ކުޅިވަރު

ލީގް ނުނިމުނަސް ޖޫން 30 އަށް ސީޒަން ނިންމާލަނީ

އިނގިރޭސި ޕްރިމިއާ ލީގްގައި ތާވަލުކޮށްފައިވާ ހުރިހާ މެޗެއް ނުކުޅެވުނަސް، ޖޫން 30 ނިޔަލަށް ސީޒަން ނިންމާލުމަށް ކުލަބުތަކުން އެއްބަސް ވެއްޖެ އެވެ.

ދަ ގާޑިއަން ނޫހުގައި ބުނެފައި ވަނީ، ސީޒަން ނިންމާލުމުގެ އެންމެ ފަހު ތާރީހަކަށް ޖޫން 30 ކަނޑައެޅުމަށް، ކުލަބުތަކުގެ މަޝްވަރާގެ ފުރަތަމަ މަރުހަލާގައި އެއްބަސް ވެފައިވާ ކަމަށެވެ. އެކަމާ ބެހޭގޮތުން ރަސްމީ ނިންމުމެއް ނިންމަން މާދަމާ ކޮންފަރެންސް ބައްދަލުވުމަކަށް ގޮވާލާފައިވާ ކަމަށް އެ ނޫހުގައި ބުނެފައި ވެއެވެ.

ޖޫން 30 ސީޒަން ނިންމާލަން ކުލަބުތަކުން ބޭނުންވާ މައިގަނޑު ސަބަބަކީ، ކުޅުންތެރިންނާއި ޓީމު އޮފިޝަލުންގެ ކޮންޓްރެކްޓްތަކެއް ޖޫން 30 އަށް ހަމަވާތީ އޭގެ ކުރިން ސީޒަން ނިންމާލައި ވީއްލަން ޖެހޭ ކުޅުންތެރިން ކޮންޓްރެކްޓާ އެއްގޮތަށް ވީއްލުމެވެ.

އެ މައްސަލަ ފެންމަތިވާން ފެށުމުން، ފީފާއިން ބުނެފައި ވަނީ މިހާލަތުގައި ކޮންޓްރެކްޓް މުއްދަތު އޮޓަމެޓިކުން އިތުރު ވުމުގައި އިއުތިރާޒެއް ނެތް ކަމަށެވެ. އެހެންނަމަވެސް އިނގިރޭސި ކުލަބުތަކުގެ ކަންބޮޑުވުމަކީ އެ ގައުމުގެ ކޮންޓްރެކްޓް ގާނޫނާއި ހިލާފް ވެދާނެކަމުގެ ބިރު އޮތުމެވެ.

ޕްރިމިއާ ލީގުން އަންދާޒާ ކުރަނީ، އަންނަ މަހު އަލުން ސީޒަން ފަށައި، ޖޫން 30 އާ ހަމައަށް 38 މެޗު ފުރިހަމަ ކުރެވޭނެ ކަމަށެވެ. ގިނަ ކުލަބުތަކަށް ބާތީ އޮތީ ނުވަ މެޗެވެ. ކުލަބުތަކުން ބޭނުންވާ ގޮތަށް ސީޒަން ނިންމާލުމުގެ އުސޫލު ފާސް ކުރާނަމަ، ލީގްގެ 20 ކުލަބުގެ ތެރެއިން 14 ކުލަބެއްގެ ވޯޓް ބޭނުން ވާނެ އެވެ.

މިހާރު މުޅި ދުނިޔޭގައި ފެތުރެމުންދާ ކޮވިޑް-19 އާ ގުޅިގެން، ޕްރިމިއާ ލީގް މެދު ކަނޑާލީ މާޗް މަހު އެވެ.