ލައިފްސްޓައިލް

ޖެކްލީން އާއި މަނޯޖްގެ ނެޓްފްލިކްސް ސީރީޒް "މިސިޒް ސީރިއަލް ކިލާ"

ނެޓްފްލިކްސް އިން ވަރަށް އަވަހަށް ސްޓްރީމްކުރަން ހަމަޖެހިފައިވާ ވެބް ސީރީޒް "މިސިޒް ސީރިއަލް ކިލާ"ގެ ފުރަތަމަ ދައްކާލުން އެ ސީރީޒްގެ ބަތަލާ ޖެކްލީން ފެނާންޑިސް މިދިޔަ ބުރާސްފަތި ދުވަހު ވަނީ ސޯޝަލް މީޑިޔާގައި ޝެއާ ކޮށްފަ އެވެ.

މަނޯޖް ބަޖްޕާއީ އާއެކު ޖެކްލީން ކުޅޭ މި ސީރީޒް ޕްރެމިއާ ކުރަން ހަމަޖެހިފައިވަނީ އަންނަ މޭ 1 ވަނަ ދުވަހު އެވެ.

މި ސީރީޒްގެ ފުރަތަމަ ފެނިލުން އިންސްޓަގްރާމްގައި ޝެއާ ކުރަމުން ޖެކްލީން، 34، ބުނީ މިއީ އޭނާގެ ހިތާ ގުޅިފައިވާ ސީރީޒް އެއް ކަމަށެވެ.
ޖެކްލީން ބުނެފައިވާ ގޮތުގައި މި ސީރީޒްގައި އޭނާ ކުޅެނީ ސޯނާ މުކަރުޖީ ކިޔާ ވަރަށް ވަފާތެރި އަންބެއްގެ ރޯލެވެ. މި ސީރިޒްގައި ސޯނާ މަސައްކަތް ކުރަނީ އޭނާގެ ފިރިމީހާގެ ކުށެއްނެތްކަން ސާބިތުކޮށްދިނުމަށް ކަމަށާއި އެކަމަށްޓަކައި އޭނާ އަށް ކުރަން ޖެހޭ ދިގު ދަތުރާއި އެ ދަތުރުގައި އޭނާ އަމަލުކުރާ ގޮތްތައް މި ސީރީޒްގައި ފެނިގެން ދާނެ ކަމަށް ޖެކްލީން ބުނެފައި ވެއެވެ.

ޖެކްލީން މި ވަގުތު ލޮކްޑައުން ވެގެން ހުރީ ސަލްމާން ޚާންގެ ފާމް ހައުސްގަ އެވެ. އެއީ ސަލްމާންގެ "ރާދޭ: ޔުއަ މޯސްޓް ވޯންޓަޑް ބާއީ"ގެ ލަވައެއްގައި އޭނާ ބައިވެރިވާތީ އެ ލަވައިގެ ފަރިތަކުރުންތަކަށް ކަމަށް ވެސް އިންޑިޔާގެ ނޫސްތަކުން ރިޕޯޓުކޮށްފައި ވެއެވެ.