ލައްކައަކަށް ވުރެ ގިނަ ދިރިއުޅެމުން އަންނަ މާލެ ސިޓީ މިއޮތީ ބަންދުކޮށްފަ އެވެ. ފިހާރަތަކާއި ހޮޓާ ރެސްޓޯރަންޓާއި އޮފީސްތައް ބަންދުކޮށް އެންމެން ގެއަށް ފޮނުވާލައިފި އެވެ. ގެއިން ބޭރަށް ނިކުތުން މަނަލެވެ. އެހެންވެ، ކޮންމެހެން ނިކުންނަން ޖެހިއްޖެ މަޖުބޫރީ ހާލަތެއްގައި ގުޅޭނެ ނަމްބަރަކާއި ގެއަށް ބޭނުންވާ ތަކެތި ހޯދުމަށް ޑެލިވަރީގެ އިންތިޒާމްތަކެއް ސަރުކާރުން ވަނީ ހަމަޖައްސައިފަ އެވެ. އެހެން ނަމަވެސް އެ ހިދުމަތްތަކާ ގުޅޭ ޝަކުވާތައް އިންތިހާއަށް ވަނީ ބޮޑުވެފަ އެވެ.
ފުރަތަމަ ކަމަކަށް މާލެއިން މީހަކު ޕޮޒިޓިވްވުމާ ގުޅިގެން ސަރުކާރުން ލޮކްޑައުން ކުރަން ނިންމީ އިއްޔެ 3:00 ޖަހަން ކައިރިވެފައި ވަނިކޮށް ކުއްލި ގޮތަކަށެވެ. އަދި ފުލުހުން މަގުމައްޗަށް ނިކުމެ މީހުން ގެތަކަށް ފޮނުވާލުމުގެ މަސައްކަތް ފެށި އެވެ. ނަމަވެސް އޭގެ އިރުކޮޅެއް ފަހުން އަލުން އެހެން އިއުލާނެއްކޮށް ފިހާރަތަކުން އެއްޗެހި ގަނެ ރައްކާ ކުރަން ބައި ގަޑިއިރުގެ ވަގުތެއް ދިނެވެ.
"މިދައްކަނީ ލައްކައަކަށް ވުރެ ގިނަ މީހުން އުޅޭ ތަނެއްގެ ވާހަކަ. އެންމެން މަގުމައްޗަށް ނިކުމެ އެޔެއް މިއެއް ނުބަލާ އެއްޗެހި ގަނެ ވައްދަނީ. ފިހާރަތަކުން ބައެއް އެއްޗެހި ހިފަހައްޓަނީ. އެންމެ ފުރަތަމަ ލައްވާލި މީހަކު ގަނެފި. އެއްބަޔަކަށް ގަނެވުނީ ހުސް ފެން. އަނެއް ބައި މީހުންނަށް އެހެން އެއްޗެހި ގަތުމުގެ ކުރިން 30 ގަޑިއިރުވެ ނިމިއްޖެ،" އެކަން ތަރުޖިބާ ކުރި މީހަކު ބުންޏެވެ.
ގަޑިއިން 3:30 ގައި ފުލުހުން އަނެއްކާ ފޯރި މަރަން ފަށައި މީހުން ގެތަކަށް ވައްދަން ފެށި އެވެ. ގަނެވުނު އެއްޗެއް ހިފައިގެން 24 ގަޑިއިރަށް ބަންދުވާން ޖެހުނު އިރު ގިނަ ބައެއްގެ ހަމައެކަނި އުންމީދަކަށްވީ ފިހާރަތަކުން ޑެލިވަރީކޮށްދޭ ނަމްބަރުތަކެވެ. އެހެން ނަމަވެސް އެއީ ދެން ދިމާވި އަނެއް މައްސަލަ އެވެ.
"އެއްވެސް ތަނަކުން ނުވަތަ އެއްވެސް ބަޔަކު ރަސްމީކޮށް ނަމްބަރުތަކެއް ކީތަނެއް ނުދެކެން. ސޯޝަލް މީޑިއާގައި ބައެއް ނަމްބަރުތަކެއް އުޅޭތީ އެ ނަމްބަރުތަކަށް ގުޅޭތޯ ބެލީ. އެއިން އެއްވެސް ނަމްބަރަކުން ފޯނެއް ނުނަގާ. ނުއެއް ގުޅޭ. ގިނަ ނަމްބަރުތައް އަބަދު ހުރީ ލައިން ބިޒީވެފަ. ރެއިން ފެށިގެން މިއަދު ހެނދުނާ ހަމަޔަށް ވެސް މި ހާލުގަ މި ތިބެނީ،" އެހެން މީހަކު ބުންޏެވެ.
ޓުވިޓާގައި އެ ޝަކުވާ ކުރި މީހަކު ބުނި ގޮތުގައި އެންމެ ބޮޑު މައްސަލައަކީ ސަރުކާރުން އެއްވެސް އެއްޗެއް ގުދަން ނުކުރަން ބުނެފަ އެއްވެސް އިންތިޒާމްތަކެއް ހަމަ ނުޖައްސާ "ޕެނިކު" ވެގެން ކުއްލިއަކަށް ބަންދުކޮށްލުމެވެ. މިހާރު ބައެއް ނަމްބަރުތައް ދިނުމާއި ކޯލް ސެންޓަރުގެ ހިދުމަަތުގެ ފެންވަރު ރަނގަޅު ކުރަން މަސައްކަތް ކުރި ނަމަވެސް މާބޮޑަށް ލަސްވެ، އެތައް ބަޔަކަށް ވަނީ ދަތިތަކާ ކުރިމަތިލާން ޖެހިފަ އެވެ.
"ގިނަ މީހުންނަކަށް ނޭނގޭ ވާންވީ ގޮތެއް. ނަމްބަރަކަށް ނުއެއް ގުޅޭ. ބޭރަކަށް ނުނިކުމެވޭ. ގެއިން ބޭރަށް ނުނިކުންނަން އެނގީ ކީއްވެކަން އެނގޭ. އެހެން ނަމަވެސް ގޭގައި ތިބެވޭނެ ގޮތްތަކެއް އޮންނަން ޖެހޭ،" އޭނާ ލިޔުނު ތްރެޑްގައި ބުންޏެވެ.
ހުޅުމާލޭގައި އުޅޭ މީހަކު ބުނި ގޮތުގައި ބަންދުގެ ސަބަބުން އެ މީހުންގެ ހާލަތު އަދި މާ ދެެރަ އެވެ. ހުޅުމާލެއިން ޑެލިވަރީގެ ހިދުމަތް ލިބޭނެ ހަމަ އެއް ތަނެއް ވެސް ދިމައެއް ނުވެ އެވެ. ރޭއްސުރެއް އެގޮތުގައި އެ މީހުން އެބަތިއްބެވެ.
"ފިހާރަތަކުން ޑެލިވާއެއް ނުކުރޭ. އެބަހުރި ކުޑަކުދިންނަށް ބޭނުންވާ އެއްޗެހި ޑެއިލީކޮށް ކޮންމެހެން ވެސް ގަންނަން ޖެހޭ އެއްޗެހި. ސަރުކާރުން ދިން ބައިގަޑިއިރު ތެރޭގައި އެތަކެތި ނުގަނެވުނު. އެއްވެސް ތަނަކުން ފޯނެއް ނުނަގާ ޖަވާބެއް ނުދޭ،" ހުޅުމާލޭ ދިރިއުޅޭ މީހަކު ބުންޏެވެ.
ލޮކްޑައުންގައި އެހީތެރިކަމަށް އެދުމަށް ފުލުހުން ދިން ނަމްބަރާ ގުޅޭ ގޮތުން ވެސް އެތައް ބަޔަކު ޝަކުވާ އެބަކުރެ އެވެ. ފުލުހުން ބުނި ގޮތުގައި ކޮންމެހެން ވެސް ގެއަށް ދާން ޖެހިއްޖެ މީހުން އެ ނަމްބަރަށް ގުޅައިގެން ހާއްސަ ހުއްދައެއް ނަގަން ޖެހެ އެވެ. އެހެން ނަމަވެސް ރޭ އޮފީސް ނިންމާފަ ގެއަށް ދިޔުމަށް ވެސް އެ ނަމްބަރަށް ގުޅާ ގުޅާ ފޯނެއް ނުނަގަ އެވެ.
"މައްސަލައަކީ އެއްވެސް އިންތިޒާމެއް ނެތުން. މިސާލަކަށް ހޮސްޕިޓަލަށް ދާން ޖެހޭ މީހަކު ނުގުޅިފަ ހުރެ ދާނެ. އެވަގުތު ފުލުހުން ހުރެދާނެ ފިހާރައަކަށް ދާ ބަޔަކަށް ގުޅައިގެން. އެންމެ ނަމްބަރެއް އޮތީ އެއްވެސް ކަމެއް ނުވޭ. އަބަދު ލައިން ބިޒީ،" ފޭސްބުކްގައި މީހަކު ލިޔުނެވެ.
މާލެ ފަދަ ތޮއްޖެހި، އެތައް ބަޔަކު ދިރިއުޅޭ ރަށެއް ލޮކްޑައުން ކުރާނަމަ މިއަށްވުރެ އިންތިޒާމްތައް ރަނގަޅުވާން ޖެހޭނެ އެވެ. ނޫންނަމަ ލޮކްޑައުންއިން މީހުން ނުކުންނަން މަޖުބޫރުވެ ފިހާރަތަކާއި އެހެން ތަންތަނަށް ދާން މަޖުބޫރުވާނެ އެވެ. ގިނަ ބަޔަކު ގެއެއް ކާއެއްޗެހި ކުރީބައިގައި ނުވެއްދީ ސަރުކާރުން ދިން ޔަގީންކަމާއެކު އެވެ. އެހެންކަމުން އެ ޔަގީންކަން ރައްޔިތުންނަށް ލިބެން ޖެހޭނެ އެވެ.