ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
އިސްލާމިކް މިނިސްޓްރީ

ރޯދަމަހު ޖަމާއަތުގައި ތަރާވީހު ނަމާދުވެސް ނުކުރާނެ

މިމަހުގެ ތިރީހުގެ ނިޔަލަށް ރާއްޖޭގެ އެއްވެސް ރަށެއްގައި ތަރާވީހު ނަމާދު، ޖަމާއަތުގައި ނުކުރާނެ ކަމަށް އިސްލާމިކް މިނިސްޓްރީން ބުނެފި އެވެ.

ކަލަންޑަރު ބުނާގޮތުން މިއަހަރުގެ ރަމަޟާން މަހުގެ ފުރަތަމަ ދުވަހަކީ މިމަހުގެ 24 ވަަނަ ދުވަހެވެ. އެހެން ކަމުން ރަމަޟާންމަސް ފެށެން ދެން އޮތީ ހަތަރު ދުވަހެވެ.

އިސްލާމިކް މިނިސްޓްރީން ދެންމެ ނެރުނު އެންގުމެއްގައި ބުނެފައިވަނީ ރާއްޖޭގައި ހަލުވިކަމާއެކު ކޮވިޑް-19 ފެތުރެމުންދާތީ އެކަން ހުއްޓުވުމަށް އަޅާ ރައްކާތެރިކަމުގެ ފިޔަވަޅެއްގެ ގޮތުން އިސްލާމީ ފަތުވާދޭ އެންމެ މަތީ މަޖިލީހާއި، ދީނީ އިލްމުވެރިންގެ ލަފާގެ މަތިން މިއަދުގެ މަޣުރިބް ނަމާދުން ފެށިގެން މިމަހުގެ 30 ވާ ބުރާސްފަތި ދުވަހުގެ އަސްރު ނަމާދުގެ ނިޔަލަށް މުޅި ރާއްޖޭގެ ހުރިހާ މިސްކިތެއްގެ ފަރުޟް ނަމާދުތަކާއި، ތަރާވީހް ނަމާދުގެ ޖަމާއަތް މިސްކިތުގައި ނުހެދުމަށް ނިންމާފައިވާތީ އެގޮތަށް އަމަލު ކުރުމަށް އަންގާ ކަމަށެވެ.

މި ހާލަތުގައި މިސްކިތުގައި ހަމައެކަނި ބަންގި ގޮވުމަށާ ބަންގީގެ ފަހުގައި ދިވެހި ބަހުން "ހުރިހާ ބޭފުޅުން ގޭގައި ނަމާދު ކުރައްވާ!" މިގޮތަށް ދެ ފަހަރު ގޮވުމަށް އިމާމުންނަށް ވަނީ އަންގާފައެވެ.

އިސްލާމިކް މިނިސްޓްރީން ވަނީ މިސްކިތް ޖަމާއަތުގައި ނަމާދު ނުކުރިނަމަވެސް ފަރުޟް ނަމާދު ބަރާބަރަށް އަދާކުރުމަށާއި، ތަރާވީހް ނަމާދު ކުރުމަށާ، ސުންނަތް ނަމާދު ކުރުން ގިނަކޮށް، ކީރިތި ގުރުއާން ކިޔަވައި މާތްﷲގެ ރަހުމަތަށް މާޔޫސްނުވެ، ސަބަބުތަކުގައި ހިފާ، ފުރިހަމައަށް ﷲއަށް ވަކީލުކޮށް ގިނަގިނައިން ދުއާކޮށް، އިސްތިއުފާރު ކުރުމަށް ވަނީ ނަސޭހަތްތެރިވެފައެވެ.

މިމަހުގެ 30 ގެ ނިޔަލަށް ރާއްޖޭގައި ވަނީ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތު އިއުލާނުކޮށްފައެވެ.