ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
ދުނިޔެ

"އޮޅުމެއް"ކަމަށް ބުނެ ވޫހާންގެ މަރުގެ އަދަދު ދެ ގުނަވެއްޖެ

Apr 17, 2020

ބެއިޖިންގް (އޭޕްރީލް 17) - ކޮވިޑް-19 އެންމެ ފުރަތަމަ ފެނުނު ޗައިނާގެ ވޫހާން ސިޓީގައި މަރުވި މީހުންގެ އަދަދުގެ ގޮތުގައި މީގެ ކުރިން ރިޕޯޓުކޮށްފައިވާ އަދަދު ކުއްލިއަކަށް ދެ ގުނަވެއްޖެ އެވެ.

ބައެއް މަރުތައް ރިޕޯޓުކުރުމުގައި ލަސްތަކެއް އުޅުނުކަމަށް ބުނެ، ވޫހާން ސިޓީގެ މަރުގެ އަދަދަށް އިއްޔެ ވަނީ 1،290 މީހުން އިތުރުކޮށްފަ އެވެ. އެއާއެކު، ވޫހާން ސިޓީން މަރުވި މީހުންގެ ޖުމްލަ އަދަދު މިހާރު ވަނީ 3،869 އަށް އިތުރުވެފަ އެވެ.

އެކަން ދިފާއުކޮށް ޗައިނާގެ ކަމާބެހޭ އިދާރާތަކުން ބުނި ގޮތުގައި، ހޮސްޕިޓަލުތަކަށް ބާރުބޮޑުވެގެން ގޭބީސީތަކުގައި މަރުވި މީހުން މީގެ ކުރިން ހިމެނިފައިނުވާ ކަމަށެވެ.

ޗައިނާގެ އަދަދުތަކަށް ކުއްލިއަކަށް ބަދަލު ގެނެސްފައިމިވަނީ، ޗައިނާއިން އެ ބައްޔާބެހޭ ހަގީގީ މައުލޫމާތުތައް އޮޅުވާލަން މަސައްކަތް ކުރިކަމަށް ގިނަ ގައުމުތަކަކުން ތުހުމަތު ކުރަމުންދާ ދަނޑިވަޅެއްގަ އެވެ.

މަރުވި މީހުންގެ އިތުރުން، ޗައިނާގައި އެ ބަލި ޖެހުނު މީހުންގެ ޖުމްލަ އަދަދަށްވެސް ވަނީ 300 އަށް ވުރެ ގިނަ މީހުން އިއްޔެ އިތުރުކޮށްފަ އެވެ.

ބައްޔާ ގުޅޭ މައުލޫމާތު ސިއްރު ކުރުމުން، އެހެން ގައުމުތަކަށް އެކަށީގެންވާ ފިޔަވަޅުތައް އެޅިފައިނުވާކަމަށް ބުނެ ޗައިނާއަށް އިނގިލި ދިއްކުރުމުގެ އެންމެ އިސް ސަފުގައި ހުންނެވީ އެމެރިކާ ރައީސް ޑޮނަލްޑް ޓްރަމްޕެވެ. ނަމަވެސް، އެމެރިކާގެ އިތުރުން، އިނގިރޭސި ވިލާތާއި ފްރާންސްގެ ލީޑަރުންވެސް ވަނީ އެފަދަ މޭރުމަކުން ޗައިނާއަށް ފާޑުވިދާޅުވަން ފައްޓަވައިފަ އެވެ.