ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
ރިޕޯޓް

ޕާޓީތަކާއި މަސް ދަތުރު: ނަތީޖާ މަޖަލެއް ނޫން!

Apr 16, 2020
24

އެންމެ މީހަކު ބަސް ގަބޫލު ނުކޮށް، ފަރުވާ ކުޑަ ކޮށްލުމުގެ ސަބަބުން އެތައް ހާސް ބަޔަކަށް ކޮވިޑް-19 ޖަހި ފުރާނަ ނުރައްކަލަކަށް ވައްޓާލި ގޮތުގެ އެތައް ހާދިސާއެއް ދުނިޔެ ދިޔައީ ދައްކަމުންނެވެ. އެ ނުރައްކަލުގެ ހާލަތަށް ރާއްޖެ ހިނގައްޖެ ނަމަ ވެގެންދާނެ ގޮތާއި އެކަމުން ސަލާމަތްވާން ކުރަން ޖެހޭ ކަންކަން ދިވެހި ޑޮކްޓަރުންނާއި ސިއްހީ ހިދުމަތްތެރިން ދިޔައީ ހަނދާންކޮށްދީ ހުއްޓުމެއް ނެތި އާދޭސް ކުރަމުންނެވެ.

ދުނިޔޭގެ އެހެން ގައުމުތަކާ ހިލާފަށް ރާއްޖެއަށް ލިބުނު ނަސީބަކީ ފިޔަވަޅު އަޅައި ހޭލުންތެރިވެ ތައްޔާރުވާން ކުޑަ ވަަގުތުކޮޅެއް ލިބުމެވެ. އެހެން ނަމަވެސް މި ހާލަތަށް ލޯ ނުހުޅުވި ދިވެހިންގެ ދިރިއުޅުމާއި އާދަކާދަތަކަށް ބަދަލެއް ނުގެނައުމުގެ ހިތި ނަތީޖާ ފެނިއްޖެ އެވެ. އެންމެ ފުރަތަމަ މާލެ އިން ކޮވިޑް-19 އަށް ޕޮޒިޓިވްވި މީހާ މިދިޔަ ދުވަަސްތަކުގައި އުޅެފައި ހުރި ގޮތައް ބަލައިލުމުން އެކަން އެނގެ އެވެ.

ސަރުކާރުން މިއަދު ހާމަ ކުރި ތަފާސް ހިސާބުތަކުން ދައްކާ ގޮތުގައި މާލެއިން އެންމެ ފުރަތަމަ ޕޮޒިޓިވްވި އަންހެންމީހާ އާއި އޭނާގެ ތުއްތު ދަރިފުޅާ ސީދާ ގޮތުން ބައްދަލުވި މީހުންގެ އަދަދު 207 އަކަށް ވަނީ އަރައިފަ އެވެ. އަދި އެ އަދަދު އިތުރުވަމުން ދާ ކަމަށް ސަރުކާރުން ބުންޏެވެ.

ސަރުކާރުގެ ތަރުޖަމާން މަބްރޫކް އަޒީޒް ވިދާޅުވި ގޮތުގައި އެ މީހުންގެ ތެރޭގައި ހައި ރިސްކު ކޮންޓެކްޓްސްގެ 75 މީހުން، މީޑިއަމް ރިސްކުގެ 43 އަދި ލޯ ރިސްކުގެ ގޮތުގައި 89 މީހަކު މިހާތަނަށް ދެނެގަނެވިއްޖެ އެވެ.

މި އަދަދުތަކަކީ މިއީ އެންމެ ފަސް ދުވަސް ތެރޭގައި އެ މީހާގެ ފަރާތުން ކޮންޓެކްޓު ވި މީހުންނެވެ. ކުޑަ ދުވަސްވަރެއްގެ ތެރޭގައި އެހާ ގިނަ މީހުންނާ ކޮންޓެންޓްވެފައި ހުރެދާނެތޯ ބަލާއިރު އޭނާ ގޮސްފައި ހުރި ތަންތަނުން ޑޮކްޓަރުންގެ "ބަސް އެހި މިންވަރު" ވަރަށް ސާފުވެ އެވެ.

"ދެން އުފެދޭ ސުވާލަކީ އެންމެ ފަސް ދުވަހުގެ ތެރޭގައި އެހާ ގިނަ މީހުނާ ކޮންޓެކްޓުވީ ކިހިނެއްތޯ. އެކަމުގައި ދަންނަވަން އޮތީ ހަމަ މޫވްމަންޓްތައް ގިނަވީމައޭ އެހެން މެދުވެރިވީ. މަސްދަތުރު ދިއުން، ޕާޓީ ބޭއްވުން، ބުރު ޖެހުން، ދަންނަ ގޭގެއަށް ގޮސްފައި އެބަހުރި. އެއްތަނަށް އެއްވެ އުޅެވިފަ ހުރީމަ މި އަދަދަށް މީހުނާ ކޮންޓެކްޓުވީ،" މަބުރޫކު ވިދާޅުވި އެވެ.

މި ނަތީޖާ ކަރުދާސްތައް ހިފައިގެން ނޫސްވެރިންނާ ވާހަކަ ދެއްކެވި ޑރ. އިބްރާހިމް އަފްޒަލްގެ މޫނުމަތިން ފެނިގެން ދިޔައީ އާންމުން ލަދު ގަންނަން ޖެހޭ މަންޒަރެކެވެ.މި ހުރިހާ ދުވަހު ދެއްކި ވާހަކަ ބޭކާރުވެ ފެނަށް ދިޔުމުން ފުރާނަ އަތަށް ލައިގެން މަސައްކަތް ކުރާ އެ ޑޮކްޓަރުންގެ ހުރި ހިތްހަމަ ނުޖެހުމާއި ކަންބޮޑުވުން ފެންނަން ހުއްޓެވެ. ޑރ. އަފްޒަލް ވިދާޅުވި ގޮތުގައި މި ނަތީޖާ އިން އިނގެނީ ސިއްހީ މާހިރުން ފައްފަށުން ދޭ އިރުޝާދުތަކަށް އާންމުން ބޯ ނުލަނބާކަމެވެ.

"އަޅުގަނޑުމެން އެހާ ވަރަށް މި ކިޔަނީ މީހުން ތެރޭ އެއްވެ ނޫޅޭށޭ، ގެދަރިންތައް ނުބާއްވާށޭ ގައިދުރުކަން އިހުތިޔާރު ކުރައްވާށޭ..، އެހެން ނަަމަވެސް ފެންނަ މަންޒަރުތަކަކީ އެއާ ތަފާތު މަންޒަރުތަކެއް،" ޑރ. އަފްޒަލް ވިދާޅުވި އެވެ.

ޑރ. އަަފްޒަލް ވިދާޅުވި ގޮތުގައި އެންމެ ކޭސްއެއް ފެނުމުން ކޮންޓެކްޓު ފެނިގެން ދިޔައީ ހީކުރިވަރަށް ވުރެ ވެސް ގިނައިންނެވެ. އޭގެ ސަބަބަކީ އާންމުން އެހާ ވަރަށް އެއްވުންތަކާއި ބުރުޖަހަން ދިޔުމާއި ދަތުރުތަކަށް ދިޔުމާއި ކޮންމެހެން ކުރަން ނުޖެހޭ ގޮތައް ކުރާ ޝޮޕިން ޓްރިޕްތައް ކުރުމެވެ.

އިތުރަށް ލަފާ ދެއްވަމުން ޑރ. އަފްޒަލް ވިދާޅުވި ގޮތުގައި މިހާރު ދިވެހިންގެ ދިރިއުޅުމުގެ ހާލަތު ވަރަށް ބޮޑަށް ބަދަލު ކުރަން ޖެހެ އެވެ. އެހެން ނޫނިއްޔާ މިކަމެއް އެއްވެސް ވަރަކަށް ކޮންޓްރޯލް ނުވާނެ އެވެ.

"އެންމެ ކޭސްއެއްގެ ސަބަބުން 207 މީހުން ކޮންޓެކްޓްވި. އެއީ އަދި މިހާތަނަށް ފެނުނު ވަރު. އެއީ ބަލާފިއްޔާ ދުވާލަކަށް 34 މީހުންނާ ބައްދަލުވެފަ އިނީމަ މި ބުނާ ގައިދުރު ކުރުމޭ މި ބުނާ ބުނުމަށް ކިހާ ވަރަކަށް އަމަލު ކުރެވިފައިވޭތޯ،" ޑރ. އަފްޒަލް ވިދާޅުވި އެވެ.

މިއީ އަދި އެންމެ މީހަކަށް ކޮވިޑް-19 ޖެހުމުންވީ ގޮތެވެ. އެކަމަކު މީގެ ހަގީގަތަކީ މި އާދަތަކަކީ އެންމެ މީހެއްގައިގައި ހުރި ކަމެއް ނޫނެވެ. އެތައް ބައެއްގެ ދިރިއުޅުން ލޮކްޑައުންއާ ހަމަޔަށް ވެސް ހުރީ މި ގޮތަށެވެ. އަދި ލޮކްޑައުން ތެރޭގައި ވެސް ގޮތް ދޫނުކޮށް މަގުމަައްޗަށް ނިކުމެ އުޅެ ހަދާ މީހުން ވެސް މަދެއް ނޫނެވެ.

އެގޮތުގައި ބައެއް މީހުން ތިބި އިރު އަދި މާލެ އިން ކޮވިޑް-19 ފުރަތަމަ ގެނައި މީހަކީ ކާކު ކަމެއް ނޭނގެ އެވެ. އޭގެ ސަބަބުން ކޮމިއުނިޓީ ސްޕްރެޑްގެ ގޮތުގައި ކަނޑައަޅައިފަ އެވެ. މާނައަކީ މިވަގުތު ކޮންމެ މީހަކަށް ވެސް މާލޭގައި ކޮވިޑް-19 ޖެހިފައި ހުރެ ދާނެ އެވެ. ޓެސްޓު ނުކޮށް މިވެނި މީހަކީ ކޮވިޑް-19 ނެތް މީހެކޭ ބުނެވޭކަށް ނެތެވެ.

ޑޮކްޓަރުންނާއި ނަރުހުން ފުރާނަ އަތައް ލައިގެން ކޮރޯނާވައިރަހާ ހަނގުރާމަ ކުރަނީ އެވެ. ފުލުހުން ގެއަށް ނުގޮސް ބޮޑެތި ގުރުބާނީތަކެއްވެ މީހުން ގެތަކަށް ވެއްދޭތޯ ބަލަނީ އެވެ. އެކަމަކު މިއިން އެއްވެސް ކަމަކާ ފަރުވާލެއް ނެތި ނިކުންނަ މީހުން ނިކުމެ ހަމަ އުޅުމަށް ބަދަލެއް ނުގެނެވެ އެވެ. ލޯ ހުޅުވާކަށް ނުވޭ ހެއްޔެވެ؟ އެކެއްގެ އަމަލުން ފިލާވަޅު ލިބިގަނެ ބަދަލު ގެންނާކަށް ނުވޭ ހެއްޔެވެ؟