ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
ޑރ. ނަޒްލާ ރަފީގް

ބިދޭސީން ކުޑައިމީސް ކުރުމުން ނަޒްލާގެ ނުރުހުން

Apr 20, 2020
8

ބަންގްލަދޭޝް މީހުންނަށް ކުޑައިމީސްވާ ގޮތަށް "ނޫސްވެރިޔަކު" ސުވާލު ކުރުމުން ހުއްޓުވައި އެކަން އެގޮތަށް ނުކުރަން ޑރ. ނަޒްލާ ރަފީގު އެދިވަޑައިގެންނެފި އެވެ.

މިރޭ ބޭއްވި ކޮވިޑް-19 އިގެ ނޫސްވެރިންގެ ބައްދަލުވުމަށް ގިނަ ބަޔަކަށް ނުވެސް އެނގޭ އޮންލައިން ނޫހެއްގެ ފަރާތުން ވަދެ އިން މީހަކު ކުރި ސުވާލެއްގައި ބަންގްލަދޭޝްގެ ރައްޔިތުންނަށް ނިސްބަތްކޮށް "ބަންގާޅީން" ކަމަށް އިޝާރާތްކޮށް ސުވާލެއް ކުރިއަށް ގެންދަން ފެށުމުން ނަޒްލާ ވަނީ އޭނާގެ ސުވާލު ހުއްޓުވާފަ އެވެ. "ބަންގާޅީން" މި ބަސް މުޖުތަމައުގެ ތެރޭގައި މާނަވެފައި އޮންނަނީ ބަންގްލަދޭޝް މީހުން ދަށްކޮށްލުމުގެ ގޮތުން ބުނާ ބަހެއްގެ ގޮތުގަ އެވެ. -- ރާއްޖޭގެ ނޫސްވެރި ކަމުގައި އާންމުކޮށް ބަންގާޅު ބޭނުންކޮށް އުޅެނީ ކުޅިވަރުގައި މައިދާނުގައި ބޭނުން ކުރާ ވާދައިގެ ލަފުޒެއްގެ ގޮތުގަ އެވެ. އެ ގޮތުން "ގަލޮޅު ދަނޑުގައި ދިވެހިން އަތުން ބަންގާޅު ބަލިވީ ހަޑި ގޮތަށޭ" ލިޔަމުން އައިސްފައި ވެއެވެ. އެކަމަކު މިހާރު އެ ލަފުޒުވެސް ބޭނުމެއް ނުކުރެ އެވެ.

"އަޅުގަނޑަށް ހީވަނީ އަޅުގަނޑުމެން ސުވާލު ކުރާއިރު ވެސް ހަމަ އެންމެންނަކީ އިންސާނުން ކަމަށްވީމަ ދޭންވާ ރެސްޕެކްޓް، ބަހުރުވައިގައި ވެސް ހުންނަން ވާނީ،" ނަޒްލާ ވިދާޅުވި އެވެ.

އޭގެ ފަހުން އޭނާ ވަނީ ބަންގްލަދޭޝްގެ މީހުން ރާއްޖެއިން ފޮނުވާލާނީ ކޮން އިރަކުންތޯ ކަމަށް ސުވާލުކޮށްފަ އެވެ.

ޖަވާބުގައި ޑނަޒްލާ ވިދާޅުވީ ދިވެހިރާއްޖޭގައި އުޅޭ އެންމެންގެ ސިއްހަތު ސަލާމަތް ކުރުމަކީ ވެސް އެޗްޕީއޭއަށް ލާޒިމް ކަމެއް ކަމަށެވެ. ވަކި ބައެއް ވަކި ގައުމަކުން އައިސް ތިބި ބައެއް ތަފާތު ކުރުމެއް ނޯންނާނެ ކަމަށެވެ.

"އަޅުގަނޑަށް ނުވިސްނޭ ވަކި ގައުމަކުން އައިސްފަ ތިބި ބަޔަކާމެދު ތަފާތު ކުރުން މި އޮންނަ ސަބަބެއް، ވަކި ބަޔަކު ނުވަތަ ވަކި ގައުމެއްގެ ބަޔަކަށް ޖެހިއްޖެއާ އަހަރެމެންނަށް ޖެހޭނެއޭ، އެކަމަކު ފުރަތަމަ ވެސް ފެނުނީ ދިވެހިންގެ ފަރާތުން ނޫންތޯ؟" ނަޒްލާ އެއްސެވި އެވެ.

ނަޒްލާ ވިދާޅުވީ ބަންގްލަދޭޝް މީހުން ރާއްޖޭގައި އުޅެމުން އަންނަ ހާލަތަކީ ދިވެހިން ޒިންމާ ނަގަން ޖެހޭ ކަމެއް ކަމަށެވެ. އެމީހުން ރާއްޖެ ގެނެސް އެ ހާލަތަށް ދޫކޮށްލީ ވެސް ހަމަ ދިވެހިން ކަމަށެވެ.

ރާއްޖޭގައި ކޮވިޑް-19 ބަލި، 17 ބަންގްލަދޭޝް މީހަކަށް ވަނީ ޖެހިފަ އެވެ. އެ ގައުމުން ވެސް މިހާރު ވަނީ ރާއްޖެއަށް އެހީތެރިކަން ފޯރުކޮށްދޭން ނިންމާފަ އެވެ. އެގޮތުން 10 ޓަނުގެ އެހީ ވަނީ ފޮނުވާފަ އެވެ. އޭގެ އިތުރުން މެޑިކަލް ޓީމެއް ވެސް ފޮނުވަން ވަނީ ނިންމާފަ އެވެ.

ކޮވިޑް-19 އާ ގުޅިގެން ދަތި ހާލުގައި އުޅޭ ބިދޭސީން، ހާލަތު ރަނގަޅު ތަންތަނަށް ބަދަލު ކުރުމުގެ މަސައްކަތް ވެސް ދަނީ ސަރުކާރުން ކުރަމުންނެވެ. އަދި އެނބުރި ގައުމަށް ދާން ބޭނުންވާ ބަންގްލަދޭޝް މީހުން ފޮނުވާލުމުގެ މަސައްކަތް ވެސް ދަނީ ކުރަމުންނެވެ. މިހާރު ވެސް 70 މީހަކަށް އެނބުރި ގައުމަށް ފުރޭނެ ގޮތް ވަނީ ހަމަޖެހިފަ އެވެ.