ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
ހަބަރު

ރައްޔިތުންގެ ހާލު ބަލަން ޖާބިރު ކާށިދޫގައި

ކ. ކާށިދޫ ރައްޔިތުންގެ ހާލު އެންމެ ގާތުން ބެލުމަށް އެ ދާއިރާގެ މެމްބަރު އަބްދުﷲ ޖާބިރު އެރަށަށް ވަޑައިގެންފި އެވެ.

ކޮވިޑް-19 އަށް ޕޮޒިޓިވް ވި މީހަކު ކާށިދުއަށް ދަތުރުކޮށްފައިވާތީ އެރަށަށްއއަރާ ފޭބުން ދެ ދުވަހަކަށް ވަނީ މަނާކޮށްފަ އެވެ. ނަމަވެސް މޮނިޓަރިންގެ ހާލަތުން ރޭގެ ވަގުތެއްގައި ވަނީ އާންމު ހާލަތަށް ބަދަލުކޮށްފަ އެވެ. އެކަމަކު އެރަށް އަރާ ފޭބޭނީ އެޗްޕީއޭގެ ހުއްދަ ހޯދައިގެން ކަމަށް ކާށިދޫ ކައުންސިލުން ވަނީ ބުނެފަ އެވެ.

އެޗްޕީއޭ އިން ވަނީ މާލެއިން ކޮވިޑް-19ގެ ކޭސްތަކެއް ފެނުމާއި ގުޅިގެން އެއްރަށުން އަނެއް ރަށަށް އަރާފޭބުން މަނާކޮށްފަ އެވެ.

ކާށިދޫ ދާއިރާގެ މެމްބަރު މިއަދު ހެނދުނުގެ ވަގުތެއްގައި އެރަށަށް ވަޑައިގެންނެވީ ދަތުރުކުރުމުގެ ހުއްދަ ފުލުހުން ދިނުމުންނެވެ. ނަމަވެސް އަދިވެސް ރަށަށް އެރުމުގެ ހުއްދަ ވަނީ ނުލިބިފަ އެވެ.

އަވަސްއާ ވާހަކަ ދައްކަވަމުން ޖާބިރު ވިދާޅުވީ މިވަގުތު ހުންނެވީ ކާށިދޫ ފަޅުތެރޭގައި އޮތް ލޯންޗެއްގައި ކަމަށެވެ. އަދި ގާނޫނީ އިމުގެ ތެރެއިން ކުރަންޖެހޭ ހުރިހާ ކަމެއް ފުރިހަމަ ކުރުމަށްފަހު ނޫނީ ރަށަށް ނާރާނެ ކަމަށްވެސް ވިދާޅުވި އެވެ.

ޖާބިރު ވިދާޅުވީ މި ވަގުތު އެންމެ މުހިންމު ކަމެއް ދެނީ ރައްޔިތުންގެ ހާލު ގާތުން ބެލުން ކަމަށާއި އަދި މިވަގުތު ރައްޔިތުންނަށް އެއްވެސް އެހީތެރިކަމެއް ބޭނުންވޭތޯ ބެލުން ކަމަށެވެ.

"އަޅުގަނޑަކީ ރައްޔިތުން ހޮވާފައިހުރި ރައްޔިތުންގެ މެމްބަރެއް. މިއަދު ރައްޔިތުން ތިބީ ހާލުގަ ޖެހިފަ. އެހީތެރިވާން ޖެހޭނީ އަޅުގަނޑުމެން. ރަށް މޮނިޓަރިންގެ ހާލަތަށް ގެނައީއްސުރެ އަޅުގަނޑު މިދަނީ ކާށިދޫ އާއި ގާފަރުގެ ރައްޔިތުންގެ ހާލު ވަރަށް ގާތުން ބަލަމުން. ރައްޔިތުން ޒަރޫރީ ބޭނުން ފުއްދާނެ ތަކުެތި ރަށގަ ހުރިތޯ ބަލަމުން މިދަނީ. ދެން މިހާރު އަޅުގަނޑު މިއައީ ރައްޔިތުންގެ ހާލު ގާތުން ބަލަންވެގެން. އޭރަށް އިނގޭނެތާ އަޅުގފަނޑުވެސް މިހުރީ ރައްޔިތުންނާ އެކުގަ ކަން. އެހީތެރިވާނެ ކަން." އޭނާ ވިދާޅުވި އެވެ.

ޖާބިރު ވިދާޅުވީ ކާށިދޫގައި ހަރަކާތެރިވާ ފުލުހުންގެ ފަރާތުން ވަރަށް ފުރިހަމައަށް އެހީތެރިކަމާއި އެއްބާރުލުން ލިބޭ ކަމަށާއި ފުލުހުންނަނީ މި ދަނޑިވަޅުގައި ފުރާނަ އަތްމައްޗަށް ލައިގެން ފްރޮންޓް ލައިންގައި މަސައްކަތް ކުރަމުންދާ ބަޔަކަށްވީހިނދު ރައްޔިތުން އެމީހުންނަށް އެއްބާރުލުން ދޭން ޖެހޭނެ ކަމަށެވެ.

ޖާބިރު ވިދާޅުވީ މި ވަގުތަކީ ހުރިހާ މެމްބަރުންނާއި ވިޔަފާރިވެރިން ރައްޔިތުންނަށް އެހީތެރިވާންޖެހޭ ވަގުތު ކަމަށާއި ގޭގައި ނިދަން ނުތިއްބަވާ ވެވުނު ގޮތަކުން ކޮށްދެއްވެން އޮތް އެހީއެއް ރައްޔިތުންނަށް ފޯރުކޮށްދިނުމަށް ގޮވާލާ ކަމަށެވެ.

ރާއްޖެއިން ކޮވިޑް ޖެހުނު މީހުންގެ އަދަދު ވަނީ 29 އަށް އަރާފައެވެ. އޭގެ ތެރޭގައި މާލެއިން ބައްޔަށް ޕޮޒިޓިވްވި ނުވަ މީހުންވެސް ހިމެނެއެވެ.