ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
ހަބަރު

ޔޫއޭއީގައި އުޅޭ ދިވެހިންނަށް ފޮނުވާ ތަކެތި ބަލައިގަތުން މެދުކަނޑާލައިފި

Apr 16, 2020

މާލެ ސަރަހައްދު މިވަގުތު ލޮކްޑައުން ކޮށްފައިވާތީ، ޔުނައިޓެޑް އެރެބް އެމިރޭޓްސް (ޔޫއޭއީ)ގައި ދިރިއުޅޭ ދިވެހިންނަށް ފޮނުވާ ތަކެތި ބަލައިގަތުން މެދުކަނޑާލެވިފައިވާކަމަށް ފޮރިން މިނިސްޓްރީން ބުނެފި އެވެ.

ކޮވިޑް-19 އާ ގުޅިގެން ޔޫއޭއީގައި ދިރިއުޅޭ ދިވެހިންނަށް ޒަރޫރީ ބޭނުންތަކަށް ބޭނުންވާ ބައެއް ތަކެތި ހޯދަން ދަތިތައް ކުރިމަތިވެފައި ވާތީ އެ ގައުމުގައި ދިރިއުޅޭ ދިވެހިންނަށް ތަކެތި ފޮނުވުމުގެ ފުރުސަތު ވަނީ ހުޅުވާލައިފަ އެވެ. ފޮރިން މިނިސްޓްރީން މީގެ ކުރިން ބުނެފައިވަނީ، މާދަމާގެ ވަގުތެއްގައި މޯލްޑިވިއަންގެ ފްލައިޓެއް ޔޫއޭއީއަށް ދަތުރެއް ކުރަން ނިންމާފައިވާ ކަމަށާއި އެ ދަތުރުގައި ދިވެހި އާއިލާތަކަށް ބޭނުންވާ ތަކެތި ފޮނުވައިދޭނެ ކަމަށެވެ.

ނަމަވެސް، ކޮވިޑް-19އަށް މާލެއިން މީހަކު ޕޮޒިޓިވްވުމާ ގުޅިގެން، މުޅި މާލެ ސަރަހައްދު ވަނީ މިއަދުގެ މެންދުރުފަހު 3:00 އާ ހަމައަށް ލޮކްޑައުންކޮށްފަ އެވެ.

އެއާއަކު، ޔޫއޭއީއަށް ފޮނުވާ ތަކެތި ބަލައިގަތުން މިވަގުތަށް މެދުކަނޑާލެވިފައިވާ ކަމަށާއި ޕެކޭޖްތައް ބަލައިގަންނާނެ ދުވަހެއް ފަހުން އިއުލާން ކުރާނެކަމަށް ފޮރިން މިނިސްޓްރީން ވަނީ ބުނެފަ އެވެ.

ނަމަވެސް، ޔޫއޭއީއަށް މޯލްޑިވިއަންގެ ފްލައިޓު ކުރަންއޮތް ދަތުރު ފަސްކުރިކަމެއް ނުވަތަ ނޫން ކަމެއް އަދި ހާމަކޮށްފައެއް ނުވެ އެވެ.

މާލެއިން ފުރަތަމަ ކޮވިޑް-19 އަށް ޕޮޒިޓިވްވި އަންހެން މީހާއަކީ ޓެރެވެލް ހިސްޓްރީއެއް އޮތް މީހެއް ނޫނެވެ. އޭނާއަށް ބަލި ޖެހުނު ގޮތް މިހާތަނަށް ހޯދިފައެއް ނުވެ އެވެ. ނަމަވެސް އޭނާއާ އެކި ގޮތްގޮތުން ކޮންޓެކްޓްވި މީހުން ހޯދައި ޓެސްޓް ކުރުމުގެ މަސައްކަތް ދަނީ ކުރަމުންނެވެ.

އޭގެ ފަހުން، އޭނާއާ ސީދާ ކޮންޓެކްޓުވި އިތުރު ދެ މީހަކު ވަނީ އެ ވައިރަހަށް ޕޮޒިޓިވްވެފަ އެވެ. އޭގެ ތެރޭގައި އެ އަންހެން މީހާގެ ތުއްތު ދަރިފުޅުވެސް ހިމެނެ އެވެ.

ދެމައިން ދިރިއުޅޭ ގެއިން އިތުރު 10 މީހެއްގެ ސާމްޕަލް ވެސް ނެގި އެވެ. ނަމަވެސް އެ އެންމެންގެ ނަތީޖާ ވެސް ނެގެޓިވް އެވެ.

މީގެއިތުރުން އަންހެން މީހާއާ ކޮންޓެކްޓްވި 14 މީހެއްގެ ފަރާތުން ވަނީ ކޮވިޑް-19 އަށް ޝައްކު ކުރެވޭ އަލާމާތްތަކެއް ފެނިފަ އެވެ. އެ އެންމެން ވެސް ހުޅުލޭ އައިސޮލޭޝަން ފެސިލިޓީއަށް ވަނީ ގެންގޮސްފަ އެވެ. އެމީހުންގެ ނަތީޖާ އަދި ނުލިބެ އެވެ.

އަންހެން މީހާ ދިރިއުޅޭ ގެ އާއި އިތުރު ގެއެއް ވެސް މާލެއިން ވަނީ ލޮކްޑައުންކޮށްފަ އެވެ. އައްޑޫ ސިޓީގެ ގެއެއް ވެސް ލޮކްޑައުން ކޮށްފައިވާއިރު ކ. ކާށިދޫ ވެސް ވަނީ ކޮންޓެކްޓް ޓްރޭސިންއަށް ލޮކްޑައުންކޮށްފަ އެވެ.

މާލޭގައި މިހާރު ކޮވިޑް-19 ބަލި ފެތުރެނީ ކަމަށް ބަލައި ރެޑް އެލާޓަށް ވަނީ މާލެ ގެނެސްފަ އެވެ. އަދި މިއަދު ލޮކްޑައުންގެ މުއްދަތު ހަމަވާއިރު، އެ މުއްދަތު އިތުރުކުރާނެކަމަށް ބެލެވެ އެވެ.