ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
ހަބަރު

މިދިޔަ އަހަރުގެ ލިސްޓަށް ޒަކާތް ބެހި މައްސަލަ ކޮމިޓީން ބަލަނީ

މިދިޔަ އަހަރުގެ ފަގީރުންގެ ލިސްޓަކަށް މި އަހަރުގެ ފިތުރު ޒަކާތް ބެހުމަށް އިސްލާމިކް މިނިސްޓްރީން ނިންމާފައި އޮތުމުން ދިރިއުޅުމުގެ ހާލަތު މިހާރު ދަށްވެފައިވާ ގިނަ ބަޔަކަށް އޭގެ ހައްގު ލިބިފައި ނުވާ ކަމަށް ބުނެ ހުށަހަޅާފައިވާ މައްސަލައެއް ބަލަން ރައްޔިތުންގެ މަޖިލީހުގެ އިޖުތިމާއީ ކޮމިޓީން ނިންމައިފި އެވެ.

މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދަށް ތޮއްޑޫ ދާއިރާގެ އެމްޑީޕީގެ މެންބަރު ހަސަން ޝިޔާން ފޮނުއްވި ސިޓީއެއްގައި ވަނީ މިދިޔަ އަހަރުގެ ފަގީރުންގެ ލިސްޓަށް ޒަކާތް ބެހުމަށް މިނިސްޓްރީން ނިންމުމުން އޭގެ ހަގީގީ ހައްގުވެރިންނަށް ޒަކާތް ލިބިފައި ނުވާ ކަމަށް ގަބޫލު ކުރެވޭތީ މަޖިލީހުން މި ކަމަށް ބަލައިދިނުމަށް އެދޭ ކަމަށެވެ.

މެންބަރު ޝިޔާންގެ އެ ސިޓީ ދިރާސާ ކުރުމަށް ރައީސް ނަޝީދު ފޮނުއްވީ އިޖުތިމާއީ ކޮމިޓީއަށެވެ. ކޮމިޓީގެ މިއަދުގެ ބައްދަލުވުމުގައި އެ ސިޓީއާ ގުޅޭ ގޮތުން ކޮމިޓީގެ މެންބަރުން މަޝްވަރާ ކުރެއްވި އެވެ.

މި މައްސަލާގައި ލިޔުމުން މިނިސްޓްރީން އޭގެ މައުލޫމާތުތައް ކޮމިޓީން ހޯދުމަށް ހުށަހެޅުއްވީ ހިންނަވަރު ދާއިރާގެ އެމްޑީޕީގެ މެންބަރު ޖީހާން މަހުމޫދެވެ. އެއީ މިނިސްޓްރީން އެ ގޮތަށް އުސޫލު ކަނޑައެޅި ސަބަބާއި، ޒަކާތް ބެހި ގޮތާއި، މިދިޔަ އަހާރައި މި އަހަރު އާންމުންގެ މާލީ އަދި ދިރިއުޅުމުގެ ހާލަތާ ގުޅޭ ގޮތުގައި މިނިސްޓްރީގައި ހުރި މައުލޫމާތެވެ.

ޖިހާންގެ ހުށަހެޅުއްވުމާ އެއް ގޮތަށް ކޮމިޓީން އެ މައްސަލަ ބަލައި މައުލޫމާތުތައް ހޯދުމަށް ފާސްކުރީ ކޮމިޓީގައި ބައިވެރިވެވަޑައިގެންނެވި ހުރިހާ މެންބަރުންގެ އިއްތިފާގުންނެވެ.

ކޮވިޑް-19 އިގެ ބަލިމަޑުކަމުގެ ހާލަތު ރާއްޖެއަށް ވެސް ކުރިމަތިވުމާއެކު އާންމުންގެ ގިނަ ބަޔެއްގެ މާލީ ހާލަތު ދަށްވެ، މާލެ ސަރަހައްދުގައި ކުއްޔަށް ތަންތަނުގައި ދިރިއުޅޭ ގިނަ ބަޔަކު ވެސް ކުލި ނުދެއްކިގެން މަގުމަތިވެފައިވެ އެވެ. އެހެންވީއިރު މިދިޔަ އަހަރުގެ ލިސްޓަކަށް ޒަކާތް ބެހުމަށް މިނިސްޓްރީން ނިންމާފައި އޮތުމުން ގިނަ ބަޔަކު ކަންބޮޑުވުން ފާޅުކުރި އެވެ.

ކުރީގެ އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު ވެސް ވިދާޅުވީ ދީނީ ޒަކާތް ބަހަން ވާނީ އޭރެއްގެ ހާލަތަށް ރިއާޔަތްކޮށްގެން ކަމަށާއި މިދިޔަ އަހަރުގެ ލިސްޓަކަށް ޒަކާތް ބެހުމަކީ ޝަރުއީ ގޮތުން ބަލާއިރު ވެސް ހަމަ ޖެހޭ އުސޫލެއް ނޫން ކަމަށް ވިދާޅުވެ، އެ އުސޫލަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެފަ އެވެ.

މި އަހަރު ފިތުރު ޒަކާތުގެ ގޮތުގައި 156،740 މީހުން ޒަކާތް ދެއްކިއިރު، ޒަކާތުގެ ގޮތުގައި 6،649،697 ރުފިޔާ ލިބިފައިވެ އެވެ. މިދިޔަ އަހަރުގެ ލިސްޓަކަށް އެ ފައިސާ ބެހިއިރު، ލިސްޓުގައި މުޅި ރާއްޖޭން 8،764 މީހުން ރަޖިސްޓްރީ ކޮށްފައިވެ އެވެ. އެހެންކަމުން މި އަހަރުގެ ފިތުރު ޒަކާތް ބަހާފައި ވަނީ މީހަކަށް 3،800 ރުފިޔާގެ މަގުންނެވެ.