ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
ހަބަރު

މާލެއިން ނުވަވަނަ މީހާ ކޮވިޑް-19އަށް ޕޮޒިޓިވްވެއްޖެ

މާލެ ސިޓީއިން އިތުރު މީހަކު ކޮވިޑް-19 އަށް ޕޮޒިޓިވްވެއްޖެ އެވެ. މިރޭ ޕޮޒިޓިވްވި މީހާއާއެކު، އަދަދު ވަނީ ނުވައަކަށް އަރާފަ އެވެ. މި މީހާ (ޕޭޝަންޓް 29)އަކީ ޕޭޝަންޓް 27 އާ ޑައިރެކްޓް ކޮންޓެކްޓްވި މީހެކެވެ. އޭނާ އައިސޮލޭޝަން ފެސިލިޓީއަކަށް ގެންދިޔުމުގެ މަސައްކަތް ދަނީ ކުރަމުންނެވެ.

މާލެ ސިޓީއިން އެންމެ ފުރަތަމަ ކޮވިޑް-19 އަށް ޕޮޒިޓިވްވި ޕޭޝަންޓް 21 އަކީ އެއްވެސް ޓްރެވެލް ހިސްޓްރީއެއް އޮތް މީހެއް ނޫނެވެ. އޭނާގެ ތުއްތު ދަރިފުޅު ވެސް ވަނީ ބައްޔަށް ޕޮޒިޓިވްވެފަ އެވެ. އެއީ ޕޭޝަންޓް 22 އެވެ. ތިންވަނައަށް ޕޮޒިޓިވްވި ޕޭޝަންޓް 23 އަކީ ވެސް ޕޭޝަންޓް 21 އާ ޑައިރެކްޓް ކޮންޓެކްޓްވި މީހެކެވެ.

އޭގެ ފަހުން ޕޭޝަންޓް 23އާ ކޮންޓެކްޓްވި ދެ މީހަކު ރޭގައި ކޮވިޑް-19 އަށް ޕޮޒިޓިވްވި އެވެ. ޕޭޝަންޓް 24 އާއި ޕޭޝަންޓް 25 އެވެ. މިއަދު ހެނދުނު ޕޮޒިޓިވްވި ޕޭޝަންޓް 26 އަކީ ވެސް ޕޭޝަންޓް 23 ގެ ކޮންޓެކްޓެކެވެ. ނަމަވެސް މިއިން އެއްވެސް މީހަކާ ގުޅުމެއް ނެތީ ފަހުން ޕޮޒިޓިވްވި ޕޭޝަންޓް 27 އާއި ޕޭޝަންޓް 28 އެވެ.

މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ޑރ. ނަޒްލާ ރަފީގު ވިދާޅުވީ ޕޭޝަންޓް 27 އާއި ޕޭޝަންޓް 28 އަކީ އެއްވެސް ޕޮޒިޓިވްވި މީހަކާ ކޮންޓެކްޓް ނެތް މީހަކަށްވުމުން އެނގިގެން ދަނީ މުޖުތަމައުގެ ތެރޭގައި ބަލި ފެތުރެމުންދާ ކަމެވެ. އެމީހުން ބަލި ޖެހުނު ގޮތް ވެސް ހޯދަމުންދާ ކަމަށް ވިދާޅުވި އެވެ. ޑރ. ނަޒްލާ ވިދާޅުވީ މިހާރު މާލޭގައި ކޮވިޑް-19 ޖެހިފައިވާ މީހުންގެ ތިން ކްލަސްޓާއެއް އެބަ އޮތް ކަމަށެވެ. މި ނުރައްކާތެރި ހާލަތެއް ކަމަށެވެ.

ޑރ. ޝީނާ މޫސާ ވިދާޅުވީ މިހާތަނަށް ފެނުނީ މަދު ކޭސްތަކެއް ނަމަވެސް އެމީހުންގެ ކޮންޓެކްޓްރޭސިން ހުރި ގޮތަށް ބަލާއިރު މިހާރު ދެނެގަނެވިފައިވާ މީހުންގެ ހަ ގުނަ މީހުންނަށް ބަލި ޖެހިފައިވާނެ ކަމަށް ބެލެވޭ ކަމަށެވެ. ޑރ. ޝީނާ ވިދާޅުވީ އެ އަަަދަދު 100 އާ ހަމަކުރާނެ ކަމަށް ގަބޫލު ކުރެވޭ ކަމަށެވެ.

މި ހާލަތާ ގުޅިގެން މާލެ ސަރަހައްދު ވަނީ ގެއިން ބޭރަށް ވެސް ނުނިކުމެވޭ ގޮތަށް 14 ދުވަހަށް ލޮކްޑައުން ކޮށްފަ އެވެ. އަދި މުޅި ރާއްޖެ ވެސް އެއް ރަށުން އަނެއް ރަށަށް ދަތުރު ނުކުރެވޭ ގޮތަށް ވަނީ ލޮކްޑައުންއަކަށް ގެނެސްފަ އެވެ.