ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
ހަބަރު

ޕާޓީތައް ބޭއްވުމާއި ކުޅިވަރު ކުޅުން މަނާކޮށްފި

ރާއްޖޭގެ ރަށްރަށުގައި މީހުން އެއްވެ އުޅޭ ގޮތަށް ޕާޓީތަކާއި މާހެފުން ފަދަ ހަރަކާތްތައް ކުރިއަށް ގެންދިޔުން މަނާ ކުރުމަށް ހެލްތު ޕްރޮޓެކްޝަން އޮތޯރިޓީ (އެޗްޕީއޭ)އިން ނިންމައިފި އެވެ.

ރޯދަ މަސް ކައިރިވެފައިވާއިރު މޫދަށް ދިޔުމާއި މާހެފުންތައް ބޭއްވުމަކީ ވަރަށް އާންމު ކަމެކެވެ. ނަމަވެސް ރާއްޖޭގައި މިހާރު އެފަދަ ކަންކަމަށް ހާލަތެއް ނެތް ކަމަށް އެޗްޕީއޭއިން ވަނީ ބުނެފަ އެވެ.

އެޗްޕީއޭއިން ނެރުނު އެންގުމެއްގައި ބުނީ މާދަމާ އިރުއޮއްސި ހައެއް ޖަހާއިރުން ފެށިގެން މޫދަށް އެރި އުޅުމާއި ޕާޓީތައް ބޭއްވުމާއި މާހެފުންތައް ބޭއްވުމާއި ކުޅިވަރު ކުޅުމާއި އިޖުތިމާއީ އެހެން ވެސް ހަރަކާތްތައް ހިންގުން މަނާވާނެ ކަމަށެވެ.

އެ އެންގުމުގައި އިތުރަށް ވަނީ ރާއްޖޭގެ އެއް ރަށުން އަނެއް ރަށަށް މީހުން ދަތުރުކުރުން ވެސް މަނާކޮށްފަ އެވެ. އެއް ރަށުން އަނެއް ރަށަށް މީހުން ދަތުރު ނުކުރަން އެޗްޕީއޭއިން ނިންމީ ރައްކާތެރިކަމުގެ ފިޔަވަޅެއްގެ ގޮތުންނެވެ. މާލެއިން އިއްޔެ ވަނީ ކޮވިޑް-19 އަށް މީހަކު ޕޮޒިޓިވްވެފަ އެވެ. އޭނާއާ ކޮންޓެކްޓްވި ދެ މީހަކު ވެސް ވަނީ ޕޮޒިޓިވްވެފަ އެވެ. މި ތިން މީހުންނާ ކޮންޓެކްޓްވި 200 އަށްވުރެ ގިނަ މީހުން ތިބިއިރު ބައެއް ރަށްރަށުގައި ވެސް އެމީހުން އެބަ ތިއްބެވެ.

އެޗްޕީއޭގެ އެންގުމުގައި ބުނީ ރަށްރަށަށް އަރާ ފޭބުން މަނާ ކުރި ނަމަވެސް ރައްޔިތުންނަށް ބޭނުންވާ ކާބޯތަކެއްޗާއި އެހެން ވެސް ޒަރޫރީ ތަކެތި ކައުންސިލްތަކާއި ކަމާ ބެހޭ އިދާރާތައް ގުޅިގެން ފޯރުކޮށްދެމުންދާނެ ކަމަށެވެ.

މާލޭ ސަރަހައްދަށް އިއްޔެ އިއުލާން ކުރި ލޮކްޑައުން ވަނީ އިތުރު 24 ގަޑިއިރަށް އިތުރުކޮށްފަ އެވެ. މާދަމާ އަނެއްކާވެސް ލޮކްޑައުންގެ މުއްދަތު އިތުރު ކުރާނެ ކަމަށް ބެލެވެ އެވެ. މާލެއިން ޕޮޒިޓިވްވެފައިވާ ތިން މީހުންނާ ކޮންޓެކްޓްވި މީހުން ޓްރޭސްކޮށް ޓެސްޓް ކުރުމަށް މިހާތަނަށް 22 ގެއެއް ލޮކްޑައުން ކޮށްފައިވެ އެވެ. އެއީ މާލެ ސިޓީއިންނާއި ހުޅުމާލޭގެ އިތުރުން ހއ. ވަށަފަރުން ގެއަކާއި ކ. ކާށިދޫއިން ގެއަކާއި އައްޑޫ ސިޓީއިން ގެއަކާއި ތ. މަޑިފުށިން ގެއެކެވެ.