ހަބަރު

ގޮއިދޫގައި ހުރި ތަރުކާރީ ދަނޑަކަށް ގެއްލުން ދީފި

Apr 20, 2020
4

ބ. ގޮއިދޫގައި ހުރި ތަކުރާރީ ދަނޑަކަށް ބަޔަކު ގެއްލުންތަކެއް ދީފި އެވެ.

ފުލުހުން ކުރި ޓްވީޓެއްގައި ބުނީ ކޮވިޑް-19 ގެ ސަބަބުން ދުނިޔޭގެ ގިނަ ސަރަހައްދުތައް ލޮކްޑައުން ކޮށްފައިވާ ދަނޑިވަޅެއްގައި އަދި ބަރަކާތްތެރި ރަމަޟާން މަސް ވެސް ގާތްވެފައި ވަނިކޮށް މީހަކު ނުވަތަ ބަޔަކު ގޮސް ގޮއިދޫގައި ހުންނަ ތަކުރާރީ ދަނޑަކަށް ގެއްލުން ދީފައިވާ ކަމަށާއި ހައްދާފައިވާ ތަކުރާރީތައް ދެފަޅިކޮށް ކުދިކުދި ކޮށްފައިވާ ކަމަށެވެ.

މި މައްސަލާގައި މިހާތަނަށް އެއްވެސް މީހަކު އަދި ހައްޔަރުކޮށްފައެއް ނުވެ އެވެ. ފުލުހުން ބުނީ އެ މައްސަލަ ތަހުގީގު ކުރަމުންދާ ކަމަށާއި މި ތަދު ދަނޑިވަޅުގައި ތަކުރާރީ ދަނޑުތަކަށް ގެއްލުން ދޭނަމަ ފިޔަވަޅު ވެސް އަޅާނެ ކަމަށެވެ.

ކޮވިޑް-19 ގެ ސަބަބުން ރާއްޖޭގެ އެއް ރަށުން އަނެއް ރަށަށް އަރައި ފޭބުން މަނާކޮށް ލޮކްޑައުން ކޮށްފައިވާ ހާލަތުގައި ބ. ގޮއިދޫގެ ތަކުރާރީ ދަނޑަކަށް ގެއްލުން ދިން މައްސަލައެއް ފުލުހުން ތަހުގީގު ކުރަމުންދާއިރު، ނ. މިލަދޫގައި ހުންނަ އެސްޓީއޯ ފާމަސީ ތަޅާލައި އެ ތަނުގެ ތިޖޫރީ ވަގަށް ނެގި މައްސަލައެއް ވެސް ދަނީ ތަހުގީގު ކުރަމުންނެވެ.

ރާއްޖޭން މިހާތަނަށް ކޮވިޑް-19 އަށް ޕޮޒިޓިވް 67 މީހަކު ފެނިފައިވެ އެވެ. މިދިޔަ ބުދަ ދުވަހުން މާލެއިން ފެނުނު ފުރަތަމަ ކޭސްއާއެކު މާލޭން ދަނީ ކޮންމެ ދުވަހަކު ވެސް އެ ބައްޔަށް ޕޮޒިޓިވް މީހުން ފެންނަމުންނެވެ. މިހާތަނަށް މާލޭން ބައްޔަށް ޕޮޒިޓިވް 47 މީހަކު ފެނިފައިވެ އެވެ. އެއީ 23 ދިވެހިންނާއި 24 ބިދޭސީންނެވެ.