ސަރުކާރުގެ އަމާޒަކީ އިންސާނީ ކަރާމާތަށް އިސްކަން ދީގެން ޖަލު ބެލެހެއްޓުން ކަމަށާއި އެ މަސައްކަތް ކުރެވެމުންދާ ކަމަށް ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ ވިދާޅުވެއްޖެ އެވެ.
މާފުށީ ޖަލުގެ ޔުނިޓު 9 ގައި ތިބި ގައިދީންނަށް ރޭ ކާން ދިނުމަށްޓަކައި ޔުނިޓު ހުޅުވި ވަގުތު ބައެއް ގައިދީން ވަނީ ޔުނިޓުން ނިކުމެފަ އެވެ. ޔުނިޓުން ނިކުމެ ޖަލުގެ ބައެއް އޮފިސަރުންނާ ދެމެދު ހަމަނުޖެހުން ހިނގި އެވެ. ފަހުން އެ ހަމަނުޖެހުން ކޮންޓްރޯލް ކުރެވުނުއިރު، ގައިދީއަކަށާއި ދެ އޮފިސަރަކަށް ވަނީ އަނިޔާ ވެފަަ އެވެ.
އެ ހާދިސާއާ ގުޅިގެން ޖަލަށް ޒިޔާރަތް ކުރެއްވުމަށް ފަހު، މިނިސްޓަރު އިމްރާން ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ކޮވިޑް-19 ގެ ބަލިމަޑުކަމުގެ ހާލަތުގައި މުއައްސަސާތަކަށް ބާރުބޮޑުވެފައިވާ ދަނޑިޔަވަޅުގައި ޖަލު ހަލަބޮލިކުރަން ކުރި މަސައްކަތް ގައިދީންނާއި އޮފިސަރުންނަށް ބޮޑު ގެއްލުމެއް ނުވެ ކޮންޓްރޯލް ކުރެވުނީ އޮފިސަރުންގެ ކުޅަދާނަކަމުން ކަމަށެވެ.
"ކޮވިޑް-19 އާ އެކު މުއައްސަސާތަކަށް ބާރުބޮޑުވެ ނާޒުކު މި ވަގުތު ޖަލު ހަލަބޮލިކަން ކުރި މަސައްކަތް ގައިދީންނާއި އޮފިސަރުންނަށް ބޮޑު ގެއްލުމެއް ނުވެ ކޮންޓްރޯލް ވުމަކީ ﷲ ގެ ވާގިފުޅާއެކު އޮފިސަރުންގެ ކުޅަދާނަކަން. ސަރުކާރުގެ އަމާޒަކީ އިންސާނީ ކަރާމާތަށް އިސްކަން ދީގެން ޖަލު ބެހެއްޓުން،" އިމްރާންގެ ޓްވީޓްގައި ލިޔުއްވާފައިވެ އެވެ.
މާފުށީ ޖަލުގައި ރޭ ހަމަނުޖެހުމެއް ހިނގާފައި ވަނީ ވެސް، ޖަލުގައި ތިބި 105 ގައިދީއަކަށް އަދަބު ލުއިކޮށްދީފައި ވަނިކޮށެވެ. ޖަލު ބަންދުގައި ތިބި މީހުންގެ ސިއްހީ ރައްކާތެރި ކަމަށް ޖަލުތަކުގެ އާބާދީ މަދުކޮށް ތޮއްޖެހުން ކުޑަ ކުރުމަށް ސިއްހީ މާހިރުން ލަފާ ދީފައިވާ ކަމަށް ހޯމް މިނިސްޓްރީން ބުންޏެވެ.