ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
ހަބަރު

ފަހުން ޕޮޒިޓިވްވި ދެ މީހުންނަކީ ކޮންޓެކްޓްވި ބައެއް ނޫން

މިއަދު މާލެ ސިޓީއިން ކޮވިޑް-19 އަށް ޕޮޒިޓިވްވި ދެ މީހުންނަކީ ކުރިން ޕޮޒިޓިވްވި ކޭސްތަކާ އެއްވެސް ގުޅުމެއް އޮތް ދެ މީހުން ނޫން ކަމަށް ހެލްތު ޕްރޮޓެކްޝަން އޮތޯރިޓީ (އެޗްޕީއޭ)އިން ބުނެފި އެވެ. އެ ދެ މީހުންނަކީ ވެސް ފުލޫ ކްލިނިކަށް އަލާމާތްތައް ހުންނާތީ ދިޔަ ދެ މީހުންނެވެ.

މާލެ ސިޓީއިން އެންމެ ފުރަތަމަ ކޮވިޑް-19 އަށް ޕޮޒިޓިވްވި ޕޭޝަންޓް 21 އަކީ އެއްވެސް ޓްރެވެލް ހިސްޓްރީއެއް އޮތް މީހެއް ނޫނެވެ. އޭނާގެ ތުއްތު ދަރިފުޅު ވެސް ވަނީ ބައްޔަށް ޕޮޒިޓިވްވެފަ އެވެ. އެއީ ޕޭޝަންޓް 22 އެވެ. ތިންވަނައަށް ޕޮޒިޓިވްވި ޕޭޝަންޓް 23 އަކީ ވެސް ޕޭޝަންޓް 21 އާ ޑައިރެކްޓް ކޮންޓެކްޓްވި މީހެކެވެ.

އޭގެ ފަހުން ޕޭޝަންޓް 23އާ ކޮންޓެކްޓްވި ދެ މީހަކު ރޭގައި ކޮވިޑް-19 އަށް ޕޮޒިޓިވްވި އެވެ. ޕޭޝަންޓް 24 އާއި ޕޭޝަންޓް 25 އެވެ. މިއަދު ހެނދުނު ޕޮޒިޓިވްވި ޕޭޝަންޓް 26 އަކީ ވެސް ޕޭޝަންޓް 23 ގެ ކޮންޓެކްޓެކެވެ. ނަމަވެސް މިއިން އެއްވެސް މީހަކާ ގުޅުމެއް ނެތީ ފަހުން ޕޮޒިޓިވްވި ޕޭޝަންޓް 27 އާއި ޕޭޝަންޓް 28 އެވެ.


މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ޑރ. ނަޒްލާ ރަފީގު ވިދާޅުވީ ޕޭޝަންޓް 27 އާއި ޕޭޝަންޓް 28 އަކީ އެއްވެސް ޕޮޒިޓިވްވި މީހަކާ ކޮންޓެކްޓް ނެތް މީހަކަށްވުމުން އެނގިގެން ދަނީ މުޖުތަމައުގެ ތެރޭގައި ބަލި ފެތުރެމުންދާ ކަމެވެ. އެމީހުން ބަލި ޖެހުނު ގޮތް ވެސް ހޯދަމުންދާ ކަމަށް ވިދާޅުވި އެވެ. ޑރ. ނަޒްލާ ވިދާޅުވީ މިހާރު މާލޭގައި ކޮވިޑް-19 ޖެހިފައިވާ މީހުންގެ ތިން ކްލަސްޓާއެއް އެބަ އޮތް ކަމަށެވެ. މި ނުރައްކާތެރި ހާލަތެއް ކަމަށެވެ.