ލައިފްސްޓައިލް

ރަވީނާ އާއި ކަރިޝްމާ ވާހަކަ ނުދައްކާތީ އަދަބު ލިބުނު

"އަންދާޒް އަޕްނާ އަޕްނާ" އަކީ ސަލްމާން ޚާނާއި އާމިރު ޚާން އަދި ކަރިޝްމާ ކަޕޫރާއި ރަވީނާ ޓަންޑަން ކުޅެފައިވާ ވަރަށް ރީތި އަދި މޮޅު ކޮމެޑީ ފިލްމެކެވެ. ނަމަވެސް މި ފިލްމު އުފެއްދުމުގެ މަސައްކަތް ޑައިރެކްޓަރު ރާޖް ކުމާރު ސަންތޯޝީ ކުރަން ޖެހުނީ ވަރަށް ހާލުންނެވެ.

ސަބަބަކީ ފިލްމުގެ ލީޑް އެކްޓަރުން ކަމަށްވާ ސަލްމާނާއި އާމިރު އެކަކު އަނެކަކާ ވާހަކަ ނުދައްކާތީ އެވެ. އަދި ދެ ބަތަލާއިން ކަމަށްވާ ރަވީނާ އާއި ކަރިޝްމާ ވެސް އެކަކު އަނެކަކާ ވާހަކަ އެއް ނުދައްކަ އެވެ. ތަރިންގެ ގުޅުން މިހާ ގޯސްކޮށް އޮތުމުން ޑައިރެކްޓަރަށް ވަރަށް ގިނަ އުނދަގޫތައް ދިމާވި އެވެ.

އެގޮތުން ފިލްމުގެ އެއް މަންޒަރެއްގައި ސަލްމާނާއި އާމިރު އަށް ޕަރޭޝް ރާވަލް އާ ބައްދަލުކޮށް ކަރިޝްމާ އާއި ރަވީނާ އަށް އެމީހުންގެ ހިތުގައި އޮތް ލޯބި ފާޅުކުރަން ޖެހެ އެވެ. އެމީހުން ޕަރޭޝް ހުންނަ ކޮޓަރިއަށް ވަންނައިރަށް އޭނާ އެމީހުންގެ ބޮލުގައި ބަޑި ޖައްސާ ބިރުދައްކަ އެވެ. މިއީ ހީނ ހީނ ބަނޑުގައި ގޮށް ލާ ވަރުގެ މަޖާ މަންޒަރެކެވެ. އެހެންވެ މި މަންޒަރު ކުޅޭއިރު ހުރިހާ އެކްޓަރުން ވެސް ވަރަށް ރަނގަޅަށް އެ މީހެއްގެ ޑައިލޯގާއި ހަރަކާތްކުރަން ޖެހޭ ގޮތް އެނގި ސިންކްރޮނައިޒް ކުރަން ޖެހެ އެވެ. ފިލްމު އުފެއްދިތާ 25 އަހަރު ވީއިރުވެސް އެންމެ މޮޅު އެއް ކޮމެޑީ ފިލްމުގެ ގޮތުގައި "އަންދާޒް އަޕްނާ އަޕްނާ"ހިމެނެނީ އެކްޓަރުންގެ ކޮމެޑީ ޓައިމިންގް ރަނގަޅުކަމުންނެވެ. ނަމަވެސް އެންމެ ހެއްވާ ކަމަކީ މި ހުރިހާ މަންޒަރެއް ކުޅުނުއިރުވެސް ހަގީގަތުގައި އާމިރު އާއި ސަލްމާން ރުޅި އެވެ. އެއްގޮތަކަށް ވެސް އެކަކު އަނެކަކާ ވާހަކަ އެއް ނުދައްކަ އެވެ.

ހަމައެގޮތަށް ކަރިޝްމާ އާއި ރަވީނާ ވެސް ރުޅި އެވެ. އެއްގޮތަކަށް ވެސް އެކަކު އަނެކަކާ ހަތަރުކަޅި ވެސް ހަމަ ނުކުރެ އެވެ.

ކަރިޝްމާ ބުނި ގޮތުގައި "އަންދާޒް އަޕްނާ އަޕްނާ"ގެ ބޮޑު ބައެއްގެ ޝޫޓިންގް ނިމުނުއިރުވެސް ފިލްމުގެ ބަތަލުންނާއި ބަތަލާއިން އެއްގޮތަކަށް ވެސް ފިލްމުގައި ކުޅެން ޖެހޭ މަންޒަރުތަކާއި ކިޔަންޖެހޭ ޑައިލޯގްތައް ފިޔަވައި އިތުރު އެއްވެސް ވާހަކައެއް އެކަކު އަނެކަކާ ނުދައްކަ އެވެ. ޝޮޓް ދީ ނިމޭއިރަށް އެމީހަކު އެމީހެއްގެ އަމިއްލަ ކެރެކްޓާއަށް އެނބުރި ގޮސް އެކަކު އަނެކަކަށް ރުޅި މޫނު ދައްކައިގެން ތިބެ އެވެ.

ޑައިރެކްޓަރު ސަންތޯޝީ ތަންކޮޅެއް ކުރިން ދީފައިވާ އިންޓަވިއު އެއްގައި ކިޔައިދީފައިވާ ގޮތުގައި "އަންދާޒް އަޕްނާ އަޕްނާ"ގެ ޝޫޓިން ފެށިއިރު ކަރިޝްމާ އާއި ރަވީނާ ރުޅިއެއް ނޫނެވެ. ނަމަވެސް ފިލްމުގެ ޝޫޓިން ވަކި ހިސާބަކުން މި ދެ ބަތަލާއިން އެކުގައި ކުޅުނު "އާތިޝް"ކިޔާ ފިލްމެއްގެ ޝޫޓިންގަށް ގޮސްފައި އެނބުރި އައި ފަހުން ދެ މީހުން ތިބީ އެކަކު އަނެކަކު ދެކެ ރުޅިއައިސްފަ އެވެ.

އެހެންވެ ފިލްމުގެ އެންމެ ފަހު މަންޒަރުތައް ކުޅުނުއިރު ކަރިޝްމާ އާއި ރަވީނާ ތިބީ ދަގަނޑު ހޮޅިއެއްގައި ބަނދެފަ އެވެ. މިހެން ތިބެގެން ވެސް ދެ މީހުން އެކަކު އަނެކަކާ ވާހަކަ ނުދައްކާ ބުނަން ޖެހޭ ހުރިހާ ވާހަކައެއް ދައްކަނީ ސަންތޯޝީ މެދުވެރިކޮށެވެ.

"ރަވީނާ ބުނާނެ ރާޖްޖީ އޭ އޭނާ (ކަރިޝްމާ) ކައިރީގައި ބުނާށޭ އަތަށް ބާރު ނުކޮށް ހުންނާށޭ. މަގޭ އަތަށް ބާރުވެގެން ހަރަކާތެއް ނުކުރެވެޔޭ. ދެން އަހަރެން ބުނަން އަހަރެން ކީއްކުރަންހޭ ބުނަނީ ކަލޭ ބުނެބަލާށޭ. ކަލޭ އާ ނޫންހޭ ކައިރީގައި ވެސް ހުރީ. ދެން ރަވީނާ ކަރިޝްމާ ކައިރީގައި ބުނާނެ އަތަށް ވާން ނުކޮށް ހުންނާށޭ. އެކަމަކު އެ ވެސް އޭނާގެ މޫނަށް ބެލުމެއް ނެތި މާ ދުރަށް ބަލަހައްޓައިގެން ހުރެ،" ޑައިރެކްޓަރު ކިޔައިދީފައިވެއެވެ.

ކަރިޝްމާ ދީފައިވާ އިންޓަވިއު އެއްގައި ވެސް އޭނާ އާއި ރަވީނާ ފިލްމު ސިޓީގައި ވަކި ދެ ފިލްމެއްގެ ޝޫޓިންގްގައި އުޅުނުއިރު އިރު ވެސް ފެނުނަސް ނުފެންނަ ކަމަށް ހަދާ އަނެއް ފަރާތަށް ބަލަމުން ދާކަމަށް ބުނެފައި ވެއެވެ.

"އަހަރެމެން ވާހަކަ ނުދައްކާ ރުޅިއައިސްގެން އުޅޭތީ ރާޖްޖީ ރުޅިއައިސްގެން އެއްދުވަހު ވެސް ވަރަށް ދިގު މަންޒަރެއްގެ މެދުތެރޭން ޝޫޓިން ހުއްޓާލާފައި އަހަރެމެން ދެ މީހުން ހޮޅިދަނޑީގައި ބަނދެފައި ބައިތިއްބާފައި ފިލްމު ކުރޫގެ އެންމެން ގޮވައިގެން އެތަނުން ނުކުމެގެން ދިޔަ. އަހަރެމެންނަށް ރޭގަނޑު 9 ޖެހީއްސުރެ ފަތިހު 5 ޖަހަންދެން އެ ހޮޅިދަނޑީގައި ބަނދެވިގެން ތިބެން ޖެހުނު. އެހެންވެ އަހަރެމެންނަށް އެހެން އެއްވެސް ގޮތެއް ނެތިގެން އެކަކު އަނެކަކާ ވާހަކަ ދައްކަން ފަށަން ޖެހުނީ. ދެ މީހުން ވެގެން ވާހަކަ ދައްކައިގެން އަހަރެމެން ބަނދެފައިވާ ވާގަނޑު ނައްޓާލަން މަސައްކަތް ކުރަން ޖެހުނީ،" ކަރިޝްމާގެ އިންޓަވިއު އެއްގައި ކިޔައިދީފައި ވެއެވެ.

ނަމަވެސް އޭގެ 25 އަހަރު ފަހުން މިހާރު ކަރިޝްމާ އާއި ރަވީނާގެ ގާތް އެކުވެރިކަމެއް އެބައޮތެވެ. އަދި "އަންދާޒް އަޕްނާ އަޕްނާ" ކުޅުނުއިރު ދެ މީހުން ރުޅިއައިސްގެން އުޅުނު ގޮތް ހިތަށް އަރުވާފައި މިހާރު އެމީހުން ވަރަށް ހެޔެވެ.