ބޮލީވުޑް

ތައުރީފު ނުކުރޭ، އީމާންކަން ބަލިކަށިވޭ: ޒާއިރާ

"ދަންގަލް" އިން ފިލްމީ ދުނިޔެއަށް ނުކުތް ޒުވާން ބަތަލާ ޒާއިރާ ވަސީމް މިހާރު ވަނީ ފިލްމީ ދުނިޔެއަށް އަލްވަދާއު ކިޔާފައިވާކަން ރަސްމީކޮށް ވަނީ އިއުލާން ކޮށްފަ އެވެ. ޒާއިރާ ފިލްމު ކުޅުން ހުއްޓާލީ އެއީ ދީނަށް އުޅުމަށް އޭނާއަށް ހުރަސްތައް ކުރިމަތކުރުވާ ކަމެއް ކަމަށް ދެކިގެންނެވެ. ޒާއިރާ މިގޮތަށް އިއުލާން ކުރުމުން ފިލްމު އިންޑަސްޓްރީގެ ގިނަ ބަޔަކާއި އާއްމުންގެ ގިނަ ބަޔަކު އޭނާއަށް މަލާމާތްކޮށް ފުރައްސާރަ ކޮށްފައި ވެއެވެ. ނަމަވެސް އޭނާގެ ނިންމުން ބަދަލެއް ނުކުރެ އެވެ.

ޕްރިޔަންކާ ޗޯޕްޅާ އާއި ފަރްހާން އަޚްތަރު އާއެކު "ދަ ސްކައި އިޒް ޕިންކް" އިން އެންމެ ފަހުން ފެނިފައިވާ ޒާއިރާ އަނެއްކާ ވެސް ވަނީ ސޯޝަލް މީޑިއާގައި ވަރަށް ބޮޑު ބަޔާނެއް ޝެއާ ކޮށްފަ އެވެ. މި ބަޔާނުގައި އޭނާ ހުރިހާ އެންމެންގެ ކިބައިން އެދިފައި ވަނީ އޭނާއަށް ތައުރީފުކޮށް ޚުޝާމަދު ނުކުރުމަށެވެ. އެކަމުން އޭނާގެ އީމާންކަން ބަލިކަށިވުމުގެ ނުރައްކަލާ ކުރިމަތިވާ ކަމަށް ޒާއިރާ ބުނެފައި ވެއެވެ.

އޭނާގެ ފޭނުން ކިބައިން ޒާއިރާ އެދިފައިވަނީ އެންމެ ކަމަކަށެވެ. އެއީ އޭނާގެ ހުރި ނުކުޅެދުންތެރި ކަމަށް މާތް ﷲ އޭނާއަށް މައާފް ދެއްވުން އެދި ދުއާ ކޮށްދިނުމަށެވެ.

ޒާއިރާ ބުނެފައިވާ ގޮތުގައި މީހުންގެ ލޯބި އޭނާއަށް ލިބުމަކީ ޝުކުރުކުރާ ވަރުގެ ކަމެކެވެ. ނަމަވެސް މާ ގިނަގިނައިން ތައުރީފު ކުރުމުން އޭނާގެ އީމާންކަން ބަލިކަށި ވެދާނެ އެވެ. އެއީ ނުރައްކާތެރި ކަމެއްގެ ގޮތުގައި ޒާއިރާ ސިފަ ކުރެ އެވެ. އެހެންވެ އޭނާއަށް ތައުރީފުކުރުމުގެ ބަދަލުގައި ހެޔޮ ދުއާ ކޮށްދިނުމަށް ޒާއިރާ އެދިފައި ވެއެވެ. އަދި އޭނާގެ ތަގްވާ އިތުރުވެ އަބަދުވެސް ﷲ ޒިކުރު ކުރުމުގައި އޭނާގެ ދޫ ހެލުމަކީ އޭނާ އެންމެ އެދޭ ގޮތް ކަމަށް ވެސް ޒާއިރާގެ ޕޯސްޓްގައި ބުނެފައިވެއެވެ.

ޒާއިރާ އަށް "ދަންގަލް" ކުޅެގެން ވެސް ވަރަށް ގިނަ އެވޯޑުތައް ލިބުނެވެ. އަދި އޭގެ ފަހުން "ސީކްރެޓް ސުޕަސްޓާ" ކުޅެގެން ވެސް އޭނާ ވަނީ ގިނަ އެވޯޑުތަކެއް ހޯދާފަ އެވެ. ނަމަވެސް މިހާރު އޭނާއަށް ފިލްމުތަކާއި އެވޯޑުތަކަކީ ޝައުގުވެރިވާ އަދި ކުރާޙިތްވާ ކަމަކަށް ނުވެ އެވެ. ކިތަންމެ ޒުވާނަސް އޭނާ ދެން އަނބުރާ ފިލްމީ ދުނިޔެއަށް ދާކަށް ޒާއިރާ ޚިޔާލެއް ނުކުރެ އެވެ.

ޒާއިރާ އަކީ އިންޑިޔާގެ ކަޝްމީރުގެ އާއިލާއަކަށް ނިސްބަތްވާ ވަރަށް ޒުވާން އަންހެން ކުއްޖެކެވެ. އުމުރުން 19 އަހަރުގެ ޒާއިރާ "ދަންގަލް" ކުޅުނުއިރު އޭނާއަށް އެންމެ 15 އަހަރެވެ. އެ ފިލްމު ކުޅެން އެންމެ މޮޅު ޗައިލްޑް އާޓިސްޓްގެ ނެޝަނަލް އެވޯޑާއި ބެސްޓް ސަޕޯޓިން އެކްޓްރެސްގެ ނެޝަނަލް އެވޯޑު ޒާއިރާ އަށް ލިބިފައި ވެއެވެ. އަދި 2018 ގެ ފިލްމްފެއާ އެވޯޑުގެ އެންމެ މޮޅު ބަތަލާއަކަށް ވެސް ހޮވުނީ "ސީކްރެޓް ސުޕަސްޓާ" އިން އޭނާ އެވެ.