ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
ކޮވިޑް-19

ސަމާލު: ސޯޝަލް މީޑިއާގައި ދޮގު ވާހަކަތައް ފަތުރަނީ ރާވައިގެން

ކޯވިޑް-19 އާ ގުޅިގެން އާންމުންގެ ހިތްތަކުގައި ބިރުވެރިކަން އުފެދޭ ގޮތަށް ސޯޝަލް މީޑިއާގައި ތަފާތު ވާހަކަތައް ފަތުރަމުންދަނީ ގަސްތުގައި ރޭވިގެން ކަމަށާ އެހެން ކަމުން މީޑިއާތަކުން ގެނެސްދޭ މައުލޫމާތުތަކަށް އެކަނި ބަރޯސާވުމަށް ނޭޝަނަލް އިމަޖެންސީ އޮޕަރޭޝަން ސެންޓަރު (އެންއައިއޯސީ) ގެ ތަރުޖަމާން މަބުރޫކް އަޒީޒް ގޮވާލައްވައިފި އެވެ.

ނޫސްވެރިންނާއެކު އޮންލައިންކޮށް މިއަދު ކުރިއަށް ގެންދިޔަ ބައްދަލުވުމުގައި ވަރަށް ބޮޑަށް ކަންބޮޑުވުން ފާޅުކޮށް މަބުރޫކް ވިދާޅުވީ ސޯޝަލް މީޑިއާގައި ތަފާތު ވާހަކަތައް ފަތުރާ މީހުން އެކަން ކުރަނީ އެއްވެސް މައުލޫމާތެއް އެނގިގެން ނޫން ކަމަށެވެ. އަދި "ހުސްބުޅީގައި މަސް ގަންނަހެން" އެހެން ދައްކާ މަދު ވާހަކައެއް ދިމާވިނަމަވެސް އެފަދަ ވާހަކަތައް އެއްވެސް ރައްޔިތަކު ގަބޫލު ނުކުުރުމަށް މަބުރޫކް އިލްތިމާސްކުރެއްވި އެވެ.

އަދި ސޯޝަލް މީޑިއާގައި ދެކެވޭ ވާހަކަތައް މެއިންސްޓްރީމް މީޑިއާތަކުގެ ސުރުހީތަކަށް ގެނެސް، އެކަންކަން "އެންޓަޓެއިން" ނުކުރުމަށްވެސް ގޮވާލެއްވިއެވެ. މަބުރޫކް ވިދާޅުވީ މީހަކު ކޮވިޑަށް ޕޮޒިޓިވްވެއްޖެނަމަ އެންމެ ހިނދުކޮޅަށްކަށްވެސް އެކަން ސިއްރު ނުކުރާނެ ކަމަށެވެ.

"...ދެން މިހާރު އަޅުގަނޑުމެންވެސް އެއްކޮށް މި ހުއްޓާލީ، ތިޔަ ބޭފުޅުންވެސް [ނޫސްވެރިން] މިކަން ހުއްޓާލަ ދިނުން އެދެނީ ސޯޝަަލް މީޑިއާގައި ދައުރުވަމުންދާ ވާހަކަތަކާއި ގުޅިގެން ހަބަރު ހެއްދެވުން. އަޅުގަނޑުމެން މިކަމުގެ ސައްހަ މައުލޫމާތު ތިޔަ ބޭފުޅުންނަށް ވަގުތުން އަރުވަމުންދާނަން. ރަށެއްގެ ކޭސްއެއް ޕޮޒިޓިވްވިޔަސް މާލޭގެ ކޭސްއެކޭ އެއްގޮތަށް ތިބޭފުޅުންނަށް އަންގަމުންދާނަން. އަދި ޕްރެސްކޮންފަރެންސް ބާއްވަމުން ގެންދާނީ އަޅުގަނޑުމެން. އަދި އޭގެ ފަހުން ކަމާބެހޭ އެހެން އިދާރާތަކުންވެސް ބައްދަލްވުންތައް ބާއްވަފާނެ."

މަބުރޫކް ވިދާޅުވީ އެ ވާހަކަތަކަކީ އޭނާ ވަރަށް ސީރިއަސްކޮށް ވިދާޅުވާ ވާހަކަތަކެއް ކަމަަށެވެ. އަދި ސޯޝަލް މީޑިއާގައި މީހަކު ދައްކާ ވާހަކައަކަަށް ބަލައިގެން ސަރުކާރުން އަދި ކަމާބެހޭ އެއްވެސް އިދާރާއަކުން މަސައްކަތް ނުކުރާނެ ކަމަށެވެ. އަދި މައުލޫމާތު ދޭން ބޭނުންވާ ފަރާތްތަކުން 1676 ނުވަތަ [email protected] މެއިލް ކުރުމަށް ވަނީ އެދިފައެވެ.

"..މިއީ އަޅުގަނޑު ލުއިކޮށް ބުނާ ވާހަކައެއް ނޫން އެއްގޮތަކަށްވެސް. ސޯޝަލް މީޑިއާގައި ދައުރުވާ ހަބަރަކަށް ބަލައިގެން އަޅުގަނޑުމެން ކޮންޓެކްޓްރޭސިންގެ މަސައްކަތެއްވެސް ނުކުރާނަން. އަދި ތިބޭފުޅުން ހަބަރެއްވެސް ނުހައްދަވާނެ ސޯޝަލް މީޑިއާގައި ދައުރުވާ ކަންކަމާއި ގުޅިގެން. މައުލޫމާތެއް ދޭން ބޭނުންނަމަ ނަންބަރަށް ގުޅުއްވާ. ރައްޔިތަކަށް ހެވެއް އެދިގެން ކަމެއް ކުރާނަމަ ކުރައްވާނީ އެގޮތަށް. އެއްވެސް ވަރަކަށް ޔަގީންނުވާ މައުލޫމާތުތައް ސޯޝަލް މީޑިއާގައި ހިއްސާކުރަނީ ރައްޔިތުންނަށް ހެޔޮ އެދިގެން ކަމަށް އަޅުގަނޑެއް ގަބޫލެއް ނުކުރަން،" މަބުރޫކް ވިދާޅުވި އެވެ.