ލަވަކިޔުންތެރިޔާ އަދި ޓީވީ ޝޯ ހޯސްޓްކޮށްދޭ އަދިތުޔާ ނާރަޔަން ދާދި ފަހުން ވަނީ އޭނާ އުފެއްދި "މައި ޑޫބާ ރަހޫން" ކިޔާ މިއުޒިކް ވީޑިއޯއެއް ރިލީޒްކޮށްފަ އެވެ.
އަދިތުޔާ އާއި ބްރެޒީލަށް އުފަން ބަތަލާ ޖެނިފާ ޕިކިނާޓޯ ހަރަކާތްތެރިވާ މި ލަވައިގެ މަންޒަރުތައް ރާއްޖޭގައި ނަގާފައިވާ މި ލަވައަށް މިހާރު ވަރަށް ބޮޑު ތަރުހީބެއް ބެލުންތެރިންގެ ފަރާތުން ދަނީ ލިބެމުންނެވެ. އަދިތުޔާ ބުނަނީ ލަވަ އުފެއްދުމަށް އޭނާއަށް ހަ އަހަރުގެ ދިގު އިންތިޒާރެއް ކުރަން ޖެހުނު ކަމަށެވެ.
"އަހަރެން މި ލަވައިގެ މަސައްކަތް ކުރާތާ ހަ އަހަރު ވެއްޖެ. އަދި ކިރިޔާ ރިލީޒް ކުރެވޭ ގޮތް މިވީ. ސަބަބަކީ ވީޑިއޯ ތައްޔާރު ކުރަން އަހަރެންގެ އަތުގައި ފައިސާ ނެތީމަ،" އިންޑިއާގެ އޮންލައިން ނޫހަކަށް ދިފައިވާ އިންޓަވިއު އެއްގައި އަދިތުޔާ ބުންޏެވެ.
އަދިތުޔާ ބުނީ ފައިސާ އެވަރަށް ނެތީމަ މަސައްކަތް ކޮށްގެން ފައިސާ ހޯދައިގެން ލަވަ ޝޫޓް ކުރަން މަޑުކުރީ ކަމަށެވެ.
"މި ލަވައިގެ ކުރިން އަހަރެން ވަރަށް ގިނަ ލަވަތައް ކިޔާ ވީޑިއޯތައް ހެދިން. ނަމަވެސް އަންކިތު މި ލަވަ ކޮމްޕޯސްކޮށް މަނޯޖް ޔާދަވް ލަވަ ލިޔެދިންއިރު އަހަރެންގެ ޚިޔާލަށް އަބަދުވެސް އަންނަނީ ބީޗެއްގައި ލަވަ ޝޫޓް ކުރަން. ނަމަވެސް ބީޗެއްގައި ލަވަ ޝޫޓް ކުރުމަކީ ވަރަށް އަގު ބޮޑު ކަމަކަށް ވާތީ ހިތަށް އެރީ ފައިސާ އެއްކުރެވެންދެން ލަވަ ޝޫޓް ނުކޮށް ބާއްވާނިއްޔޭ،" އަދިތުޔާ ކިޔައިދިނެވެ.
އަދިތުޔާ ބުނި ގޮތުގައި ފާއިތުވީ ހަތަރު އަހަރުއްސުރެ އޭނާއަށް ޓީވީގައި ވަރަށް ރަނގަޅު މަސައްކަތްތަކެއް ކުރާނެ ފުރުސަތު ލިބުނެވެ. އަދި ޓީވީ ޝޯތަކުން ވަރަށް ރަނގަޅު އާމްދަނީ އެއްވެސް ލިބެ އެވެ.
"މިދިޔަ އަހަރު އަހަރެންގެ ހިތަށް އެރީ މިހާރު އަހަރެންގެ އަތުގައި ހުންނާނޭ އަމިއްލައަށް އަލްބަމް ތައްޔާރުކޮށް އެ އަލްބަމްގެ ވީޑިއޯ ތައްޔާރުކޮށް މާކެޓްކޮށް ޑިސްޓްރިބިއުޓްކުރެވޭހާ ފައިސާ. އެހެންވެ އަމިއްލައަށް ހުރިހާ ޚަރަދެއް ކުރީ،" އަދިތުޔާ ބުންޏެވެ.
އޭނާ އިތުރަށް ބުނި ގޮތުގައި އޭނާގެ ބައްޕަ (މަޝްހޫރު ލަވަކިޔުންތެރިޔާ އުޑިތު ނާރަޔަން) އެއް އޭނާއަކަށް ފައިސާއެއް ނުދެ އެވެ. އޭނާއަށް ފައިސާ ހޯދަން ޖެހެނީ އަމިއްލަ މަސައްކަތުންނެވެ.
"އަހަރެންގެ ބައްޕަ ބުނަނީ ބައްޕަ މަސައްކަތް ކޮށްގެން ހޯދާ ފައިސާ ކީއްކުރަންހޯ އަހަންނަށް ދޭންވީ. އެހެން ނޫނަސް ބައްޕަ ކައިރީ ފައިސާ ދޭށޭ ކިޔާކަށް އަހަރެންނަކަށް ނުކެރޭނެ. ބުންޏަސް ހަމައެކަނި ހެޔޮދުއާ އެކަނި ލިބޭނީ. ދެން އެއާއެކު ލިބުނަސް ލިބޭނީ ދެ ތިން ހަތަރު ބޮނޑިއެއް ކަންފަތްމައްޗަށް،" އަދިތުޔާ ބުންޏެވެ.
އަދިތުޔާ އަކީ އޭނާގެ މަންމަ އާއި ބައްޕަގެ ހުރި ހަމަ އެކަނި ދަރިފުޅު ނަމަވެސް އޭނާއަކީ އަމިއްލަ މަސައްކަތުން ފައިސާ ހޯދައިގެން ލަވަ ކިޔުމާއި މިއުޒިކް ވީޑިއޯތައް ނެރުމުގެ މަސައްކަތް ކުރާ ހުނަރުވެރި ޒުވާނެކެވެ.
އަދިތުޔާގެ ބޮލީވުޑް ކެރިއަރު ފެށީ ޗައިލްޑް އާޓިސްޓެއްގެ ގޮތުގަ އެވެ. "ޗޯޓާ ބައްޗާ ޖާންކެ ނާތޫ އާންކް ދިކާނާ ރޭ" މިއީ ޗައިލްޑް އާޓިސްޓެއްގެ ގޮތުގައި އޭނާ ކީ ފުރަތަމަ ލަވަ އެވެ. އޭގެ ފަހުން "ޖަބް ޕިޔާރް ކިސީސޭ ހޯތާ ހޭ"ގައި ސަލްމާން ޚާންގެ ދަރިފުޅުގެ ރޯލު އޭނާ ކުޅެފައި ވެއެވެ.