އާންމު ސިއްހަތުގެ ރައްކާތެރިކަމަށްޓަކައި އަޅާފައިވާ ފިޔަވަޅުތަކުގެ ސަބަބުން ދިމާވަމުންދާ ދަތިތަކަށް ލުޔެއް ހޯދުމަށް ފުލުހުން ފިޔަވަޅުތަކެއް އަޅަމުން އަންނަ ކަމަށާ ފުލުހުންގެ އިރުޝާދުތަކަށް ހުރިހާ ފަރާތްތަކުންވެސް ތަބާވުމަށް ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ ގޮވާލައްވައިފި އެވެ.
ކޮވިޑް-19 ގެ ބަލި މީހަކު ފުރަތަމަ ފަހަރަށް މާލެއިން ފެނިފައިވަނީ އިއްޔެއެވެ. އެއާއެކު މާލެ ވަނީ ލޮކްޑައުން އަކަށް ގެންގޮސްފައެވެ. އޭގެ ފަހުން ރޭގެ ވަގުތެއްގައި އިތުރު ދެ މީހަކު ވަނީ އެ ބައްޔަށް ޕޮޒިޓިވްވެފައެވެ.
މާލެއިން ފުރަތަމަ ފެނުނު ކޭސްއާ ގުޅިގެން މިހާރުވެސް އެތައް ބަޔަކު ވަނީ އައިސޮލޭޓްކޮށްފައެވެ. އަދި ބައެއް ގޭގޭ ވަނީ މޮނިޓަރިންގެ ހާލަތަށް ގެނެސްފައެވެ. އެކަމާ ގުޅިގެން އިތުރު 24 ގަޑިއިރަށް ލޮކްޑައުންގެ މުއްދަތު ވަނީ އިތުރުކޮށްފައެވެ. ލޮކްޑައުންގެ ސަބަބުން ކާބޯތަކެތި ގަތުމަށާއި އެ ނޫން އެހެން ޒަރޫރީ ބައެެއް ބޭނުންތަކަށްވެސް ބޭރަށް ނުނިކުމެވޭތީ ބައެއް ފަރާތްތަކަށް ވަނީ ދަތިތަކާއި ކުރިމަތިލާން ޖެހިފައެވެ.
ފުލުހުން ވަނީ މި ހާލަތުގައި ޒަރޫރީ ބޭނުންތަކަށް ބޭރަށް ނިކުންނަން ޖެހިއްޖެނަމަ ގުޅާނެ ނަންބަރެއް އާންމުކޮށް ކޯލް ސެންޓަރުގެ ހިދުމަތް ފަށާފައެވެ. ނަމަވެސް އެ ނަންބަރަށް ގުޅަން ދަތިވެ އާންމު ވަނީ ކަންބޮޑުވުން ފާޅުކޮށްފައެވެ. އަދި ޑެލިވަރީ ކޮށްދޭ ފިހާރަތަކުންވެސް ފޯން ނުނަގާކަން އާންމުން ފާހަގަ ކުރެއެވެ.
ރައްޔިތުންނަށް އިލްތިމާސްކުރައްވާ ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ ވިދާޅުވީ އާންމު ސިއްހަތުގެ ރައްކާތެރިކަމަށްޓަކައި އަޅާފައިވާ ފިޔަވަޅުތަކުގެ ސަބަބުން ދިމާވަމުންދާ ދަތިތަކަށް ލުޔެއް ހޯދުމަށް ފުލުހުން ފިޔަވަޅުތަކެއް އަޅަމުން އަންނަ ކަމަށެވެ.
"..މި ދަތި ވަގުތު ކެތްތެރިކަން އިސްކޮށް މޯލްޑިވްސް ޕޮލިސް ސާވިސްއާ ކަމާގުޅޭ ފަރާތްތަކުގެ އިރުޝާދަށް ތަވާބުމަށް އިލްތިމާސް ކުރަން."
ލޮކްޑައުންގެ ތެރޭގައި ފުލުހުންގެ އެހީތެރިކަމަށް އެދޭ ކޯލް ސެންޓަރުގެ ހިދުމަތުގެ ފެންވަރު ރަނގަޅު ކުރުމަށް މަސައްކަތް ކުރަމުން އަންނަ ކަމަށް ކޮމިޝަނާ އޮފް ޕޮލިސް މުހައްމަދު ހަމީދުވެސް ވަނީ ވިދާޅުވެފައެވެ.
ސީޕީ ހަމީދު މިއަދު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ ވިޔަފާރިތަކުންނާއި އާންމު ރައްޔިތުންގެ ފަރާތުން އެހީތެރިކަމަށް އެދި ކޯލް ސެންޓަރަށް އެއްފަހަރާ ޖަވާބު ދެވޭ އަދަދާއި ހިދުމަތުގެ ފެންވަރު ރަނގަޅު ކުރުމަށް މަސައްކަތް ކުރަމުން އަންނަ ކަމަށެވެ. އަދި އެ ހިދުމަތަށް ފަސޭހައިން އެދޭނެ އޮންލައިން ޕޯޓަލްގެ ބޭނުން ކުރުމަށް ވެސް ސީޕީ ވަނީ އެދިލައްވައިފަ އެވެ.
ސީޕީ ކުރެއްވި ޓުވީޓުގައިވާ ފޮޓޯ އިން ފެންނަ ގޮތުގައި 1400 އަށް ވުރެ ގިނަ މީހުންގެ ފޯނަށް ވަނީ ޖަވާބު ދީފަ އެވެ. އަދި 1200 އަށް ވުރެ ގިނަ މީހުންގެ ފޯނަށް ޖަވާބު ނުދެވެ އެވެ.
ލޮކްޑައުން ތެރޭގައި އެއްވެސް މީހަކު މަގުމައްޗަށް ނުނިކުތުމަށް ފުލުހުން އަންގާފައިވާއިރު ނިކުންނަ މީހުންނާ މެދު ހަރުކަށި ފިޔަވަޅު އަޅާނެ ކަމަށް ފުލުހުން ވަނީ ބުނެފަ އެވެ.