ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
ރިޕޯޓް

14 ދުވަހުގެ "ދަތުރުނާމާ" ލިޔެލާ

Apr 18, 2020

ސިއްހީ މާހިރުން އިންޒާރު ދެމުންދިއަ، "ތޫފާނު" މި ވަނީ ރާއްޖެއާ ރަނގަޅަށްވެސް އަރާހަމަކޮށްފަ އެވެ. ކޮވިޑް-19އަށް މާލެއިން މީހަކު ޕޮޒިޓިވްވީ މިދިޔަ ބުދަ ދުވަހު އެވެ. ދެ ދުވަހުގެ ތެރޭގައި އެ އަދަދު މިހާރު ވަނީ އަށަކަށް އަރައިފަ އެވެ. މިއީ މީހުން ފިތިބާރުވެފައިއޮތް މާލެ ހުށަހެޅިފައިވާ ނުރައްކާކަމަށް އޭރުވެސް ދެމުންދިޔަ އިންޒާރެވެ. އެކަމަކު އެ އާދޭސްތައް އަޑެއް ނީވުނެވެ. ގޭގައި މަޑެއް ނުކުރެވުނެވެ. ޕާޓީތައް ބާއްވައިގެން މަޖާ ނެގީ އެވެ. ފޯރިއާއެކު ބައި ހަދާފައި މަސް ދަތުރުތައް ދިޔައީ އެވެ.

އެހެނަސް، ހުރިހާ ރުޅިއެއް ހަމައެކަނި އެމީހުނަށް އަމާޒުކުރުން ހައްގެއްވެސް ނޫނެވެ. ސަބަބަކީ ގިނަ ބައެއްގެ އަމަލުތައް ހުރީ ހަމަ ދާދި އެއް ހަމައެއްގަ އެވެ. ކޮންމެވެސް ބަހަނާއަކާއެކު ސަބަބެއްނެތި ބޭރު ތެރެއަށް ނުކުމެ އުޅުނީ ހަމައެކަނި އެމީހުނެއް ނޫނެވެ. ކޮންމެއަކަސް، އެއީ މިހާރު މާޒީ އެވެ. ވާނެ އެއްޗެއް ވެއްޖެ އެވެ. ފުރަތަމަ ޕޮޒިޓިވްވި ކޭސްތަކާ ގުޅުމެއްނެތް ދެ މީހަކު އެ ވައިރަހަށް ޕޮޒިޓިވްވުމުން، އެ ބަލި މުޖުތަމައުގެ ތެރެއަށް ފެތުރިފައިވާ މިންވަރު ސާފުވެ އެވެ.

މަޖުބޫރުން ނަމަވެސް މިހާރު ގިނަ ބައަކު މިތިބީ ގޭބަންދުވެފަ އެވެ. އެކަމަކު އަދިވެސް ގައުމަށް ދިމާވެގެން މިއުޅެނީ ކާރިސާގެ ހާލަތެއްކަމެއް ގިނަ ބައަކަށް ނުވިސްނެ އެވެ. އެއް ބައަކު ކޮންމެވެސް ބަހަނާއެއް ދައްކާފައި ބޭރަށް ނުކުމެވޭނެ މަގެއް ހޯދޭތޯ އަވަދިނެތި އެވެ. އަނެއް ބައަކު، ޝަކުވާ ކުރުމުގަ އެވެ. ޑެލިވަރީ ލަސްވެއްޖެއޭ ކިޔައިގެން ހަޅޭއްލަވަނީ އެވެ. އިންތިޒާމެއްނެތޭ ބުނެ ސަރުކާރަށް ބަވަނީ އެވެ.

އެކަމަކު މިކަމުން އަރައިގަތުމަށްޓަކައި ކުރެވޭނެ ހަރުދަނާ ކަންތައްތަކެއް އެބަހުއްޓެވެ. އޭގެ ތެރޭގައި މިދަނޑިވަޅުގައި ވަރަށް މުހިއްމުކަމެއްގެ ވާހަކަ ރޭ އެޗްޕީއޭގެ ފަރާތުން ވަނީ ފާހަގަކޮށްފަ އެވެ. މިވަގުތު އެންމެ ބޮޑު ގޮންޖެހުމެއް ކުރިމަތިވެގެން އުޅޭ ކަމަކީ ޕޮޒިޓިވްވި މީހުނާ ބައްދަލުވި މީހުން ހޯދައި ދެނެގަތުމެވެ. އެކަމަށްޓަކައި، ވައިރަހާގުޅޭ ތަރުޖަމާނު ރޭ ވަނީ ހާއްސަ އިލްތިމާސެއް ކުރައްވައިފަ އެވެ.

މަބުރޫކު އެދިވަޑައިގެންނެވި ގޮތަށް، ޑޮކްޓަރުންނަށް ފަސޭހަކޮށް ދިނުމަށްޓަކައި، ގޭގައި ތިބެގެން އެންމެންވެސް ލިޔަންވީ ފާއިތުވި 14 ދުވަހުގެ ދަތުރުނާމާ އެކެވެ. ފޮތެއްގައި، ގަނޑެއްގައި، ފޯނު ވިޔަސް ލެޕްޓޮޕް ވިޔަސް، ނޫނީ ގޭގެ ފާރުގައި ވިޔަސް ފަރުވާލެއް ނެތެވެ. ބޭނުމަކީ ހަނދާނުގައި ހުރި މިންވަރަކުން އަވަހަށް ރެކޯޑަށް ތިރިކުރުމެވެ. ހަނދާނުން ފޮހެވެގިން ދިއުމުގެ ކުރިން، އިއްޔެއިން ފެށިގެން ފަހަތަށް 14 ދުވަސް ބަލައިގެން އެންމެ ފުރަތަމަ ދިޔަ ތަންތަން ނޯޓު ކުރާށެވެ. އޭގެ ފަހުން އެ ތަންތަނަށް ދިޔަކަމަށް ލަފާކުރެވޭ ވަގުތުތައްވެސް ކައިރީގައި ހިމަނާށެވެ. އެއަށްފަހު ދެން އޮތީ އެންމެ މުހިއްމު ބައެވެ. ދެވުނު ތަންތަނުން ބައްދަލުވެ ދިމާވި މީހުން ނޯޓު ކުރާށެވެ. އަދި އެ މީހަކާ ދިމާވެ، ހޭދަވި ވަގުތު ވެސް ލިޔުމަށް ތިރިކުރާށެވެ.

މިކަމުގައި އެންމެ މުހިއްމު ކަމަކީ ތެދު މައުލޫމާތު ހިމެނުމެވެ. މިހާރުވެސް އެންމެ ބޮޑު ގޮންޖެހުމެއް ޑޮކްޓަރުންނަށް ކުރިމަތިވަނީ، ބައެއް މީހުން ހަގީގަތް އޮޅުވާލަން މަސައްކަތް ކުރާތީކަމަށް އެޗްޕީއޭއިން ވަނީ ބުނެފަ އެވެ. އެންމެ މީހަކާ ބައްދަލުވިކަން ސިއްރުކުރާ ކޮންމެ މިނެއްޓަކީ، މި ނުރައްކާތެރި ބަލި އިތުރު ބައަކަށް ޖެހެން މެދުވެރިވާ ވަގުތެވެ. އެހެންވީމާ، ހަގީގަތް ފޮރުވައިގެން، އޮޅުވާލައިގެން މިކަން ކުރުމުގެ ބޭނުމެއް ނޯންނާނެ އެވެ. އަދި މަގުސަދެއްވެސް ހާސިލެއް ނުވާނެ އެވެ. މިއީ ތިމާ އަމިއްލަ ނަފުސަށް ކޮށްދޭ ކަމެއް ނޫނެވެ. މިއީ ތިމާގެ ރަށްޓެހިންނާއި، ގާތްތިމާގެ މީހުންގެ ސަލާމަތާއި ރައްކާތެރިކަމާ ގުޅިފައިވާ މަސައްކަން ހަނދާނުގައި ބެހެއްޓުން މުހިއްމެވެ.

މިކަން ކޮށްދޭށޭ އެދުމުންވެސް ގިނަ ބައަކު ބުނާނީ ކީކޭކަންވެސް ރަނގަޅަށް އެނގެ އެވެ. ތިމަންނާއަށް ރޯގާވެސް ޖެހިފައިނެތީމާ، ތިމަންނަ ކީއްކުރަން ކުރާ ކަމެއް ހެއްޔޭ އެވެ. އެކަމަކު މާލެ ތެރެއިން މިހާރު ޕޮޒިޓިވްވި މީހުނަކީވެސް ހަމަ ތިހެން ހީކޮށްގެން އުޅުނު ބައެކެވެ. ބަލި ނުޖެހޭނެކަމަށް ހީކޮށްގެން އެއްވެސް މީހަކަށް ހުރެވޭކަށް ނެތެވެ. މުޖުތަމައު ތެރޭގައި އެ ބަލި ފެތުރިފައިއޮތީ ބިރުގަންނަންޖެހޭ މިންވަރަށެވެ. މިހާރު އޮތް ހާލަތުގައި ކޮންމެ މީހަކަށްވެސް އެ ބަލި ޖެހިފައި ނޫނީ ބަލި ޖެހިފައިވާ މީހަކާ ސީދާ ބައްދަލުވެފައިހުރި މީހަކަށް ވެދާނެކަމަށް އެ ވަނީ ބުނެފަ އެވެ.

ބަލި އިތުރަށް ފެތުރުން ހުއްޓުވަން، ރެއާ ދުވާލު ނުނިދާ، ނުކައި، ނުބޮއެ އާއިލާއާ ދުރުގައި އުޅޭ ސިއްހީ ހިދުމަތްތެރިންނާއި، ފުލުހުންނާ ސިފައިން ފަދަ އިދާރާތަކުގެ ބޭފުޅުންނަށް ރައްޔިތުންގެ ފަރާތުން ދެން މިވަރު ކޮށްދެވެންވާނެ އެވެ. ގޭގައި ފޫހިވެފައިތިބެގެން ޝަކުވާތައް މަޑުޖައްސާލާފައި މިކަން އަވަހަށް ފަށާށެވެ. މި ބަލާއާފާތުގެ އިސް ސަފުގައި، އަހަރެމެންގެ ރައްކާތެރިކަމަށް އެތަކެއް ދުވަހެއް ވަންދެން ބައަކުވި ގުރުބާނީގެ އަގެއް ނެތްކަން ސާބިތުކޮށްދިނުމަށްފަހު، ދެން މިހާރު މިކަން ކޮށްދިނުމަކީ އަހަރެމެން އެންމެންގެ ވާޖިބެކެވެ.