ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
ހަބަރު

ރިސޯޓުތަކުން ދިޔަ މީހުން ޝައްކުވާނަމަ އަވަހަށް އެންގުމަށް އެދެފި

ރިސޯޓްތަކުންނާއި މާލެއިން ރަށްރަށަށް ދިޔަ މީހުންގެ ތެރެއިން ކޮވިޑް-19 އަށް ޝައްކުވާ އެއްވެސް އަލާމާތެއް ފެންނަނަމަ ލަސްނުކޮށް އެކަން އެންގުމަށް ހެލްތު ޕްރޮޓެކްޝަން އޮތޯރިޓީ (އެޗްޕީއޭ)އިން މިރޭ އަންގައިފި އެވެ.

އެޗްޕީއޭއިން މިރޭ ނެރުނު އެންގުމެއްގައި ބުނީ ވޭތުވެދިޔަ ތަނުގައި ރިސޯޓްތަކުންނާއި ސަފާރީތަކުންނާއި މާލެއިން ރަށްރަށަށް ދިޔަ މީހުން ކިރިޔާވެސް އަލާމާތެއް ފެނިއްޖެނަމަ އެކަން ލަސްނުކޮށް އެޗްޕީއޭއަށް އަންގަން ޖެހޭނެ ކަމަށެވެ.

ރާއްޖެ ޓޫރިސްޓުން އައުން މަނާ ކުރުމާއެކު ރިސޯޓްތަކުން ޓޫރިސްޓުން ހުސްވެ ބަންދު ކުރުމާއެކު އަދި ޓޫރިސްޓުން ރިސޯޓުން ފޭބިތާ 14 ދުވަސްވުމާއެކު ގިނަ ރިސޯޓް މުވައްޒަފުން ވަނީ އެމީހުން ރަށްރަށަށް ފުރަފުރައިގެން ގޮސްފަ އެވެ. އެ މުވައްޒަފުން ރިސޯޓުތަކުން ފޭބުމުގެ ހުއްދަ ދިނީ ޓެސްޓް ހެއްދުމަށްފަހުއެއް ނޫނެވެ.

މާލެއިން އިއްޔެ ވަނީ ކޮވިޑް-19 އަށް މީހަކު ޕޮޒިޓިވްވެފަ އެވެ. އޭނާއާ ކޮންޓެކްޓްވި ދެ މީހަކު ވެސް ވަނީ ޕޮޒިޓިވްވެފަ އެވެ. މި ތިން މީހުންނާ ކޮންޓެކްޓްވި 200 އަށްވުރެ ގިނަ މީހުން ތިބިއިރު ބައެއް ރަށްރަށުގައި ވެސް އެމީހުން އެބަ ތިއްބެވެ.

އެހެންވެ ރައްކާތެރިކަމުގެ ފިޔަވަޅެއްގެ ގޮތުން އެޗްޕީއޭއިން ވަނީ މުޅި މާލެ ސަރަހައްދު ލޮކްޑައުންކޮށްފަ އެވެ. އަދި، މާދަމާ މުޅި ރާއްޖެ ލޮކްޑައުންއަށް ގެންނަން ވެސް އެޗްޕީއޭއިން ވަނީ ނިންމާފަ އެވެ.

އެޗްޕީއޭގެ އެންގުމުގައި ބުނީ ރަށްރަށަށް އަރާ ފޭބުން މަނާ ކުރި ނަމަވެސް ރައްޔިތުންނަށް ބޭނުންވާ ކާބޯތަކެއްޗާއި އެހެން ވެސް ޒަރޫރީ ތަކެތި ކައުންސިލްތަކާއި ކަމާ ބެހޭ އިދާރާތައް ގުޅިގެން ފޯރުކޮށްދެމުންދާނެ ކަމަށެވެ. މި އެންގުމަށް އަމަލު ކުރަން ފަށާނީ މާދަމާ ހަވީރު ހަޔަކުން ފެށިގެންނެވެ.

އެންގުމުގައި އިތުރަށް ވަނީ ރަށްރަށުގައި މީހުން އެއްވެ އުޅުމާއި ޕާޓީތަކާއި މާހެފުން ފަދަ ހަރަކާތްތައް ކުރިއަށް ނުގެންދިޔުމަށް އަންގާފަ އެވެ. އަދި، ޒަރޫރީ ބޭނުމެއްގައި ނޫނީ ގެއިން ނުނިކުތުމަށް ވެސް ވަނީ އަންގާފަ އެވެ.

މާލޭ ސަރަހައްދަށް އިއްޔެ އިއުލާން ކުރި ލޮކްޑައުން ވަނީ އިތުރު 24 ގަޑިއިރަށް އިތުރުކޮށްފަ އެވެ. މާދަމާ އަނެއްކާވެސް ލޮކްޑައުންގެ މުއްދަތު އިތުރު ކުރާނެ ކަމަށް ބެލެވެ އެވެ.

މާލެއިން ޕޮޒިޓިވްވެފައިވާ ތިން މީހުންނާ ކޮންޓެކްޓްވި މީހުން ޓްރޭސްކޮށް ޓެސްޓް ކުރުމަށް މިހާތަނަށް 22 ގެއެއް ލޮކްޑައުން ކޮށްފައިވެ އެވެ. އެއީ މާލެ ސިޓީއިންނާއި ހުޅުމާލޭގެ އިތުރުން ހއ. ވަށަފަރުން ގެއަކާއި ކ. ކާށިދޫއިން ގެއަކާއި އައްޑޫ ސިޓީއިން ގެއަކާއި ތ. މަޑިފުށިން ގެއެކެވެ.