މާފުށީ ޖަލުގައި ގައިދީންނާއި އޮފިސަރުންނާ ދެމެދު އިއްޔެ ހިނގި ހަމަނުޖެހުން ކޮންޓްރޯލް ކުރުމަށް ޖަލު އޮފިސަރުން އަމަލު ކޮށްފައި ވަނީ ވަރަށް ޕްރޮފެޝަނަލްކޮށް ކަމަށް ހޯމް މިނިސްޓްރީން މިއަދު ބުނެފި އެވެ.
މާފުށީ ޖަލުގެ ޔުނިޓު 9 ގައި ތިބި ގައިދީންނަށް ރޭ ކާން ދިނުމަށްޓަކައި ޔުނިޓު ހުޅުވި ވަގުތު ބައެއް ގައިދީން ވަނީ ޔުނިޓުން ނިކުމެފަ އެވެ. ޔުނިޓުން ނިކުމެ ޖަލުގެ ބައެއް އޮފިސަރުންނާ ދެމެދު ހަމަނުޖެހުން ހިނގި އެވެ. ފަހުން އެ ހަމަނުޖެހުން ކޮންޓްރޯލް ކުރެވުނުއިރު، ގައިދީއަކަށާއި ދެ އޮފިސަރަކަށް ވަނީ އަނިޔާ ވެފަަ އެވެ.
އެކަމާ ގުޅިގެން، ހޯމް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އަލީ ނަޒީރު މިއަދު ވިދާޅުވީ ރޭގެ ހާދިސާ ކޮންޓްރޯލްކުރުމަށް ޖަލު އޮފިސަރުން އަމަލުކޮށްފައިވަނީ ކުރިން ފަހަރުތަކާ އަޅާބަލާއިރު، ވަރަށް ޕްރޮފެޝަނަލްކޮށް ކަމަށެވެ.
"...ކޮންކުލޫސިވްކޮށް މިކަން ސާފުވާނީ އިންސިޑެންޓް ރިޕޯޓާއި ޔޫޒް އޮފް ފޯސް ރިވިއު ކޮމިޓީގެ ރިޕޯޓް ލިބުމުން،" ޖަލުގެ ކަންކަމާގުޅިގެން އިތުރަށް ހުށިޔާރުވާންޖެހޭކަން ފާހަގަކުރައްވަމުން ނަޒީރު ވިދާޅުވި އެވެ.
ކޮވިޑް-19 ގެ ބަލިމަޑުކަމުގެ ހާލަތުގައި މުއައްސަސާތަކަށް ބާރުބޮޑުވެފައިވާ ދަނޑިޔަވަޅުގައި ޖަލު ހަލަބޮލި ކުރަން ކުރި މަސައްކަތް ގައިދީންނާއި އޮފިސަރުންނަށް ބޮޑު ގެއްލުމެއް ނުވެ ކޮންޓްރޯލް ކުރެވުނީ އޮފިސަރުންގެ ކުޅަދާނަ ކަމުން ކަމަށް ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ ވެސް ވަނީ ވިދާޅުވެފަ އެވެ.
ޖަލުގައި ހިނގާ ހަމަނުޖެހުންތައް ކޮންޓްރޯލް ކުރުމުގައި އެކަށީގެންނުވާ މިންވަރަށް ބާރުގެ ބޭނުންކުރާކަމުގެ ތުހުމަތުތައް ކަރެކްޝަންސް ސާވިސަށް އެކި ފަހަރު މަތިން ވަނީ އަމާޒުވެފަ އެވެ. އަދި އެފަދަ ހާދިސާތަކަށްފަހު، ގައިދީންގެ ފަރާތުން ޖަލު އޮފިސަރުންނަށް އިންޒާރުދީ، އެކި ވަރުގެ ގެއްލުންތައް ދޭ މައްސަލަތައް ފުލުހުންވެސް މީގެ ކުރިން ތަހުގީގުކޮށްފައިވެ އެވެ.