މާލެ ސިޓީއިން އެއް ފަހަރާ ކޮވިޑް-19 އަށް ޕޮޒިޓިވްވި 13 ބިދޭސީންއަކީ ލިލީ ކުންފުނީގައި މަސައްކަތް ކުރާ، އެއް ތަނެއްގައި ދިރިއުޅެމުންދާ މުވައްޒަފުންތަކެއް ކަމަށް ސަރުކާރުން ހާމަކޮށްފި އެވެ.
މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ކޮވިޑް-19އާ ގުޅޭ ތަރުޖަމާނު މަބުރޫކު އަޒީޒު ވިދާޅުވީ 13 ބިދޭސީންއަކީ މާލެއިން ޕޮޒިޓިވްވި، ޕޭޝަންޓް 27އާ ސީދާ ކޮންޓެކްޓް އޮތް ބައެއް ކަމަށެވެ. މި 13 ބިދޭސީންނަކީ ލިލީ ފިހާރާގައި މަސައްކަތް ކުރާ މީހުންނާއި ޑެލިވަރީތައް ކޮށްދޭ މީހުން ކަމަށެވެ.
މީގެ ކުރިން ވެސް ލިލީގެ ދިވެހި މުވައްޒަފުންތަކެއް ކޮވިޑް-19 އަށް ޕޮޒިޓިވްވެފައިވެ އެވެ. ބައެއް ރަށްރަށުގެ ޓާސްކު ފޯސްތަކުން މިހާރު ވަނީ މިދިޔަ 14 ދުވަހުގެ ތެރޭގައި ބަނދަރުމަތީގައި ހުންނަ ލިލީ ސްޓޯރަށް ދިޔަ މީހުންގެ މައުލޫމާތު ވެސް އެއްކުރަން ފަށާފަ އެވެ.
މާލެއިން ކޮވިޑް-19 އަށް ޕޮޒިޓިވްވީ މީހުންގެ އަދަދު މިހާރު ވަނީ 31 އަކަށް އަރާފަ އެވެ. އެއީ 14 ދިވެހިންނާއި 17 ބިދޭސީންނެވެ. ބިދޭސީން ތެރޭގައި ހިމެނެނީ 15 ބަންގްލަދޭޝް މީހުންނާއި އިންޑިއާ ދެ މީހުންނެވެ.
ކޮވިޑް-19 އަށް ޕޮޒިޓިވްވި އިންޑިއާ ދެ މީހުންނަކީ މަބުރޫކު ވިދާޅުވި ގޮތުގައި ބްރައިޓް ބްރަދާސްގެ މުވައްޒަފުންނެވެ. އެމީހުންނަކީ އޭސީ ޓެކްނީޝަނުންނެވެ. އެމީހުން އޭސީ މަރާމާތު ކުރުމަށް ގޭގެއަށް ވެސް ދެ އެވެ.
މީގެއިތުރުން މިއަދު ދެން ޕޮޒިޓިވްވި ބަންގްލަދޭޝް މީހާއަކީ ޑރ. ނަޒްލާ ރަފީގު ވިދާޅުވި ލިޔެކިޔުންތައް ނެތް މީހެކެވެ. އޭނާއަކީ އަމިން ހިޔާ ސްޓާފް ކުއާޓަށް ބަދަލުވެފައިވާ މީހެއް ކަމަށެވެ. އޭނާ ފުލޫ ކްލިނިކަށް ދިޔައީ އިއްޔެ ކަމަށް ވެސް ޑރ. ނަޒްލާ ވިދާޅުވި އެވެ. މިކަމާ ގުޅިގެން އަމިން ހިޔާ ސްޓާފް ކުއާޓާ ވަނީ މޮނީޓަރިން ހާލަތަށް ގެނެސްފަ އެވެ.
އެންމެ ފުރަތަމަ ކޮވިޑް-19 މާލެއިން ޖެހުނު ބަންގްލަދޭޝް މީހާއަކީ ދިވެއްސަކާ ކައިވެނިކޮށްގެން އުޅޭ މީހަކެވެ. އޭނާއަކީ ތޮއްޖެހިފައިވާ ތަނެއްގައި އުޅޭ މީހެއް ނޫނެވެ.