ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
ހަބަރު

ކުނި ނަގާނީ ގްރައުންޑް ފްލޯއިން ކޮންމެ ދުވަހަކު 12އިން 2އަކަށް

މާލެސިޓީގެ ގޭބިސީތަކުން ކުނި ނެގުމަށް ހަމަޖެހިފައިވަނީ މެންދުރު 12:00 އިން ފެށިގެން 14:00 އާ ހަމަޔަށް ކަމަށް ވޭސްޓް މެނޭޖްމަންޓް ކޯޕަރޭޝަން (ވެމްކޯ) އިން ބުނެފި އެވެ.

މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން ވެމްކޯގެ އޮޕަރޭޝަން މެނޭޖާ ޝާން ވިދާޅުވީ ކޮވިޑް-19ގެ ބަލި މީހަކު މާލެއިން ފެނުމާ ގުޅިގެން އެކުންފުނީގެ ކުނި ނެގުމުގެ ހިދުމަތް މެދުކަނޑާލާފައިވީނަމަވެސް މިއަދުން ފެށިގެން ކޮންމެ ދުވަހަކު މެންދުރު 12:00 އިން ފެށިގެން 14:00 އަށް ކުނި ނެގުމުގެ ހިދުމަތް ފޯރުކޮށްދޭނެ ކަމަށެވެ.

ޝާން ވިދާޅުވީ ކުނި ބަލާ ދިޔުމުގެ ކުރިން ކޮންމެ ގެއަކުންވެސް ކުނި ކޮތަޅު ގްރައުންޑް ފްލޯގައި ބެހެއްޓުމަކީ ވަރަށް ބޮޑަށް އެދެވިގެންވާ ކަމެއް ކަމަށެވެ.

"އަޅުގަނޑުމެން މި ބަލަނީ ވީހާވެސް ރައްކާތެރިކަމާއެކު ރައްޔިތުންނަށް ހިދުމަތް ފޯރުކޯށްދިނުމަށް. އެހެންވީމަ ކޮންމެ ގެއަކުންވެސް ކުނި ކޮތަޅު ރަނގަޅަށް ބަންދު ކުރުމަށްފަހު ތިރީގައި ބެހެއްޓުމަށް ވަރަށް ބޮޑަށް އެދެނެ. ވީހާވެސް ބޮޑަށް މި ބަލަނީ ގޭގެ ތަޅުގައްޔާއި ދޮރުގައި އަދި ގޭތެރެއަށް ނުވަދެ ރައްޔިތުންނަށް ހިދުމަތް ފޯރުކޮށްދެވޭތޯ. މި ވަގުތު އަޅުގަނޑުމެންނަށް އެއްބާރުލުންދީ،" އޭނާ ވިދާޅުވި އެވެ.

ޝާން ވިދާޅުވީ ގޭބިސީތަކުގެ ކުނިތައް ތިރިއަށް ބާލާއިރު ވީހާވެސް ރަނގަޅަށް ކުނި ކޮތަޅު ބަންދުކުރުމަށް އެދޭ ކަމަށާއި އަދި ތޫނު ތަކެތި ކޮތަޅަށް ލާއިރު ކަރުދާސްގަނޑަކަށް ލުމަށްފަހު ނުވަތަ އަނިޔާއެއް ނުލިބޭފަދަ ގޮތަކަށް ބަންދުލުރުމަށްފަހު ކުނި ކޮތަޅަށް ލުމަށް ހަނދާން ކޮށްދޭ ކަމަށެވެ.

ހެލްތު ޕްރޮޓެކްޝަން އޮތޯރިޓީ (އެޗްޕީއޭ)އިން ގެއެއް ލޮކްޑައުންކޮށްފިނަމަ އެ ގެއަކުން ކުނި ބޭރަށް ނުނެރުމަށްވެސް އޭނާ ވަނީ އެދިވަޑައިގެންފަ އެވެ. އަދި ވިދާޅުވީ އެ ގެތަކުން ކުނި ނެގުމަށް ކުންފުނީގެ ހާއްސަ ޓީމެއް ތަމްރީނު ކޮށްފައިވާނެ ކަމަށެވެ.


މީގެ އިތުރަށް އޭނާ ވިދާޅުވީ މިހާރު ސޯޝަލް މީޑިއާގައި ބަޔަކު މީހުން ކިޔައި ދޭ ގޮތަށް ކުނިވާޒާތުގެ އެއްޗެހި މިކްސްޗަރަށް އެޅުމަކީ ރައްކާތެރި ގޮތެއް ނޫން ކަމަށާއި އެގޮތަށް އަމަލު ނުކުރުމަށް ވަނީ އިލްތިމާސްކޮށްފަ އެވެ. އަދި މިފަދަ ނާޒުކު ދަނޑިވަޅެއްގައި ރައްކާތެރި ނޫން ގޮތަށް ކުނި ނައްތާލުމަށް ހިތަވަރުދޭ ކަންކަން އެއްވެސް ޕްލެޓްފޯމެއްގައި ހިއްސާ ނުކުރުމަށް ވަނީ އެދިވަޑައިގެންފަ އެވެ.

ޝަން ވިދާޅުވީ މާލެ ހުޅުމާލެ އަދި ވިލިމާލޭގައި 10،000 އަށް ވުރެ ގިނަ ވިޔަފާރިތައް ރަޖިސްޓްރީ ކޮށްފައިވާއިރު ކުނީގެ ހިދުމަތަށް ރެޖިސްޓްރީ ކޮށްފައިވަނީ 1200 ފަރާތުން ކަމަށެވެ. އެހެން ކަމުން މިފަދަ ހާލަތެއްގައި ވީހާވެސް ގިނަ ފަރާތްތަކުން މި ހިދުމަތް ލިބިގަތުމަށް ރެޖިސްޓްރީ ކުރުމަށް ވަނީ އިލްތިމާސް ކޮށްފަ އެވެ.

ވެމްކޯގެ މުޅި ޓީމް އޮތީ މިހާލަތަށް ވަރަށް ބޮޑަށް ރުކުރުވާލާ ތަމްރީނުތައްދީ ތައްޔާރަށް ކަމަށެވެ. އެހެން ކަމުން މި ދަތި އުދަނގޫ ވަގުތު ރައްކާތެރި ކަމާއެކު ކުނި ނައްތާލުމަށް ވެމްކޯއަށް އެއްބާރުލުން ދިނުމަށް ވަނީ އިލްތިމާސްކޮށްފަ އެވެ.