ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
ދުނިޔެ

ކަރަންޓީނުގައި 28 ދުވަހު ތިބި މީހުން ވެސް ކެރަލާގައި ބަލި ޖެހެނީ

ކެރެލާގެ 54 އަހަރުގެ އަންހެނަކު ބޭރު ގައުމަކުން އިންޑިޔާއަށް އެނބުރި އައިތާ 28 ދުވަސް ފަހުން ކޮރޯނާ ވައިރަހަށް ޕޮޒިޓިވް ވެއްޖެ އެވެ. އެ މީހާ އެނބުރި އައިއްސުރެ ހުރީ ގޭގައި ކަރަންޓީނު ވެގެނެވެ. އެއްގޮތަކަށް ވެސް ބޭރަށް ނުކުމެ މީހުންނާ ބައްދަލުކޮށް ހަދާފައެއް ނެތެވެ.

އިންޑިޔާގެ ހެލްތު އޮފިޝަލުން ވިދާޅުވާ ގޮތުގައި މިފަދަ ޑަޒަނެއްހާ ކޭސް މިހާތަނަށް ފެނިފައިވާ ކަމަށެވެ. ކަރަންޓީނުގައި 28 ދުވަހު ތިބެފައި ދޫކޮށްލާ ބައެއް މީހުން ވެސް ބައްޔަށް ޕޮޒިޓިވް ވަމުންދާ ކަމަށެވެ.

ޑަބްލިޔުއެޗްއޯ އިން އިންކިއުބޭޝަން ޕީރިއަޑްގެ ގޮތުގައި ކަނޑައަޅާފައިވަނީ 14 ދުވަހެވެ. ވައިރަސް ހަށިގަނޑަށް ވަންނަތާ ފަސް ދުވަސް ނުވަތަ އެއަށް ވުރެ ފަހުން ވެސް އަލާމާތްތައް ފެންނަން ފަށާފާނެ ކަމަށް ވެސް ޑަބްލިޔުއެޗްއޯ އިން ބުނެފައި ވެއެވެ. ނަމަވެސް އަލާމާތްތައް ފެންނަލެއް ކުޑަކަމުން ބަލި ޖެހިފައިވާ މީހުންނަށް އެކަން ނޭނގި ވެސް ވަރަށް ގިނަ ފަހަރު ހުރެ އެވެ.

އިންޑިޔާގެ އެހެން ސްޓޭޓްތަކާ ޚިލާފަށް ކެރެލާގައި ކަރަންޓީނު މުއްދަތަކީ 28 ދުވަހެވެ. ނަމަވެސް ޝާރްޖާ އިން މާޗް 28 ވަނަ ދުވަހު އައި އަންހެނަކު ގޭގައި އޮބްޒަވޭޝަންގައި ބަހައްޓާފައި ހުއްޓާ އޭޕްރީލް 16 ވަނަ ދުވަހު ނެގި ސާމްޕަލް ޕޮޒިޓިވް ވުމުން ކަރަންޓީނު މުއްދަތު ބަހައްޓަން ޖެހޭ މިންވަރާ މެދު ވެސް ވަނީ ސުވާލު އުފެދިފަ އެވެ.

މިމީހާގެ އިތުރުން ޑުބާއީން ކެރެލާއަށް އައި 30 އަހަރުގެ ޒުވާން ފިރިހެނަކު ވެސް ވަނީ ކަރަންޓީނުގައި ބެހެއްޓި 28 ދުވަސް ފުރިހަމަ ކުރި ފަހުން ކޮރޯނާވައިރަހަށް ޕޮޒިޓިވް ވެފަ އެވެ.

ކެރެލާގެ ހެލްތު ޑިޕާޓްމަންޓް އޮފިޝަލުން ވިދާޅުވަނީ މިފަދަ ޑަޒަނެއްހާ މީހުން މިހާތަނަށް ފެނިފައިވާ ކަމަށެވެ. އެއީ 28 ދުވަހުގެ ކެރަންޓީނު މުއްދަތު ހަމަވާ ފަހުން ޕޮޒިޓިވް ވެފައިވާ މީހުންނެވެ.

"ބޭރު ގައުމުތަކުން އަންނަން އެންމެން އެބަ ޓެސްޓްކުރަން. އަދި އެ މީހުންގެ ޕްރައިމަރީ ކޮންޓްކްޓް ވެސް އެބަ ޓެސްޓްކުރަން. މި މީހުންގެ ޓެސްޓް ޕޮޒިޓިވް ވިޔަސް އެމީހުންގެ ފަރާތުން ބަލީގެ އެއްވެސް އަލާމާތެއް ފެންނާކަށް ނެތް،" ހެލްތު އޮފިޝަލަކު އިންޑިޔާގެ ނޫހަކަށް ވިދާޅުވެފައި ވެއެވެ.

ކެރަލާގައި ތިބި ބަލި މީހުންގެ ހަށިގަނޑުގައިވާ ކޮރޯނާވައިރަސްގެ މިއުޓޭޝަނެއް އުޅެނީތޯ ސްޓަޑީއެއް ހަދަން ޖެހޭ ކަމަށް ވެސް ހެލްތު އޮފިޝަލުން ވަނީ ވިދާޅުވެފަ އެވެ.