މުޅި ރާއްޖެ ލޮކްޑައުން ކުރަން ސަރުކާރުން ނިންމައިފި އެވެ. ހެލްތު ޕްރޮޓެކްޝަން އޮތޯރިޓީ (އެޗްޕީއޭ)އިން މިރޭ ނެރުނު އެންގުމެއްގައި ބުނީ މާލެ ސިޓީ ސަރަހައްދު ފިޔަވައި އެހެން ހުރިހާ ރަށަކަށް ވެސް ޒަރޫރީ ބޭނުމެއްގައި މެނުވީ ދަތުރު ކުރުން މަނާ ކުރާ ކަމަށެވެ. މި އެންގުމަށް އަމަލު ކުރަން ފަށާނީ މާދަމާ ހަވީރު ހަޔަކުން ފެށިގެންނެވެ.
އެއް ރަށުން އަނެއް ރަށަށް މީހުން ދަތުރު ނުކުރަން އެޗްޕީއޭއިން ނިންމީ ރައްކާތެރިކަމުގެ ފިޔަވަޅެއްގެ ގޮތުންނެވެ. މާލެއިން އިއްޔެ ވަނީ ކޮވިޑް-19 އަށް މީހަކު ޕޮޒިޓިވްވެފަ އެވެ. އޭނާއާ ކޮންޓެކްޓްވި ދެ މީހަކު ވެސް ވަނީ ޕޮޒިޓިވްވެފަ އެވެ. މި ތިން މީހުންނާ ކޮންޓެކްޓްވި 200 އަށްވުރެ ގިނަ މީހުން ތިބިއިރު ބައެއް ރަށްރަށުގައި ވެސް އެމީހުން އެބަ ތިއްބެވެ.
އެޗްޕީއޭގެ އެންގުމުގައި ބުނީ ރަށްރަށަށް އަރާ ފޭބުން މަނާ ކުރި ނަމަވެސް ރައްޔިތުންނަށް ބޭނުންވާ ކާބޯތަކެއްޗާއި އެހެން ވެސް ޒަރޫރީ ތަކެތި ކައުންސިލްތަކާއި ކަމާ ބެހޭ އިދާރާތައް ގުޅިގެން ފޯރުކޮށްދެމުންދާނެ ކަމަށެވެ.
އެންގުމުގައި އިތުރަށް ވަނީ ރަށްރަށުގައި މީހުން އެއްވެ އުޅުމާއި ޕާޓީތަކާއި މާހެފުން ފަދަ ހަރަކާތްތައް ކުރިއަށް ނުގެންދިޔުމަށް އަންގާފަ އެވެ. އަދި، ޒަރޫރީ ބޭނުމެއްގައި ނޫނީ ގެއިން ނުނިކުތުމަށް ވެސް ވަނީ އިލްތިމާސްކޮށްފަ އެވެ. ނަމަވެސް ގެއިން ބޭރަށް ނުކުމެ އުޅުން މާލެއާ އެއްގޮތަށް މަނަލެއް ނުކުރެ އެވެ.
މާލޭ ސަރަހައްދަށް އިއްޔެ އިއުލާން ކުރި ލޮކްޑައުން ވަނީ އިތުރު 24 ގަޑިއިރަށް އިތުރުކޮށްފަ އެވެ. މާދަމާ އަނެއްކާވެސް ލޮކްޑައުންގެ މުއްދަތު އިތުރު ކުރާނެ ކަމަށް ބެލެވެ އެވެ.
އެޗްޕީއޭއިން މިރޭ ނެރުނު އެންގުމުގައި އިތުރު ކަމެއް ވެސް އަންގާފައިވެ އެވެ. އެއީ މިދިޔަ ދެތިން ދުވަހު މާލެއިންނާއި ރިސޯޓްތަކުން ރަށްރަށަށް ދިޔަ މީހުންގެ ތެރެއިން ކޮވިޑް-19އަށް ޝައްކު ކުރެވޭ ފަދަ އެއްވެސް އަލާމާތެއް ފެންނަ ނަމަ އެކަން ލަސްނުކޮށް އެންގުމެވެ.
މާލެއިން ޕޮޒިޓިވްވެފައިވާ ތިން މީހުންނާ ކޮންޓެކްޓްވި މީހުން ޓްރޭސްކޮށް ޓެސްޓް ކުރުމަށް މިހާތަނަށް 22 ގެއެއް ލޮކްޑައުން ކޮށްފައިވެ އެވެ. އެއީ މާލެ ސިޓީއިންނާއި ހުޅުމާލޭގެ އިތުރުން ހއ. ވަށަފަރުން ގެއަކާއި ކ. ކާށިދޫއިން ގެއަކާއި އައްޑޫ ސިޓީއިން ގެއަކާއި ތ. މަޑިފުށިން ގެއެކެވެ.
މިއަދު އެންއީއޯސީގެ ފަރާތުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވައިރަހާގުޅޭ ސަރުކާރުގެ ތަރުޖަމާނު މަބުރޫކު އަޒީޒް ވިދާޅުވި ގޮތުގައި، މާލެއިން އެންމެ ފުރަތަމަ ޕޮޒިޓިވްވި އަންހެންމީހާ އާއި އޭނާގެ ތުއްތު ދަރިފުޅާ ސީދާ ގޮތުން ބައްދަލުވި ޖުމްލަ މީހުންގެ އަދަދު މިހާތަނަށް 207 އަށް އަރާފައިވާ ކަމަށެވެ.
އޭގެ ތެރޭގައި ހައި ރިސްކު ކޮންޓެކްޓްސްގެ ގޮތުގައި 75 މީހުން، މީޑިއަމް ރިސްކުގެ 43 އަދި ލޯ ރިސްކުގެ ގޮތުގައި 89 މީހަކު މިހާތަނަށް ދެނެގަނެވިފައިވާ ކަމަށް މަބުރޫކު ވިދާޅުވި އެވެ. އޭގެ އިތުރުން، އެ އަންހެން މީހާއާ ޑައިރެކްޓު ކޮންޓެކްޓުވެގެން ބައްޔަށް ޕޮޒިޓިވްވި މީހާއާ ސީދާ ބައްދަލުވި އިތުރު 35 މީހަކު ދެނެގަނެވިފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ.