ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
ރިޕޯޓް

ހާސްކަމުގެ ތެރެއިން އުފެދޭ އެންމެ މުހިއްމު ސުވާލު

Apr 16, 2020
3

"މިއީ ތޫފާނެއްގެ ތެރެއިން އަންނަ ހިމޭން ވަގުތުކޮޅަކަށް ވެދާނެ،" ސަރުކާރުގެ ވައިރަހާ ގުޅޭ ތަރުޖަމާނު މަބުރޫކު އަޒީޒް މީގެ ދުވަސްތަކެއް ކުރިން ވިދާޅުވި އެވެ. މަބުރޫކުގެ އިތުރުން ރާއްޖޭގެ ސިއްހީ މާހިރުން އިންޒާރު ދެއްވަމުން އައި ދުވަސް މިއޮތީ އައިސްފަ އެވެ. އެ ވިދާޅުވި ތޫފާނު މިވަނީ އެންމެ ފަހުން ދިވެހިންނާވެސް އަރާ ހަމަކޮށްފަ އެވެ.

ބައިބޯ މާލޭގައި މީހަކު އެ ވައިރަހަށް އިއްޔެ ޕޮޒިޓިވްވި ހަބަރާއެކު މުޅި ރާއްޖެއަށް ބިރުވެރިކަމާއި ހާސްކަން ފެތުރިގެންދިއަ އެވެ. އެތަކެއް ހަފްތާއެއް ވަންދެން ސިއްހީ ބޭފުޅުން އެ އިންޒާރު ދެމުންދިއަ ނަމަވެސް، އެ އާދޭސް އަޑުއިވުނު މީހުން މަދެވެ. އެކަމަކު އެ ބިރުވެރި އިންޒާރު ކުއްލިއަކަށް ހަގީގަތަކަށްވެގެންދިޔުމާއެކު، މިހާރު މާލޭގެ އިތުރުން މުޅި ރާއްޖެ ހުށަހެޅިފައިވާ ނުރައްކާތެރި ހާލަތަށް ގިނަ ބައަކު ވަނީ ހޭލެވިފަ އެވެ. އަދިވެސް ނިދީގައި ތިބި މީހުނަށް، ރައީސް އިބްރާހިމް މުހައްމަދު ސޯލިހު އިއްޔެ ދެއްވި ހިތާބު ބަލައިލުމުން އެ ބިރުވެރިކަން ވަޒަންކުރެވޭނެ އެވެ.

ނަމަވެސް، މިހާރު އުފެދިފައިވާ ހާސްކަމުގެ ތެރެއިން، އަދިވެސް ޖަވާބު ނުލިބޭ ސުވާލު ދެމި އެބަ އޮތެވެ. އެއީ ބިރުވެރިކަން އިތުރުވާ ސުވާލެވެ. އިއްޔެ ކޮވިޑް-19އަށް ޕޮޒިޓިވްވި އަންހެން މީހާއަށް އެ ވައިރަސް ޖެހުނު ގޮތަކާބެހޭ ގޮތުން، އާއްމުންގެ އިތުރުން ސިއްހީ މާހިރުންގެ މެދުގައި އަދިވެސް ޖަވާބު ނުލިބޭ ސުވާލެވެ.

އިއްޔެ އާއްމުކުރި މައުލޫމާތުތަކަށް ބަލާއިރު، އެ އަންހެން މީހާ، ފަހުގެ ތާރީހެއްގައި ރާއްޖޭން ބޭރަށް ދަތުރުކޮށްފައެއް ނުވެ އެވެ. އަދި އެ ބައްޔަށް ޕޮޒިޓިވްވި އެހެން މީހަކާ ސީދާ ގުޅުމެއްވެސް ނެތެވެ. އޭނާއަށް ބަލިޖެހިފައިވާކަން އެނގުނީ މާލޭގައި ހުންނަ ފްލޫ ކްލިނިކަށް ދިޔުމުން ޓެސްޓު ހެދުމުންނެވެ.

އެއާއެކު ރާއްޖޭގައި އޮތް އެލާޓް ލެވަލް އެންމެ މަތިކުރަންޖެހޭ ހާލަތަށް ވެއްޓުނީ އެވެ. އެއީ ރާއްޖޭގައި ކޮމިޔުނިޓީ ޓްރާންސްމިޝަނެއްކަމަށް މިހާތަނަށް ލިބިފައިވާ މައުލޫމާތަކުން ބެލެވޭތީ އެވެ. ކޮމިއުނިޓީ ޓްރާންސްމިޝަނަކީ ކޮވިޑް-19 ޖެހިފައިވާ މީހަކާ އެއްވެސް ގުޅުމެއް ނެތް މީހަކު އެ ބަލި ޖެހުމެވެ. އަދި އެއީ، މުޖުތަމައުގައި ބަލި ޖެހިފައި ހުރި މީހެއްގެ ކިބައިން އެކަކު އަނެކަކު ގަޔަށް ބަލި ފެތުރެން ފެށުމުގެ ހާލަތެވެ. މިއީ މި ވައިރަސް ފެތުރި ގަންނަ އެންމެ ނުރައްކާ ހާލަތެވެ.

އެންއީއޯސީގެ ފަރާތުން އިއްޔެ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ޑރ. އަލީ ލަތީފް ވިދާޅުވީ، މާލެއިން ޕޮޒިޓިވްވި މީހާއަށް އެ ބަލި ޖެހުނު ގޮތެއް އަދި ދެނެގަނެވިފައިނުވާ ކަމަށެވެ.

"އޭނާ މިފަހުން ރާއްޖޭން ބޭރަށް ދަތުރުކޮށްފައެއް ނުވޭ. އަދި އެބައްޔަށް ޕޮޒިޓިވްވި އެހެން މީހަކާ ސީދާ ގުޅުމެއް އޮތް ކަމަށް މިހާތަނަށް ބެލި ބެލުމުން އެނގޭކަށް ނެތް،" ޑރ. ލަތީފް ވިދާޅުވި އެވެ.

އެގޮތުން، އެ އަންހެން މީހާއަށް އެ ބަލިޖެހިފައިވެދާނެ ގޮތެއް ޑރ. އަލީ ލަތީފު އިއްޔެ ވަނީ އަންދާޒާ ކުރައްވައިފަ އެވެ.

ޑރ. ލަތީފް ވިދާޅުވި ގޮތުގައި، މިހާރު ހޯދިފައިވާ މައުލޫމާތުތަކަށް ބަލާއިރު، އެ މީހާއަށް ބަލިޖެހިފައިވުމުގެ ފުރުސަތު ބޮޑީ، އެ ބައްޔަށް ޕޮޒިޓިވްވެ، އެކަމަކު ބަލީގެ އެއްވެސް އަލާމާތެއް ނުފެންނަ މީހެއްގެ ފަރާތުން ކަމަށެވެ.

މިއީ މުޅި ދުނިޔޭގައި ވެސް އެ ބަލި ފެތުރޭ އެންމެ ނުރައްކާތެރި ހާލަތެވެ. ބަލިޖެހިފައި ހުރިކަން ނޭނގޭ މީހަކު މުޖުތަމައުގެ ތެރެއަށް ދޫވެފައި ހުރުމެވެ. އެ ނޫސްވެރިންގެ ބައްދަލުވުމުގައި ހެލްތު ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ)ގެ މެޑިކަލް އޮފިސަރު ޑރ. ނަޒްލާ ރަފީގު ވިދާޅުވީ ބައްޔަށް ޕޮޒިޓިވްވި މީހާ ދިޔަ ތަންތަނާއި، ބައްދުލުވި މީހުން ވަރަށް ތަފްސީލީ މެޕެއްގެ ސިފާގައި ކުރަހަމުން އަންނަ ކަމަށެވެ.

މި ބަލާއާފާތުގެ ތެރެއިން ސަރުކާރުން އަޅާފައިވާ ފިޔަވަޅުތަކަށާއި، ބަލީގެ އިންކިޔުބޭޝަން މުއްދަތުގެ ގޮތުގައި އާއްމު ގޮތެއްގައި ބަލާ މުއްދަތަށް ބަލާއިރު، އެ މީހާއާ ހަމައަށް ބަލި ވާސިލްވާނެ އޮތީ މައިގަނޑު ތިން ހާލަތެކެވެ.

އެންމެ ފުރަތަމަ ހާލަތަކީ، ކަރަންޓީނު ކުރި މުއްދަތުގައި ބަލީގެ އަލާމާތެއް ނުފެންނާތީ ދޫކޮށްލި މީހެއްގައި ގާގައި އެ ވައިރަސް ހުރީ އެވެ. ރާއްޖެ އަންނަ ހުރިހާ އެންމެން ކަރަންޓީނު ކުރަން ސަރުކާރުން ނިންމީ މިދިޔަ މަހުގެ 21 ވަނަ ދުވަހު އެވެ. އަދި ކަރަންޓީނުން ދޫކުރުމުގެ ކުރިން މީހުން ކޮވިޑް-19 އަށް ޓެސްޓުކުރަން ނިންމީ އޭގެ އަށް ދުވަސް ފަހުންނެވެ.

އެ އުސޫލުން ބަލާއިރު، އެ ތާރީހުގެ ކުރިން، ބަލީގެ އެއްވެސް އަލާމާތެއް ނުފެންނާތީ ޓެސްޓު ނުކޮށް ދޫކޮށްލި މީހުންގެ ތެރޭގައި ބަލި ޖެހިފައި ހުރި މީހަކު ހުރީ އެވެ.

ދެވަނަ ހާލަތަކީ ރާއްޖެއިން ބޭރުން އައިސް ކަރަންޓީނުގައި ހުރި މީހަކު ޓެސްޓް ކުރުމުގައި ދިމާވި މައްސަލައަކުން ބަލި ހުރިކަން ދެނެގަނެވިފައިނުވުމެވެ. މީގެ ކުރިން ރާއްޖޭގައި ކަރަންޓީނުގައި ތިބުމަށްފަހު އަލާމާތްތައް ނެތުމުން، ރާއްޖޭން ފުރައިގެން ދިއުމުގެ ހުއްދަ ދިން ދެ ބިދޭސީއަކު ފަހުން އެ ބައްޔަށް ޕޮޒިޓިވްވެފައިވެ އެވެ. އެގޮތަށް ބަލާއިރު، ދެވަނަ ހާލަތުގެ ދަށުން އެ އަންހެންމީހާއަށް ބަލިޖެހުނީ ޓެސްޓު ކުރުމުގައި ދިމާވި މައްސަލައަކުން ކަމަށްވުމުގެ ފުރުސަތުވެސް އެބަ އޮތެވެ.

ތިންވަނަ ހާލަތަކީ ރިސޯޓަކުން ނޫނީ ސަފާރީއަކުން އައި މުވައްޒަފެއްގެ ފަރާތުން އެ ބަލި ޖެހުމުގެ ފުރުސަތެވެ. މިދިޔަ ހަފްތާއެއްހާ ދުވަސް ތެރޭގައި ރިސޯޓް، ސަފާރީތަކުން މުވައްޒަފުން ވަނީ ފައިބަން ފަށައިފަ އެވެ. އޭގެ ތެރެއިންވެސް ބައްޔަށް ޝައްކުކުރެވޭ އަލާމާތެއް ނެތް މީހުން، ޓެސްޓެއް ނުކުރެ އެވެ. އެހެންކަމުން، މާލެއަށް އައި އެފަދަ މީހެއްގެ ފަރާތުން އެ އަންހެން މީހާއަށް އެ ބަލި ޖެހުމުގެ ހާލަތަކީވެސް ކަމާބެހޭ އިދާރާތަކުން ކުރާ މަސައްކަތުގެ ތެރެއިން ޔަގީންކުރާނެ ހާލަތެކެވެ.

އެ އަންހެން މީހާ ކޮވިޑް-19އަށް ޕޮޒިޓިވްވުމާއެކު، މުޅި މާލެ ސަރަހައްދު ވަނީ ލޮކްޑައުންކޮށްފަ އެވެ. އޭގެ ފަހުން، އޭނާއާ ސީދާ ކޮންޓެކްޓުވި އިތުރު ދެ މީހަކު ވަނީ އެ ވައިރަހަށް ޕޮޒިޓިވްވެފަ އެވެ. އޭގެ ތެރޭގައި އެ އަންހެން މީހާގެ ތުއްތު ދަރިފުޅުވެސް ހިމެނެ އެވެ. މީގެއިތުރުން އަންހެން މީހާއާ ކޮންޓެކްޓްވި 14 މީހެއްގެ ފަރާތުން ވަނީ ކޮވިޑް-19 އަށް ޝައްކު ކުރެވޭ އަލާމާތްތަކެއް ފެނިފަ އެވެ. އެ އެންމެން ވެސް ހުޅުލޭ އައިސޮލޭޝަން ފެސިލިޓީއަށް ވަނީ ގެންގޮސްފަ އެވެ. އެމީހުންގެ ނަތީޖާ އަދި ނުލިބެ އެވެ.

އަންހެން މީހާ ދިރިއުޅޭ ގެ އާއި އިތުރު ގެއެއް ވެސް މާލެއިން ވަނީ ލޮކްޑައުންކޮށްފަ އެވެ. އައްޑޫ ސިޓީގެ ގެއެއް ވެސް ލޮކްޑައުން ކޮށްފައިވާއިރު ކ. ކާށިދޫ ވެސް ވަނީ ކޮންޓެކްޓް ޓްރޭސިންއަށް ލޮކްޑައުންކޮށްފަ އެވެ.

މާލެ ލޮކްޑައުންކޮށްގެން އެ އަންހެން މީހާއާ ބައްދަލު އެންމެން ހޯދުމުގެ މަސައްކަތް ދަނީ ކުރިއަށެވެ. އެހެނަސް، އެ އެންމެން ދެނެގަނެވި، އެކަހެރި ކުރެވުނު ނަމަވެސް، މިހާރު އުފެދިފައިވާ ބިރުވެރި ހާލަތް އަދިވެސް ދެމިއޮންނާނެ އެވެ. އެ އަންހެން މީހާއަށް ބަލި ޖެހުނު ގޮތެއް ދެނެގަތުމަކީ މިހާރު އެންމެ މުހިއްމު މަސައްކަތަށް ވަނީވެފަ އެވެ. މި ބަލި މުޅި ރާއްޖެއަށް ފެތުރިގެން ދިޔުން ހުއްޓުވޭނީ، އެ އަންހެންމީހާއާ ހަމައަށް އެ ބަލި ވާރުތަވި ގޮތް ހޯދިގެންނެވެ. އޭނާއަށް އެ ބަލި ޖެހުނު ފަރާތް ހޯދިގެން މެނުވީ، އެ މަސައްކަތަށް ކުރިއެރުމެއް ލިބޭނެ ގޮތެއް ނެތެވެ.