ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
ހަބަރު

މާލެއިން ތިންވަނަ މީހަކު ޕޮޒިޓިވްވެއްޖެ

މާލެ ސިޓީއިން ތިންވަނަ މީހަކު ކޮވިޑް-19 އަށް ޕޮޒިޓިވްވެއްޖެ އެވެ. ތިންވަނައަށް ވެސް މާލެއިން ޕޮޒިޓިވްވެފައިވަނީ ދިވެއްސެކެވެ. ހެލްތު ޕްރޮޓެކްޝަން އޮތޯރިޓީ (އެޗްޕީއޭ)އިން ބުނި ގޮތުގައި ތިންވަނައަށް ޕޮޒިޓިވް ނަތީޖާ ލިބުނު މީހާއަކީ މާލެއިން ފުރަތަމަ ޕޮޒިޓިވްވި އަންހެން މީހާއާ ޑައިރެކްޓް ކޮންޓެކްޓްވެފައިވާ މީހެއް ކަމަށެވެ.

އެމީހާ މިހާރު ވަނީ އައިސޮލޭޝަން ފެސިލިޓީއަކަށް ގެންގޮސް އެކަހެރިކޮށް ފަރުވާދޭން ފަށާފަ އެވެ.

މާލެއިން ފުރަތަމަ ކޮވިޑް-19 އަށް ޕޮޒިޓިވްވި އަންހެން މީހާއަކީ ޓެރެވެލް ހިސްޓްރީއެއް އޮތް މީހެއް ނޫނެވެ. އޭނާއަށް ބަލި ޖެހުނު ގޮތް މިހާތަނަށް ހޯދިފައެއް ނުވެ އެވެ. ނަމަވެސް އޭނާއާ އެކި ގޮތްގޮތުން ކޮންޓެކްޓްވި މީހުން ހޯދައި ޓެސްޓް ކުރުމުގެ މަސައްކަތް ދަނީ ކުރަމުންނެވެ.

މީގެކުރިން އެ އަންހެން މީހާގެ ތުއްތު ދަރިފުޅު ވަނީ ކޮވިޑް-19 އަށް ޕޮޒިޓިވްވެފަ އެވެ. އެއީ މާލެއިން ކޮވިޑް-19 އަށް ޕޮޒިޓިވްވި ދެވަނަ ކޭސް އެވެ. އެ ދެމައިން ވެސް ތިބީ އައިސޮލޭޝަން ފެސިލިޓީއެއްގަ އެވެ.

ދެމައިން ދިރިއުޅޭ ގެއިން އިތުރު 10 މީހެއްގެ ސާމްޕަލް ވެސް ނެގި އެވެ. ނަމަވެސް އެ އެންމެންގެ ނަތީޖާ ވެސް ނެގެޓިވް އެވެ.

މީގެއިތުރުން އަންހެން މީހާއާ ކޮންޓެކްޓްވި 14 މީހެއްގެ ފަރާތުން ވަނީ ކޮވިޑް-19 އަށް ޝައްކު ކުރެވޭ އަލާމާތްތަކެއް ފެނިފަ އެވެ. އެ އެންމެން ވެސް ހުޅުލޭ އައިސޮލޭޝަން ފެސިލިޓީއަށް ވަނީ ގެންގޮސްފަ އެވެ. އެމީހުންގެ ނަތީޖާ އަދި ނުލިބެ އެވެ.

އަންހެން މީހާ ދިރިއުޅޭ ގެ އާއި އިތުރު ގެއެއް ވެސް މާލެއިން ވަނީ ލޮކްޑައުންކޮށްފަ އެވެ. އައްޑޫ ސިޓީގެ ގެއެއް ވެސް ލޮކްޑައުން ކޮށްފައިވާއިރު ކ. ކާށިދޫ ވެސް ވަނީ ކޮންޓެކްޓް ޓްރޭސިންއަށް ލޮކްޑައުންކޮށްފަ އެވެ.

މާލޭގައި މިހާރު ކޮވިޑް-19 ބަލި ފެތުރެނީ ކަމަށް ބަލައި ރެޑް އެލާޓަށް ވަނީ މާލެ ގެނެސްފަ އެވެ. އަދި ކުރިއަށް އޮތް 24 ގަޑިއިރު މާލެއަށް އަރާ ފޭބުމާއި މާލޭގައި މީހުން ބޭރަށް ނުކުމެ އުޅުން ވަނީ މަނާކޮށްފަ އެވެ.

ރައީސް އިބްރާހިމް މުހައްމަދު ސޯލިހު މިއަދު ވަނީ މިކަމާ ގުޅިގެން ގައުމާ މުހާތަބު ކުރައްވާފަ އެވެ. ކީރިތި ކުރައްވަމުން ރައީސް ސޯލިހު އެދިވަޑައިގެންފައިވަނީ ރައްތިތުން ކެތްތެރިވެ އޯގާތެރިވުމަށެވެ. އަދި އެކަކު އަނެއްކަކަށް އެހީތެރިކަން ފޯރުކޮށްދީ ހިކުމަތްތެރިވުމަށެވެ.