ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
ދުނިޔެ

އިންޑިއާއިން ލޮކްޑައުން ލުއި ކުރަން ފަށައިފި

Apr 20, 2020

ނިއު ދިއްލީ (އޭޕްރީލް 20) - ކޮވިޑް-19 ފެތުރުން ހުއްޓުވަން މުޅި އިންޑިއާ ލޮކްޑައުންކޮށް، އަޅާފައިވާ ބައެއް ފިޔަވަޅުތައް ލުއި ކުރަން ފަށައިފި އެވެ.

އޭގެ ތެރެއިން ލުއި ކުރި ގިނަ ފިޔަވަޅުތައް އަމާޒުކޮށްފައިވަނީ، އިންޑިއާގެ މަސައްކަތްކުރާ އާބާދީގެ ދެބައިކުޅަ އެއްބައި ނިސްބަތްވާ ދަނޑުވެރިކަމަށެވެ.

އިންޑިއާ ސަރުކާރުން ބުނެފައިވާ ގޮތުގައި، ދަނޑުވެރިކަން އަލުން ހުޅުވާލުމުގެ މައިގަނޑު ބޭނުމަކީ ކާބޯތަކެތީގެ ރައްކާތެރިކަން ކަށަވަރު ކުރުން ކަމަށެވެ.

އެހެނަސް މިދިޔަ ހަފްތާގައި ލުއި ކުރާނެކަމަށް ބުނި ބައެއް ފިޔަވަޅުތަކަށް މިހާރު އަމަލު ނުކުރަން ވަނީ ނިންމައިފަ އެވެ. އޭގެ ތެރޭގައި ޒަރޫރީ ތަކެތި ގޮތުގައި ނުހިމެނޭ މޯބައިލް ފޯނާއި ކޮމްޕިޔުޓަރު ފަދަ އިލެކްޓްރޯނިކް ސާމާނު ޑެލިވަރީ ކުރުމުގެ ހުއްދަ ދިނުމަށް ނިންމި ނިންމުން، މިދިޔަ އާދީއްތަ ދުވަހު ވަނީ އަނބުރާ ގެންގޮސްފަ އެވެ.

ފަހުން ލުއި ކުރި ފިޔަވަޅުތަކުގެ ތެރޭގައި ދަނޑުވެރިކަމާއި މަސްވެރިކަމަށް ވަނީ އަމާޒުކޮށްފަ އެވެ. އަދި އެއާއެކު ދުވަހު މަސައްކަތުގައި އުޅޭ ގިނަ ބައަކަށް އާމްދަނީ ހޯދުމުގެ ދޮރު އަލުން ހުޅުވިގެންދާނެ އެވެ.

އެ އިންޑަސްޓްރީތަކަށް ސަޕްލައި ކުރެވޭނެ މަގު ފަހިކޮށްދިނުމަށްޓަކައި، މުދާ އުފުލާ އުޅަނދުތަކަށް ސްޓޭޓު ބޯޑަރުތައް ހުރަސްކޮށް ދުރު އަވަށްތަކަށް ދިޔުމުގެ ހުއްދަވެސް މިހާރު ވަނީ ދީފަ އެވެ.

އިންޑިއާގައި ކޮވިޑް-19 ޖެހިފައިވާ މީހުންގެ އަދަދު ވަނީ 16،000 އަށް ވުރެ މައްޗަށް އަރައިފަ އެވެ. އަދި އޭގެ ތެރެއިން 500 އަށް ވުރެ ގިނަ މީހުން މިހާތަނަށް ވަނީ މަރުވެފަ އެވެ.