ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
ހަބަރު

ޕޮޒިޓިވްވި އަދަދު 14 އަށް އަރައިފި

މާލެ ސިޓީއިން ކޮވިޑް-19އަށް ޕޮޒިޓިވްވި މީހުންގެ އަދަދު 14 އަށް އަރައިފި އެވެ. އެޗްޕީއޭއިން ދެންމެ ވަނީ އިތުރު ޕޮޒިޓިވް ކޭސްއެއް (ޕޭޝަންޓް 34)ގެ މައުލޫމާތު ދީފަ އެވެ. އަލަށް ޕޮޒިޓިވްވި ޕޭޝަންޓް 34 އަކީ ޕޭޝަންޓް 27އާ ޑައިރެކްޓް ކޮންޓެކްޓްވި ދިވެއްސެކެވެ.

މާލެ ތެރެއިން މިހާތަނަށް 14 ޕޮޒިޓިވް ކޭސް ފެނިފައިވާއިރު އެއީ ބަންގްލަދޭޝް އެއް މީހަކާއި ދިވެހި 13 މީހެކެވެ.

މާލެ ސިޓީއިން އެންމެ ފުރަތަމަ ކޮވިޑް-19 އަށް ޕޮޒިޓިވްވި ޕޭޝަންޓް 21 އަކީ އެއްވެސް ޓްރެވެލް ހިސްޓްރީއެއް އޮތް މީހެއް ނޫނެވެ. އޭނާގެ ތުއްތު ދަރިފުޅު ވެސް ވަނީ ބައްޔަށް ޕޮޒިޓިވްވެފަ އެވެ. އެއީ ޕޭޝަންޓް 22 އެވެ. ތިންވަނައަށް ޕޮޒިޓިވްވި ޕޭޝަންޓް 23 އަކީ ވެސް ޕޭޝަންޓް 21 އާ ޑައިރެކްޓް ކޮންޓެކްޓްވި މީހެކެވެ.

އޭގެ ފަހުން ޕޭޝަންޓް 23އާ ކޮންޓެކްޓްވި ދެ މީހަކު ކޮވިޑް-19 އަށް ޕޮޒިޓިވްވި އެވެ. ޕޭޝަންޓް 24 އާއި ޕޭޝަންޓް 25 އެވެ. އިއްޔެ ހެނދުނު ޕޮޒިޓިވްވި ޕޭޝަންޓް 26 އަކީ ވެސް ޕޭޝަންޓް 23 ގެ ކޮންޓެކްޓެކެވެ. އެއަށްފަހު ޕޮޒިޓިވްވި ޕޭޝަންޓް 27 އާއި ޕޭޝަންޓް 28، އޭގެ ކުރިން ޕޮޒިޓިވްވި އެއްވެސް މީހަކާ ގުޅުމެއް ނެތެވެ.

މީގެތެރެއިން ޕޭޝަންޓް 27 އާ ސީދާ ކޮންޓެކްޓްވި މީހަކު ވަނީ ވައިރަހަށް ޕޮޒިޓިވްވެފަ އެވެ. އަދި ހެނދުނު ވެސް ދެ މީހަކު ޕޮޒިޓިވްވެފައިވާއިރު އޭގެ ތެރެއިން އެކަކަކީ (ޕޭޝަންޓް 30)އަކީ ޕޭޝަންޓް 27 އާ ޑައިރެކްޓް ކޮންޓެކްޓްވި މީހެކެވެ. އަދި އަނެއް މީހާއަކީ (ޕޭޝަންޓް 31) އަކީ ޕޭޝަންޓް 28 އާ ޑައިރެކްޓް ކޮންޓެކްޓްވި މީހެކެވެ. ދެން ޕޮޒިޓިވްވި ބަންގްލަދޭޝް މީހާ (ޕޭޝަންޓް 32)އަކީ ޕޭޝަންޓް 30އާ ޑައިރެކްޓް ކޮންޓެކްޓްވި މީހެކެވެ.

އޭގެފަހުން މިއަދު ޕޮޒިޓިވްވި ޕޭޝަންޓް 33 އަކީ ޕޭޝަންޓް 28އާ ޑައިރެކްޓް ކޮންޓެކްޓްވި މީހެކެވެ.

އިއްޔެގެ ނޫސްވެރިންގެ ބައްދަލުވުމުގައި ޑރ. ޝީނާ މޫސާ ވިދާޅުވީ މިހާތަނަށް ފެނުނީ މަދު ކޭސްތަކެއް ނަމަވެސް އެމީހުންގެ ކޮންޓެކްޓްރޭސިން ހުރި ގޮތަށް ބަލާއިރު މިހާރު ދެނެގަނެވިފައިވާ މީހުންގެ ހަ ގުނަ މީހުންނަށް ބަލި ޖެހިފައިވާނެ ކަމަށް ބެލެވޭ ކަމަށެވެ. ޑރ. ޝީނާ ވިދާޅުވީ އެ އަަަދަދު 100 އާ ހަމަކުރާނެ ކަމަށް ގަބޫލު ކުރެވޭ ކަމަށެވެ.

މި ހާލަތާ ގުޅިގެން މާލެ ސަރަހައްދު ވަނީ ގެއިން ބޭރަށް ވެސް ނުނިކުމެވޭ ގޮތަށް 14 ދުވަހަށް ލޮކްޑައުން ކޮށްފަ އެވެ. އަދި މުޅި ރާއްޖެ ވެސް އެއް ރަށުން އަނެއް ރަށަށް ދަތުރު ނުކުރެވޭ ގޮތަށް ވަނީ ލޮކްޑައުންއަކަށް ގެނެސްފަ އެވެ.