ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
ކޮވިޑް-19

އިތުރު ޕޮޒިޓިވް ކޭހެއް: އަދަދު 8 އަކަށް

މާލޭ ސިޓީއިން އިތުރު މީހަކު ކޮވިޑް-19 އަށް ޕޮޒިޓިވް ވެއްޖެ އެވެ. މި ކޭސްއާއެކު މާލެ ތެރެއިން ފެނުނު ކޮވިޑް-19 ކޭސްތަކުގެ އަދަދު އަށަކަށް އެރީ އެވެ. އެމީހާ އައިސޮލޭޝަން ފެސިލިޓީއަށް ގެންދިޔުމުގެ މަސައްކަތް ދަނީ ކުރަމުންނެވެ. މި މީހާއަކީ ކާކުގެ ކޮންޓެކްޓެއް ކަމެއް ހާމައެއް ނުކުރެ އެވެ.

މާލެއިން އެންމެ ފުރަތަމަ ކޮވިޑް-19 އަށް ޕޮޒިޓިވްވީ އެއްވެސް ޓްރެވެލް ހިސްޓްރީއެއް ނެތް އަންހެނެކެވެ. އޭނާގެ ތުއްތު ދަރިފުޅު ވެސް ވަނީ ބައްޔަށް ޕޮޒިޓިވްވެފަ އެވެ. ތިންވަނައަށް ޕޮޒިޓިވްވި މީހާއަކީ ވެސް އަންހެން މީހާއާ ޑައިރެކްޓް ކޮންޓެކްޓްވި މީހެކެވެ.

އޭގެ ފަހުން ތިންވަނަ މީހާއާ ކޮންޓެކްޓްވި ދެ މީހަކު ރޭގައި ކޮވިޑް-19 އަށް ޕޮޒިޓިވްވި އެވެ. އަދި މިއަދު އިތުރު ދެ މީހަކު ކޮވިޑް-19 އަށް ޕޮޒިޓިވްވެފައިވެ އެވެ.


މި ހާލަތާއެކު ހެލްތު ޕްރޮޓެކްޝަން އޮތޯރިޓީ (އެޗްޕީއޭ)އިން ވަނީ މާލޭގެ ލޮކްޑައުން 14 ދުވަހަށް ދަމާލަން ނިންމާފަ އެވެ. އަދި މުޅި ރާއްޖެ މިއަދު ހަވީރު ހަޔަކުން ފެށިގެން ލޮކްޑައުންއަކަށް ގެންނާނެ އެވެ.

އިއްޔެ އެންއީއޯސީގެ ފަރާތުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވައިރަހާގުޅޭ ސަރުކާރުގެ ތަރުޖަމާނު މަބުރޫކު އަޒީޒް ވިދާޅުވި ގޮތުގައި، މާލެއިން އެންމެ ފުރަތަމަ ޕޮޒިޓިވްވި އަންހެންމީހާ އާއި އޭނާގެ ތުއްތު ދަރިފުޅާ ސީދާ ގޮތުން ބައްދަލުވި ޖުމްލަ މީހުންގެ އަދަދު މިހާތަނަށް 207 އަށް އަރާފައިވާ ކަމަށެވެ.

އޭގެ ތެރޭގައި ހައި ރިސްކު ކޮންޓެކްޓްސްގެ ގޮތުގައި 75 މީހުން، މީޑިއަމް ރިސްކުގެ 43 އަދި ލޯ ރިސްކުގެ ގޮތުގައި 89 މީހަކު މިހާތަނަށް ދެނެގަނެވިފައިވާ ކަމަށް މަބުރޫކު ވިދާޅުވި އެވެ. އޭގެ އިތުރުން، އެ އަންހެން މީހާއާ ޑައިރެކްޓު ކޮންޓެކްޓުވެގެން ބައްޔަށް ޕޮޒިޓިވްވި މީހާއާ ސީދާ ބައްދަލުވި އިތުރު 35 މީހަކު ދެނެގަނެވިފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ.

މާލެއިން ޕޮޒިޓިވްވެފައިވާ ތިން މީހުންނާ ކޮންޓެކްޓްވި މީހުން ޓްރޭސްކޮށް ޓެސްޓް ކުރުމަށް މިހާތަނަށް 22 ގެއެއް ލޮކްޑައުން ކޮށްފައިވެ އެވެ. އެއީ މާލެ ސިޓީއިންނާއި ހުޅުމާލޭގެ އިތުރުން ހއ. ވަށަފަރުން ގެއަކާއި ކ. ކާށިދޫއިން ގެއަކާއި އައްޑޫ ސިޓީއިން ގެއަކާއި ތ. މަޑިފުށިން ގެއެކެވެ.