ބޮލީވުޑް

ޕާކިސްތާން ލަވަކިޔުންތެރިނާއެކު މަސައްކަތް ނުކުރަން އިންޒާރު ދީފި

ޕާކިސްތާނުގެ ލަވަކިޔުންތެރިންނާ ގުޅިގެން ލަވަ ކިޔާ އެމީހުންނާއެކު އެއްވެސް މަސައްކަތެއް ނުކުރުމަށް އިންޑިޔާގެ ފެޑެރޭޝަން އޮފް ވެސްޓާން އިންޑިއާ ސިނެ އެމްޕްލޯއީޒް (އެފްޑަބްލިޔުއައިސީއީ) އިން އިންޑިޔާގެ އާޓިސްޓުންނަށް ވަރުގަދަ އިންޒާރެއް ދީފި އެވެ.

އިންޒާރުގެ މި ބަޔާން ސޯޝަލް މީޑިއާ މެދުވެރިކޮށް ނެރެފައި މިވަނީ ދާދިފަހުން އިންޑިޔާގެ އާޓިސްޓުންތަކެއް ޕާކިސްތާނުގެ މަޝްހޫރު ލަވަކިޔުންތެރިޔާ ރަހަތު ފާތިހް އަލީ ހާން އާއެކު ޑިޖިޓަލް ޕްލެޓްފޯމެއްގައި މަސައްކަތްތަކެއް ކުރުމާ ގުޅިގެންނެވެ.

ޓްރޭޑް އެނަލިސްޓް ތަރަން އާދާޝް ވަނީ މި ސްޓޭޓްމަންޓް ޓުވިޓާގައި ޝެއާކޮށްފަ އެވެ. އެ ބަޔާނުގައި ބުނެފައިވަނީ ޕާކިސްތާނުގެ އެއްވެސް އާޓިސްޓެއް، ލަވަކިޔުންތެރިއެއް، ޓެކްނީޝަނަކާއެކު ޑިޖިޓަލް ޕްލެޓްފޯމެއްގައި ވިޔަސް މަސައްކަތްކުރުމަކީ މަނާ ކަމެއް ކަމަށެވެ. އަދި މިއީ ރަސްމީކޮށް ދޭ ވަރަށް ހަރުކަށި އިންޒާރެއް ކަމަށް ވެސް މި ބަޔާނުގައި ވެއެވެ.

މިއީ އިންޑިޔާގެ މިއުޒީޝަނުންނާއި ލަވަކިޔުންތެރިން އަދި އާޓިސްޓުންނާއި ޓެކްނީޝަނުންނަށް އަމާޒުކޮށް ނެރެފައިވާ ބަޔާނެކެވެ.
ޕާކިސްތާނު މީހުންނާ ގުޅިގެން ނުވަތަ އެމީހުންނާ އެކު އެއްވެސް މަސައްކަތެއް ނުކުރަން ކުރިން ވެސް އެ އެސޯސިއޭޝަނުން ވަނީ އަންގާފައި ކަމަށާއި ނަމަވެސް މަދު ބަޔަކު ނަމަވެސް މި އެންގުމާ ހިލާފުވަމުންދާކަން އެނގިފައިވާތީ އެކަން އެގޮތަށް ނުކުރަން އަންގާ އަމުރު ކުރާ ކަމަށް މި ބަޔާނުގައި ބުނެފައި ވެއެވެ.

އަދި މިހާރުވެސް ޑިޖިޓަލް ޕްލެޓްފޯމްގައި މިފަދަ އިތުރު ހަރަކާތްތަކެއް ޕާކިސްތާނުގެ އާޓިސްޓުންނާ ގުޅިގެން ކުރަން ރާވަމުންދާކަން އެނގިފައިވާ ކަމަށް ވެސް މި ބަޔާނުގައި ވެއެވެ. އަދި އިންޑިޔާގެ އެއްވެސް ލަވަކިޔުންތެރިއަކު، އެއްވެސް އާޓިސްޓަކު ޕާކިސްތާނުގެ ލަވަކިޔުންތެރިޔާ އަދި އާޓިސްޓަކާ އެކު މަސައްކަތް ކުރިކަން ސާބިތުވެއްޖެނަމަ ޑިސިޕްލިނަރީ އެކްޝަން ނަގާނެކަމަށް ވެސް މި ބަޔާނުގައި ވެއެވެ.

އިންޑިޔާ އާއި ޕާކިސްތާނުގެ ސިޔާސީ މަސްރަހު ހޫނުވެ ދެ ގައުމުގެ މެދުގައި ބޯޑަރުގައި ވެސް ދޭތެރެ ދޭތެރެއިން ބަޑީގެ ހަމަލާތައް ބަދަލުކޮށް ހަދަ އެވެ. މީގެ ނޭދެވޭ އަސަރު އެންމެ ބޮޑަށް ކޮށްފައިވަނީ ފިލްމު އިންޑަސްޓްރީ އަށެވެ. ޚާއްސަކޮށް މިއުޒިކް އިންޑަސްޓްރީ އަށެވެ.

ޕާކިސްތާނުގެ ލަވަކިޔުންތެރިންގެ ލަވަތައް އިންޑިޔާގައި މަޝްހޫރުކަމުން އެ މީހުން ލައްވާ ލަވަ ކިޔުއްވަން އިންޑިޔާގެ މިއުޒީޝަނުން ވަރަށް ބޭނުންވެ އެވެ. ނަމަވެސް ސިޔާސީ ޚިޔާލުތަފާތުވުންތައް އިންތިހާއަށް ގޮސް އެ ފުރުސަތު މިހާރު ވަނީ މުޅިން ގެއްލިފަ އެވެ.