މާލެއިން ކޮވިޑް-19 އަށް ޝައްކު ކުރެވޭ އަލާމާތްތަކެއް ހުރި 14 މީހަކު ފެނިގެން އެމީހުން އެކަހެރިކޮށް ޓެސްޓް ކުރުމުގެ މަސައްކަތް ފަށާފައިވާ ކަމަށް ހެލްތު ޕްރޮޓެކްޝަން އޮތޯރިޓީ (އެޗްޕީއޭ)އިން ބުނެފި އެވެ.
އެޗްޕީއޭއިން ބުނި ގޮތުގައި އެ 14 މީހުންނަކީ ވެސް މިއަދު ހެނދުނު ކޮވިޑް-19 އަށް ޕޮޒިޓިވްވި އަންހެން މީހާއާ ކޮންޓެކްޓްވެފައި ތިބި މީހުންނެވެ. އެމީހުން އެކަހެރިކުރުމަށް ނިންމާފައިވަނީ ހުޅުލޭ އައިސޮލޭޝަން ފެސިލިޓީގަ އެވެ.
އަންހެން މީހާއާ ސީދާ ކޮންޓެކްޓްވި 11 މީހެއްގެ ސާމްޕަލް މިއަދު ވަނީ ނަގާފަ އެވެ. އެއީ އޭނާއާ އެއް ގެއެއްގައި ދިރިއުޅޭ މީހުންނެވެ. އޭގެ ތެރެއިން ކޮވިޑް-19 އަށް ޕޮޒިޓިވް ކަމުގެ ނަތީޖާ ލިބުނީ ހަމައެކަނި އަންހެން މީހާގެ ތުއްތު ދަރިފުޅުގެ އެވެ. އަނެއް 10 މީހުން ނެގެޓިވް އެވެ.
މާލެއިން ފެނުނު ފުރަތަމަ ކޮވިޑް-19 ކޭސްއާ ގުޅިގެން އަދިވެސް ކޮންޓެކްޓް ޓްރޭސިން ދަނީ ކުރަމުންނެވެ. ކޮވިޑް-19 އަށް މާލެއިން ފުރަތަމަ ޕޮޒިޓިވްވި އަންހެން މީހާއަކީ އެއްވެސް ޓްރެވެލް ހިސްޓްރީއެއް އޮތް މީހެއް ނޫނެވެ. އެހެންކަމުން އޭނާއަށް ބަލި ޖެހުނު ގޮތެއް އަދި ވަނީ ނުހޯދި އެވެ.
އޭނާ ދިރިއުޅޭ ގެ އާއި އިތުރު ގެއެއް ވެސް މާލެއިން ވަނީ ލޮކްޑައުންކޮށްފަ އެވެ. އައްޑޫ ސިޓީގެ ގެއެއް ވެސް ލޮކްޑައުން ކޮށްފައިވާއިރު ކ. ކާށިދޫ ވެސް ވަނީ ކޮންޓެކްޓް ޓްރޭސިންއަށް ލޮކްޑައުންކޮށްފަ އެވެ.
މާލޭގައި މިހާރު ކޮވިޑް-19 ބަލި ފެތުރެނީ ކަމަށް ބަލައި ރެޑް އެލާޓަށް ވަނީ މާލެ ގެނެސްފަ އެވެ. އަދި ކުރިއަށް އޮތް 24 ގަޑިއިރު މާލެއަށް އަރާ ފޭބުމާއި މާލޭގައި މީހުން ބޭރަށް ނުކުމެ އުޅުން ވަނީ މަނާކޮށްފަ އެވެ.
ރައީސް އިބްރާހިމް މުހައްމަދު ސޯލިހު މިއަދު ވަނީ މިކަމާ ގުޅިގެން ގައުމާ މުހާތަބު ކުރައްވާފަ އެވެ. ކީރިތި ކުރައްވަމުން ރައީސް ސޯލިހު އެދިވަޑައިގެންފައިވަނީ ރައްތިތުން ކެތްތެރިވެ އޯގާތެރިވުމަށެވެ. އަދި އެކަކު އަނެއްކަކަށް އެހީތެރިކަން ފޯރުކޮށްދީ ހިކުމަތްތެރިވުމަށެވެ.