ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
ޒަކާތް

ފަގީރުންނަށް ޒަކާތުގެ ފައިސާ ޖަމާކޮށްދެނީ

ފިތުރު ޒަކާތް ހައްގުވާ މީހުންނަށް މިއަހަރު ޒަކާތު ފައިސާ ޖަމާކޮށްދޭން ނިންމާފައިވާ ކަމަށް އިސްލާމިކް މިނިސްޓްރީން ބުނެފި އެވެ.

މިރޭ ބޭއްވި ނޫސްވެރިންގެ ބައްދަލްވުމުގައި މިނިސްޓަރު ޑރ. އަހުމަދު ޒާހިރު އަލީ ވިދާޅުވީ ފިތުރު ޒަކާތް ބަލައިގަތުމުގެ އިންތިޒާމް ހަަމަޖެއްސުމުގެ މަސައްކަތް ކުރަމުންދާ ކަމަށެވެ. އެގޮތުން ދިރާގާ، އުރީދޫ މެދުވެރިކޮށް ފައިސާ ދެއްކޭނެ އިންތިޒާމާ، ބޭންކްތައް މެދުވެރިކޮށް ފައިސާ ދެއްކޭނެ އިންތިޒާމް ހަމަޖައްސަމުން ގެންދާ ކަމަށެވެ.

މީގެ ކުރިން ޒަކާތް ބަލައިގަތުން މިނިސްޓްރީގައި ކުރިއަށް ގެންދިޔަނަމަވެސް ކޮވިޑް-19 އާ ގުޅިގެން އެކަން އެގޮތަށް މިއަހަރު އިންތިޒާމް ނުކުރާނެއެވެ. އަދި ގޮވާމުން ޒަކާތް ދެއްކުމުގެ ފުރުސަތުވެސް މިއަހަރު ދެވޭނީ ހާލަތު ބަދަލުވެއްޖެ ނަމަ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

މިނިސްޓަރު ވިދާޅުވީ ފަގީރުންގެ ލިސްޓް އެކުލަވާލެވި، ޒަކާތް ހައްގުވާ މީހުން ދެނެގަނެވިފައިވާ ކަމަށެވެ. އަދި އެމީހުންނަށް މިއަހަރު ޒަކާތުގެ ފައިސާ ޖަމާކޮށްދޭން ނިންމާފައިވާ ކަމަށް ވިދާޅުވިއެވެ.

"..ފަގީރުންގެ ލިސްޓް މިހާރު އޮތީ ލިބިފައި. އަދި އެ ލިސްޓްގައި އެ މީހުންގެ އެކައުންޓް ނަންބަރުވެސް ހިމެނިފައި އޮވޭ. އެހެންވީމަ އެ އެކައުންޓަށް އަޅުގަނޑުމެން އެ ހައްގުވާ މިންވަރެއް ޖަމާކޮށްދޭނަން. އަދި ހާލަތު ރަނގަޅުވެއްޖެނަމަ ގޮވާމުންވެސް ޒަކާތް ދެއްކޭނެ އިންތިޒާމް އަޅުގަނޑުމެން ހަމަޖައްސާނަން." މިނިސްޓަރު ވިދާޅުވިއެވެ.