިފާނުގެ ހާދިސާގައި ރޯވެގެން ދިޔަ އުޅަނދުތަކުގެ ތެރޭގައި ސީ އެމްބިއުލާންސްއަކާއި ފުލުހުންގެ ލޯންޗަކާއި އަތޮޅު ކައުންސިލްގެ ލޯންޗެއް ވެސް ހިމެނެ އެވެ. ތެޔޮ ކުންފުނި އެޗްއެމްއެޗްގެ ދެ ލޯންޗަކާއި އިތުރު ދެ ޑިންގީއެއް ވެސް ރޯވެގެން ދިޔަ އެވެ.

އެމްއެންޑީއެފް އާއި ފުލުހުން ގުޅިގެން މިރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ކޮމިޝަނާ އޮފް ޕޮލިސް މުހައްމަދު ހަމީދު ވިދާޅުވީ، މިހާތަނަށް ފުލުހުން ކުރި ތަހުގީގުން އެ ހާދިސާ ހިނގާފައި ވަނީ ބަޔަކު ގަސްތުގައި އެ ތަކެތީގައި ރޯކޮށްލުމުން ކަން ކަށަވަރުވާ ކަމަށެވެ.

އޭގެ އިތުރު މައުލޫމާތެއް ހަމީދު ހާމައެއް ނުކުރައްވަ އެވެ. އެއީ ބަޔަކު ގަސްދުގައި ހިންގި އަމަލެއް ކަމަށް ވާއިރު އެއްވެސް މީހަކު މިހާތަނަށް ހައްޔަރު ކޮށްފައެއް ނުވެ އެވެ.

ހަމީދު އިތުރަށް ވިދާޅުވި ގޮތުގައި ރާއްޖޭގެ އެހެން ސަރަހައްދުތަކުގައި ވެސް މިފަހުން ގަސްތުގައި އަލިފާން ރޯކޮށްލުމުގެ ހާދިސާތައް ހިނގާފައިވާ ކަމަށެވެ. މި ދަނޑިވަޅުގެ ބޭނުން ހިފައި ޓެރަރިޒަމްގެ އަމަލުތައް ހިންގާ މީހުންގެ މައްސަލަތައް ވަަރަށް ސީރިއަސް މައްސަލަތަކެއްގެ ގޮތުގައި ބަލަމުންދާނެ ކަމަށް ހަމީދު ވިދާޅުވި އެވެ.