ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
ހަބަރު

ބަންގްލަދޭޝް އެކަކު ޕޮޒިޓިވްވިއިރު ހުރީ އަމީން ހިޔާގައި

މާލެ ސިޓީއިން ކޮވިޑް-19 އަށް ޕޮޒިޓިވްވި ދެވަނަ ބަންގްލަދޭޝް މީހާގެ ޓެސްޓްގެ ނަތީޖާ ލިބުނުއިރު އޭނާ ހުރީ އަމީން ހިޔާ ކްއާޓާސްގައި ކަމަށް ހެލްތު ޕްރޮޓެކްޝަން އޮތޯރިޓީ (އެޗްޕީއޭ) އިން ހާމަކޮށްފި އެވެ.

އަމީން ހިޔާއަކީ ކޮވިޑް-19 އާ ގުޅިގެން ހާލުގައި ތޮއްޖެހިގެން އުޅޭ ބިދޭސީން ބަދަލުކުރި ތަނެކެވެ. އެ ތަނުގައި ގިނަ އަދަދެއްގެ ބިދޭސީން މިހާރު ވެސް ކައިބޮއެ ނިދާ ހަދަ އެވެ.

މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ޑރ. ނަޒްލާަ ރަފީގު ވިދާޅުވީ ލިޔެކިޔުންތައް ނެތް އެމީހާ ފުލޫ ކްލިނިކަށް ދިޔައީ އިއްޔެ ކަމަށެވެ. އޭނާގެ ނަތީޖާ މިއަދު ހެނދުނު ލިބުނުއިރު އޭނާ ހުރީ އަމީން ހިޔާގަ ކަމަށެވެ. އެހެންވެ އެކަމާ ގުޅިގެން އަޅަން ޖެހޭ ފިޔަވަޅުތައް އަޅަމުންދާ ކަމަށެވެ. އަމީން ހިޔާ މިހާރު ވަނީ ލޮކްޑައުންކޮށްފަ އެވެ.

އެމީހާގެ ކޮންޓެކްޓް ޓްރޭސިންގެ މަސައްކަތް ކުރަމުންދާއިރު ނަޒްލާ ވިދާޅުވި ގޮތުގައި މިވަގުތު ވެސް ބަންގްލަދޭޝް އެ މީހާ ސީދާ ކޮންޓެކްޓްވި ހަތަރު މީހަކު ފާހަގަ ކުރެވިފައިވެ އެވެ. އަދި ވިދާޅުވީ ކޮންޓެކްޓް ޓްރޭސިންގެ ތެރެއިން ވެސް ލަފައާ ހިލާފަށް މީހުން ތަންތަނަށް ގޮސްފައި ހުރިކަން ވެސް ފާހަގަ ކުރެވޭ ކަމަށެވެ.

މާލެއިން ކޮވިޑް-19 އަށް ޕޮޒިޓިވްވީ މީހުންގެ އަދަދު ވަނީ 31 އަކަށް އަރާފަ އެވެ. އެއީ 14 ދިވެހިންނާއި 17 ބިދޭސީންނެވެ. ބިދޭސީންގެ ތެރޭގައި އިންޑިއާ ދެ މީހުން ފިޔަވައި ދެން ހިމެނެނީ ބަންގްލަދޭޝްގެ 15 މީހުންނެވެ.

މީގެތެރެއިން 13 ބަންގްލަދޭޝް މީހުންނަކީ ލިލީ ކުންފުނީގައި މަސައްކަތް ކުރާ، އެއް ތަނެއްގައި ދިރިއުޅެމުންދާ މުވައްޒަފުންތަކެވެ. އެއީ ލިލީ ސްޓޯރްގައި އުޅޭ އަދި ޑެލިވަރީގައި އުޅޭ މުވައްޒަފުންނެވެ. މީގެކުރިން ލިލީގެ ދިވެހި މުވައްޒަފުން ވެސް ކޮވިޑަށް ޕޮޒިޓިވްވެފައިވެ އެވެ.

އެންމެ ފުރަތަމަ ކޮވިޑް-19 މާލެއިން ޖެހުނު ބަންގްލަދޭޝް މީހާއަކީ ދިވެއްސަކާ ކައިވެނިކޮށްގެން އުޅޭ މީހަކެވެ. އޭނާއަކީ ތޮއްޖެހިފައިވާ ތަނެއްގައި އުޅޭ މީހެއް ނޫނެވެ. މާލެ ސިޓީގައި ކޮވިޑް-19 އަށް ޕޮޒިޓިވްވި އިންޑިއާ ދެ މީހުންނަކީ ގޭގެއަށް އޭސީ މަރާމާތު ކުރުމަށްދާ ބައެކެވެ.