ރާއްޖޭގައި ހިންގި ޓެރަރިޒަމްގެ އަމަލެއް ޒިންމާ ފުރަތަމަ ފަހަރަށް އައިއެސް ޖަމާއަތުން ނަގައިފި އެވެ. އައިއެސް ޓެރަރިސްޓް ޖަމާއަތުން ޒިންމާ އުފުލާފައިވަނީ އދ. މަހިބަދޫ ބަނދަރުގައި އަޅާފައިވާ ލޯންޗުތަކުގައި ރޯކޮށްލައި ދިން ހަމަލާގެ އެވެ. އެކަން ވަނީ ޓެރަރިޒަމްގެ އަމަލުތައް ދިރާސާކުރާ ސައިޓް، އިންޓެލިޖެންސްގައި ހާމަކޮށްފަ އެވެ.
އިންޓެލިޖެންސްއިން ބުނެފައިވާ ގޮތުގައި ރޯކޮށްލުމުގެ ހަމަލާ ދީފައިވަނީ އެކަމަށް ހާއްސަ ޑިވައިސްތަކެއް ބޭނުން ކޮށްގެން ކަމަށް އައިއެސްގެ ނިއުސް ލެޓާއެއްގައި ބުނެފައިވާ ކަމަށެވެ. އޭގެ ތަފްސީލެއް ހާމަކޮށްފައެއް ނުވެ އެވެ.
މަހިބަދޫ ބަނދަރުގައި އަޅާފައިވާ އުޅަނދުތަކެއްގައި އަލިފާނުގެ ހާދިސާއެއް ހިނގާފައި ވަނީ ބަޔަކު ގަސްތުގައި އެ އުޅަނދުތަކުގައި ރޯކޮށްލައިގެން ކަމަށް އިއްޔެ ފުލުހުން ވެސް ހާމަކޮށްފައިވެ އެވެ.
އެމްއެންޑީއެފް އާއި ފުލުހުން ގުޅިގެން އިއްޔެ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ކޮމިޝަނާ އޮފް ޕޮލިސް މުހައްމަދު ހަމީދު ވިދާޅުވީ، މިހާތަނަށް ފުލުހުން ކުރި ތަހުގީގުން އެ ހާދިސާ ހިނގާފައި ވަނީ ބަޔަކު ގަސްތުގައި އެ ތަކެތީގައި ރޯކޮށްލުމުން ކަން ކަށަވަރުވާ ކަމަށެވެ.
އޭގެ އިތުރު މައުލޫމާތެއް ހަމީދު ހާމައެއް ނުކުރައްވަ އެވެ. އެއީ ބަޔަކު ގަސްދުގައި ހިންގި އަމަލެއް ކަމަށް ވާއިރު އެއްވެސް މީހަކު މިހާތަނަށް ހައްޔަރު ކޮށްފައެއް ނުވެ އެވެ.
ހަމީދު އިތުރަށް ވިދާޅުވި ގޮތުގައި ރާއްޖޭގެ އެހެން ސަރަހައްދުތަކުގައި ވެސް މިފަހުން ގަސްތުގައި އަލިފާން ރޯކޮށްލުމުގެ ހާދިސާތައް ހިނގާފައިވާ ކަމަށެވެ. މި ދަނޑިވަޅުގެ ބޭނުން ހިފައި ޓެރަރިޒަމްގެ އަމަލުތައް ހިންގާ މީހުންގެ މައްސަލަތައް ވަަރަށް ސީރިއަސް މައްސަލަތަކެއްގެ ގޮތުގައި ބަލަމުންދާނެ ކަމަށް ހަމީދު ވިދާޅުވި އެވެ.
މަހިބަދޫ ބަނދަރުގައި އަޅާފައިވާ އުޅަނދުތަކެއްގައި އަލިފާން ރޯވީ އަންގާރަ ދުވަހުގެ ރޭ ފަތިހު 5:45 ހާއިރު ކަމަށް އެމްއެންޑީއެފް ބުންޏެވެ. ހެނދުނު 7:45 ހާއިރު ރޯވި އަލިފާންގަނޑު ނިއްވާލެވުނ ސިފައިންނާއި ފުލުހުންނާއި އެ ރަށުގެ އާންމުންގެ ތެރެއިންގެ ބަޔަކު ވެސް ބައިވެރިވެގެން ކަމަށް އެމްއެންޑީއެފް އިން ބުންޏެވެ.
ގާތްގަނޑަށް 2000 އަށް ވުރެ ގިނަ މީހުން އުޅޭ މަހިބަދޫގައި ހިނގި އެ އަލިފާނުގެ ހާދިސާގައި ރޯވެގެން ދިޔަ އުޅަނދުތަކުގެ ތެރޭގައި ސީ އެމްބިއުލާންސްއަކާއި ފުލުހުންގެ ލޯންޗަކާއި އަތޮޅު ކައުންސިލްގެ ލޯންޗެއް ވެސް ހިމެނެ އެވެ. ތެޔޮ ކުންފުނި އެޗްއެމްއެޗްގެ ދެ ލޯންޗަކާއި އިތުރު ދެ ޑިންގީއެއް ވެސް ރޯވެގެން ދިޔަ އެވެ.