ލައިފްސްޓައިލް

ލޮކްޑައުންގައި ބާންސާލީގެ ކަމަކީ ޑިޖިޓަލް ކަންކަން ދަސްކުރުން

ފިލްމު އުފެއްދުމުގެ ރޮނގުން ޑައިރެކްޓަރު ސަންޖޭ ލީލާ ބާންސާލީ އާ ވާދަ ކުރެވޭނެ މީހަކު މަދުވާނެ އެވެ. ނަމަވެސް އޭނާއަކީ ޑިޖިޓަލް ދުނިޔެއަށް އެހާ ފަރިތަ މީހެއް ނޫނެވެ. އެހެންވެ ކޮރޯނާވައިރަހުގެ ސަބަބުން މުޅި އިންޑިޔާ ބަންދުކޮށް އެންމެން ގޭގައި ތިބެން ޖެހިފައިވާތީ މި ވަގުތުގެ ބޭނުން ބާންސާލީ ހިފަނީ ޑިޖިޓަލް ދުނިޔެ ދަސްކުރުމުގަ އެވެ.

ޑިޖިޓަލް މީޑިއަމް އާއި ސޯޝަލް މީޑިއާ އަކީ މީގެ ކުރިން ބާންސާލީ އަށް އޭގެ އަލިފު ބާ ވެސް ނޭނގޭ ކަންކަން ނަމަވެސް އޭނާގެ ސޯޝަލް މިޑިއާ އެކައުންޓްތައް ކައިރި މުސްތަގްބަލެއްގައި ފެނުމަކީ ހަމަ އެކަށީގެންވާ ކަމެކެވެ. އަދި ސޯޝަލް މީޑިއާގައި ހަރަކާތްތެރި ރޯލެއް އޭނާ ކުޅޭތަން ފެނުމަކީ ވެސް ހަމަ ވަރަށް ގާތުގައި އޮތް ކަމެކެވެ.

މަންމަ އާއެކު އެކަނި ގޭގައި ދިރިއުޅޭ ބާންސާލީގެ ގާތް މީހަކު ބުނީ މިހާރު އޭނާގެ ކަމަކީ އޯޓީޓީ ޕްލެޓްފޯމްގައި ވެބް ސީރިޒްތަކާއި ފިލްމުތައް ބެލުމާއި އެ ކަންކަން ކުރާ ގޮތް ދަސްކުރުމެވެ. އަދި ގޭގައި އިނދެގެން ސޯޝަލް މީޑިއާގެ އާދަކާދަތައް ހުންނަ ގޮތާއި ތަފާތު ސޯޝަލް މީޑިއާ ޕްލެޓްފޯމްތައް ބަލާ ދަސްކުރުމެވެ.

އިންޑިޔާ ލޮކްޑައުންއަކަށް ދިޔައިރު ބާންސާލީ މަސައްކަތް ކުރަމުންދިޔައީ އާލިއާ ބަޓް ބަތަލާގެ ބަޔަށް ލައިގެން އޭނާ އުފައްދަމުންދާ "ގަންގޫބާއީ ކަތިއާވަޅީ"ކިޔާ ފިލްމެއްގެ ޝޫޓިންގް ގައެވެ. އެހެންވެ ކުއްލިއަކަށް މަސައްކަތެއް ނެތި ގޭގައި އިންނަން ޖެހުމުން ވަގުތުގެ ބޭނުން ރަނގަޅު ގޮތަކަށް ހިފަން ބާންސާލީ ނިންމައި ޑިޖިޓަލް ޕްލެޓްފޯމްގައި މީހުން ކުރާ ކަންތައްތައް ދަސްކުރަން ނިންމީ އެވެ.