މާލެ ސިޓީގައި ކޮވިޑް-19 އަށް ޕޮޒިޓިވްވި އިންޑިއާ ދެ މީހުންނަކީ ގޭގެއަށް އޭސީ މަރާމާތު ކުރުމަށްދާ ބައެއް ކަމަަށް ހެލްތު ޕްރޮޓެކްޝަން އޮތޯރިޓީ (އެޗްޕީއޭ)އިން ހާމަކޮށްފި އެވެ.
މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ކޮވިޑް-19އާ ގުޅޭ ސަރުކާރުގެ ތަރުޖަމާނު މަބުރޫކު އަޒީޒު ވިދާޅުވީ ކޮވިޑް-19 އަށް ޕޮޒިޓިވްވި އިންޑިއާ ދެ މީހުންނަކީ ބްރައިޓް ބްރަދާސްގެ މުވައްޒަފުންނެވެ.
އޭގެ ތަފްސީލް ދެއްވަމުން ޑރ. ނަޒްލާ ރަފީގު އެމީހުންނަކީ އޭސީ ޓެކްނީޝަނުންނެވެ. އެމީހުން އޭސީ މަރާމާތު ކުރުމަށް މާލޭގެ ގޭގެއަށް ވެސް ގޮސްފައިވާ ކަމަށެވެ. އެމީހުން މިހާރު ވަނީ އައިސޮލޭޝަންގަ އެވެ.
މާލެއިން ކޮވިޑް-19 އަށް ޕޮޒިޓިވްވީ މީހުންގެ އަދަދު ވަނީ 31 އަކަށް އަރާފަ އެވެ. އެއީ 14 ދިވެހިންނާއި 17 ބިދޭސީންނެވެ. ބިދޭސީންގެ ތެރޭގައި އިންޑިއާ ދެ މީހުން ފިޔަވައި ދެން ހިމެނެނީ ބަންގްލަދޭޝްގެ 15 މީހުންނެވެ.
މީގެތެރެއިން 13 ބަންގްލަދޭޝް މީހުންނަކީ ލިލީ ކުންފުނީގައި މަސައްކަތް ކުރާ، އެއް ތަނެއްގައި ދިރިއުޅެމުންދާ މުވައްޒަފުންތަކެވެ. އެއީ ލިލީ ސްޓޯރްގައި އުޅޭ އަދި ޑެލިވަރީގައި އުޅޭ މުވައްޒަފުންނެވެ. މީގެކުރިން ލިލީގެ ދިވެހި މުވައްޒަފުން ވެސް ކޮވިޑަށް ޕޮޒިޓިވްވެފައިވެ އެވެ.
މީގެއިތުރުން މިއަދު ދެން ޕޮޒިޓިވްވި ބަންގްލަދޭޝް މީހާއަކީ ޑރ. ނަޒްލާ ރަފީގު ވިދާޅުވި ލިޔެކިޔުންތައް ނެތް މީހެކެވެ. އޭނާއަކީ އަމިން ހިޔާ ސްޓާފް ކުއާޓަށް ބަދަލުވެފައިވާ މީހެއް ކަމަށެވެ. އޭނާ ފުލޫ ކްލިނިކަށް ދިޔައީ އިއްޔެ ކަމަށް ވެސް ޑރ. ނަޒްލާ ވިދާޅުވި އެވެ. މިކަމާ ގުޅިގެން އަމިން ހިޔާ ސްޓާފް ކުއާޓާ ވަނީ މޮނީޓަރިން ހާލަތަށް ގެނެސްފަ އެވެ.
އެންމެ ފުރަތަމަ ކޮވިޑް-19 މާލެއިން ޖެހުނު ބަންގްލަދޭޝް މީހާއަކީ ދިވެއްސަކާ ކައިވެނިކޮށްގެން އުޅޭ މީހަކެވެ. އޭނާއަކީ ތޮއްޖެހިފައިވާ ތަނެއްގައި އުޅޭ މީހެއް ނޫނެވެ.