ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
ޒަކާތް

ފިތުރު ޒަކާތް ދޫކުރީ ހައްގު ލިސްޓަކަށް: މިނިސްޓަރު

މި އަހަރުގެ ފިތުރު ޒަކާތް ދޫކޮށްފައި ވާނީ މިދިޔަ އަހަރުގެ އޮކްޓޫބަރު މަހު އެކުލަވާފައިވާ ލިސްޓަކަށް ކަމަށް ވާތީ އެއީ ވެސް އަޕްޑޭޓް ލިސްޓެއް ކަމަށާއި އެހެން ކަމުން ޒަކާތުގެ ފައިސާ ދޫކޮށްފައި ވަނީ ހައްގުވެރިންނަށް ކަމަށް ގަބޫލު ކުރައްވާ ކަމަށް އިސްލާމިކް މިނިސްޓަރު ޑރ. އަހުމަދު ޒާހިރު ވިދާޅުވެއްޖެ އެވެ.

ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާއަށް އިސްލާމިކް މިނިސްޓަރު ޒާހިރު ހާޒިރު ކުރި އެވެ. އޭނާ ހާޒިރު ކޮށްފައި ވަނީ މާވެޔޮ މިސްކިތާ ގުޅޭ ގޮތުން މެންބަރަކު ސުވާލު ކުރެއްވުމަށެވެ. މިނިސްޓަރާ ސުވާލު ކުރުމުގެ ގަޑީގައި އިތުރު ސުވާލު ކުރަން މެންބަރުންނަށް ހުޅުވާލުމުން ޒަކާތް ދޫކުރި ލިސްޓާ ގުޅޭ ގޮތުން ވެސް ސުވާލު ކުރި އެވެ.

މި ގޮތުން މި އަހަރުގެ ތެރޭގައި ފަގީރުންގެ ލިސްޓު އަޕްޑޭޓް ނުކުރެވުނީ ކީއްވެގެންތޯ އާއި އެ ކަމަށް ދިމާވި ހުރަސްތަކާ ގުޅޭ ގޮތުން މަޑަވެލި ދާއިރާގެ އެމްޑީޕީގެ މެންބަރު ހުސައިން ފިރުޝާން ސުވާލު ކުރެއްވި އެވެ. އަދި މިދިޔަ އަހަރުގެ ލިސްޓަކަށް ފައިސާ ދޫކުރުމުން ޒަކާތް ދޫކުރެވުނީ އެންމެ ހައްގުވެރިންނަށް ކަމަށް ގަބޫލު ކުރެއްވޭތޯ ވެސް އޭނާ ސުވާލު ކުރެއްވި އެވެ.

އެ ސުވާލަށް ޖަވާބު ދެއްވަމުން މިނިސްޓަރު ވިދާޅުވީ، ޒަކާތް ދޫކުރާ ފަގީރުންގެ ލިސްޓު އެކުލަވައިލަނީ ރަށްރަށަށް ފޮނުވައި ފޯމުތަކެއް ފުރުމަށް ފަހުގައި ކަމަށެވެ. އަދި މި އަހަރުގެ ރޯދަ މަސް އައިއިރު އެ ގޮތަށް ލިސްޓު އެކުލަވައިލެވެން ނެތް ކަމަށް ފެނުމުން ލިސްޓު އަޕްޑޭޓް ނުކުރަން ނިންމީ ކަމަށެވެ.

ޒާހިރު ވިދާޅުވީ އެހެން ދިމާވި ނަމަވެސް ޒަކާތު ފައިސާ ދޫކޮށްފައި ވަނީ މިދިޔަ އަހަރު އަޕްޑޭޓް ކުރި އެންމެ ފަހު ލިސްޓަށް ކަމަށާއި ޒަކާތް ބެހުން އޮންނަނީ އެންމެ ހައްގުވެރިންނަށް ކަމަށްވާއިރު މި ހާލަތުގައި އެކުލަވައިލެވޭނެ އެންމެ އަޑްޕޭޓް ލިސްޓަށް ޒަކާތް ދޫކުރެވިފައިވާ ކަމަށް ދެކެވަޑައިގަންނަވާ ކަމަށެވެ.

"އެއީ މިދިޔަ އަހަރުގެ އޮކްޓޯބަރު މަހު އެކުލަވާލި ލިސްޓެއް. ފިތުރު ޒަކާތް ބެހުން މި އޮންނަނީ އޭގެ ހައްގުވެރިންނަށް. މި ހާލަތުގައި ހުރިހާ ރަށްރަށެއް ލޮކްޑައުން ކޮށްފައި އޮތުމުން ފޯމު ފުރައިގެން މިނިސްޓްރީއަށް ނުގެނެވޭނެ ކަމަށް ބަލައި ކުރިން އޮތް ލިސްޓަށް ދޫކުރީ. އެއީ އަޕްޑޭޓް ލިސްޓެއް ކަމަށް އަޅުގަނޑު ދެކެނީ." ޒާހިރު ވިދާޅުވި އެވެ.

މި އަހަރު 156،740 މީހުން ފިތުރު ޒަކާތް ދެއްކިއިރު، ޒަކާތުގެ ގޮތުގައި 6،649،697 ރުފިޔާ ލިބިފައިވެ އެވެ. މިދިޔަ އަހަރުގެ ލިސްޓަކަށް އެ ފައިސާ ބެހިއިރު، ލިސްޓުގައި މުޅި ރާއްޖޭން 8،764 މީހުން ރަޖިސްޓްރީ ކޮށްފައިވެ އެވެ. އެހެންކަމުން މި އަހަރުގެ ފިތުރު ޒަކާތް ބަހާފައި ވަނީ މީހަކަށް 3،800 ރުފިޔާގެ މަގުންނެވެ.

ކޮވިޑް-19 އިގެ ބަލިމަޑުކަމުގެ ހާލަތު ރާއްޖެއަށް ވެސް ކުރިމަތިވުމާއެކު އާންމުންގެ ގިނަ ބަޔެއްގެ މާލީ ހާލަތު ދަށްވެ، މާލެ ސަރަހައްދުގައި ކުއްޔަށް ތަންތަނުގައި ދިރިއުޅޭ ގިނަ ބަޔަކު ވެސް ކުލި ނުދެއްކިގެން މަގުމަތިވެފައިވެ އެވެ. އެހެންވެ މިދިޔަ އަހަރުގެ ލިސްޓަކަށް ޒަކާތު ފައިސާ ބަހަން މިނިސްޓްރީން ނިންމުމުން ގިނަ ބަޔަކު އެކަމަށް ފާޑު ކިޔާފައި ވެއެވެ.

ކުރީގެ އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު ވެސް ވަނީ، ދީނީ ޒަކާތް ބަހަން ވާނީ އޭރެއްގެ ހާލަތަށް ރިއާޔަތްކޮށްގެން ކަމަށްވާއިރު، މިދިޔަ އަހަރުގެ ލިސްޓަކަށް ޒަކާތް ބެހުމަކީ ޝަރުއީ ގޮތުން ބަލާއިރު ވެސް ހަމަ ޖެހޭ އުސޫލެއް ނޫން ކަމަށް ވިދާޅުވެ، އެ އުސޫލަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެފަ އެވެ.