މިއަދު ހެނދުނު މާލެއިން ކޮވިޑް-19 އަށް ޕޮޒިޓިވްވި އަންހެން މީހާއާ ސީދާ ކޮންޓެކްޓްވި 10 މީހަކު ކޮވިޑް-19 އަށް ނެގެޓިވްވެފައިވާ ކަމަށް ހެލްތު ޕްރޮޓެކްޝަން އޮތޯރިޓީ (އެޗްޕީއޭ)އިން ބުނެފި އެވެ.
އެއްވެސް ޓްރެވެލް ހިސްޓްރީއެއް ނެތް އެ އަންހެން މީހާއާ ޑައިރެކްޓް ކޮންޓެކްޓް ވެގެން ސާމްޕަލް މިއަދު ނެގީ 11 މީހެއްގެ އެވެ. އޭގެ ތެރެއިން ކޮވިޑް-19 އަށް ޕޮޒިޓިވްވެފައިވަނީ އެ އަންހެން މީހާގެ ދެ އަހަރު ނުފުރޭ ދަރިފުޅެވެ. އެހެން އެންމެންގެ ނަތީޖާ ނެގެޓިވްކަން މިރޭ އެޗްޕީއޭއިން ވަނީ ހާމަކޮށްފަ އެވެ.
ކޮވިޑް-19 އަށް ޕޮޒިޓިވްވެފައިވާ ދެމައިން މިހާރު ތިބީ އައިސޮލޭޝަން ފެސިލިޓީއެއްގަ އެވެ. އަންހެން މީހާއަށް ބަލި ޖެހުނު ގޮތް މިހާތަނަށް ހޯދިފައެއް ނުވެ އެވެ. ނަމަވެސް އޭނާއާ ނުސީދާ ކޮންޓެކްޓްވި މީހުންނާއެކު 54 މީހަކު ވަނީ އެކަހެރިކޮށްފަ އެވެ.
އޭނާ ދިރިއުޅޭ ގެ އާއި އިތުރު ގެއެއް ވެސް މާލެއިން ވަނީ ލޮކްޑައުންކޮށްފަ އެވެ. އައްޑޫ ސިޓީގެ ގެއެއް ވެސް ލޮކްޑައުން ކޮށްފައިވާއިރު ކ. ކާށިދޫ ވެސް ވަނީ ކޮންޓެކްޓް ޓްރޭސިންއަށް ލޮކްޑައުންކޮށްފަ އެވެ.
މާލޭގައި މިހާރު ކޮވިޑް-19 ބަލި ފެތުރެނީ ކަމަށް ބަލައި ރެޑް އެލާޓަށް ވަނީ މާލެ ގެނެސްފަ އެވެ. އަދި ކުރިއަށް އޮތް 24 ގަޑިއިރު މާލެއަށް އަރާ ފޭބުމާއި މާލޭގައި މީހުން ބޭރަށް ނުކުމެ އުޅުން ވަނީ މަނާކޮށްފަ އެވެ.
ރައީސް އިބްރާހިމް މުހައްމަދު ސޯލިހު މިއަދު ވަނީ މިކަމާ ގުޅިގެން ގައުމާ މުހާތަބު ކުރައްވާފަ އެވެ. ކީރިތި ކުރައްވަމުން ރައީސް ސޯލިހު އެދިވަޑައިގެންފައިވަނީ ރައްތިތުން ކެތްތެރިވެ އޯގާތެރިވުމަށެވެ. އަދި އެކަކު އަނެއްކަކަށް އެހީތެރިކަން ފޯރުކޮށްދީ ހިކުމަތްތެރިވުމަށެވެ.