ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
ހަބަރު

ދެވަނައަށް ޕޮޒިޓިވްވީ ތުއްތު ދަރިފުޅު

މާލެއިން ދެވަނައަށް ކޮވިޑް-19 އަށް ޕޮޒިޓިވްވެފައިވަނީ ކުޑަ ކުއްޖެއް ކަމަށް ހެލްތު ޕްރޮޓެކްޝަން އޮތޯރިޓީ (އެޗްޕީއޭ)އިން މިރޭ ބުނެފި އެވެ.

އެޗްޕީއޭއިން ބުނި ގޮތުގައި އެ ކުއްޖާއަކީ މިއަދު ހެނދުނު ކޮވިޑް-19 އަށް ޕޮޒިޓިވް ކަމުގެ ނަތީޖާ ލިބުނު އަންހެން މީހާގެ ދަރިފުޅެވެ. އެ ދެމައިން މިހާރު ތިބީ އައިސޮލޭޝަން ފެސިލިޓީއަށް ގެންގޮސްފަ އެވެ.

ދެމައިން ދިރިއުޅޭ ޖަރީމާގެއިން ދެން ޓެސްޓްކުރި 10 މީހުން ކޮވިޑް-19 އަށް ނެގެޓިވް ކަމަށް ވެސް އެޗްޕީއޭއިން މިރޭ ވަނީ ބުނެފަ އެވެ. އެހެން ނަމަވެސް އަދިވެސް ކޮންޓެކްޓް ޓްރޭސިން ދަނީ ކުރަމުންނެވެ. އަދި ނުސީދާ ކޮންޓެކްޓްވި މީހުންނާއެކު 54 މީހަކު ވަނީ އެކަހެރިކޮށްފަ އެވެ.

ކޮވިޑް-19 އަށް މާލެއިން ފުރަތަމަ ޕޮޒިޓިވްވި އަންހެން މީހާއަކީ އެއްވެސް ޓްރެވެލް ހިސްޓްރީއެއް އޮތް މީހެއް ނޫނެވެ. އެހެންކަމުން އޭނާއަށް ބަލި ޖެހުނު ގޮތެއް އަދި ވަނީ ނުހޯދި އެވެ.

އޭނާ ދިރިއުޅޭ ގެ އާއި އިތުރު ގެއެއް ވެސް މާލެއިން ވަނީ ލޮކްޑައުންކޮށްފަ އެވެ. އައްޑޫ ސިޓީގެ ގެއެއް ވެސް ލޮކްޑައުން ކޮށްފައިވާއިރު ކ. ކާށިދޫ ވެސް ވަނީ ކޮންޓެކްޓް ޓްރޭސިންއަށް ލޮކްޑައުންކޮށްފަ އެވެ.

މާލޭގައި މިހާރު ކޮވިޑް-19 ބަލި ފެތުރެނީ ކަމަށް ބަލައި ރެޑް އެލާޓަށް ވަނީ މާލެ ގެނެސްފަ އެވެ. އަދި ކުރިއަށް އޮތް 24 ގަޑިއިރު މާލެއަށް އަރާ ފޭބުމާއި މާލޭގައި މީހުން ބޭރަށް ނުކުމެ އުޅުން ވަނީ މަނާކޮށްފަ އެވެ.

ރައީސް އިބްރާހިމް މުހައްމަދު ސޯލިހު މިއަދު ވަނީ މިކަމާ ގުޅިގެން ގައުމާ މުހާތަބު ކުރައްވާފަ އެވެ. ކީރިތި ކުރައްވަމުން ރައީސް ސޯލިހު އެދިވަޑައިގެންފައިވަނީ ރައްތިތުން ކެތްތެރިވެ އޯގާތެރިވުމަށެވެ. އަދި އެކަކު އަނެއްކަކަށް އެހީތެރިކަން ފޯރުކޮށްދީ ހިކުމަތްތެރިވުމަށެވެ.