މޮނިޓަރިން ހާލަތުގައިވާ ގެތަކުގެ މީހުންނަށް ބޭރަށް ނުކުތުން މަނާ ކޮށްފައިވާއިރު ޑެލިވަރީ ކޮށްދޭ ފަރާތްތަކުން އެ ގެތަކަށް ޑެލިވަރީގެ ހިދުމަތް ދިނުމަށް ދެކޮޅު ހަދާކަމުގެ ޝަކުވާ ލިބެމުންދާ ކަމަށް ނޭޝަނަލް އިމަޖެންސީ އޮޕަރޭޝަން ސެންޓަރު (އެންއައިއޯސީ) އިން ބުނެފި އެވެ.
އެންއައިއޯސީން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އެ ސެންޓަރުގެ ތަރުޖަމާން މަބުރޫކް އަޒީޒް ވިދާޅުވީ މޮނިޓަރިންގެ ހާލަތުގައިވާ ގޭގޭ މީހުންނަށް ބޭރަށް ނުނުކުމެވޭނެ ކަމަށެވެ. އަދި އެކަން އަންގާ އެ ގޭބީސީތަކަށް ލިޔުންވެސް ހަވާލު ކޮށްފައިވާނެ ކަމަށެވެ.
މީގެ އިތުރުން އެ ގެތައް ކައިރީ ފުލުހުން ގެންދަނީ ހަރަކާތްތެރި ވެސް ވަމުންނެވެ. އެއީ ރައްކާތެރިކަމުގެ ގޮތުން އެޗްޕީއޭއިން އަޅާފައިވާ ފިޔަވަޅުތަކެކެވެ.
މަބުރޫކް ވިދާޅުވީ މޮނިޓަރިން ހާލަތުގައިވާ ގެތަކަށް ޑެލިވަރީގެ ހިދުމަތް ދިނުމަށް ދެކޮޅު ހަދާކަމުގެ ޝަކުވާ ލިބެމުންދާ ކަމަށެވެ. އެފަދަ ގޭބީސީތަކަށް އައިސީޕީތަކާ ގުޅައިގެން ކާބޯތަކެތި ހޯދޭނެ ގޮތްތަކެއް ހަމަޖެއްސޭނެ ކަމަށްވެސް މަބުރޫކް ވިދާޅުވި އެވެ.
އަދި ޑެލިވަރީ ކޮށްދޭ ފަރާތްތަކަށްވެސް އެ ގެތަކާ ހަމައަށް އެއްޗެހި ގެންގޮސްދެވޭނެ ކަމަށާ އަދި އައިސީޕީތަކާއި ގުޅިގެން އެ ތަކެތި އެމީހުންނަށް ރައްދު ކޮށްދެވޭނެ ކަމަށެވެ.
"އަޅުގަނޑު ހަމަ ދަންނަވާލަން ބޭނުން، އެ ބޭފުޅުންނަށް ގުޅޭ އައިސީޕީތަކަށް ގުޅައިގެން ކާބޯތަކެތީގެ ކަންކަން ހަމަޖެއްސޭނެ. އަދި ޑެލިވަރީކުރައްވާ ބޭފުޅުންވެސް އޮންލައިން ކޮށް ޓްރާސްސެކްޝަން ހެދޭ ގޭގޭގެ ކައިރިއަށް އެ ތަކެތި ގެނެސްދިނުން ނުވަތަ އައިސީޕީއާ ގުޅިގެން ގޭގެއަށް ކާބޯތަކެތި ގެންގޮސް ދިނުމުގެ މަސައްކަތް ކުރެވޭނެ." މަބުރޫކް ވިދާޅުވި އެވެ.
ކޮވިޑް-19 ގެ ގިނަ ކޭސްތަކެއް މާލެއިން ފެނިފައިވާއިރު ވަރަށް ގިނަ ގެތަކާއި، ގޭބީސީތައް ވަނީ މޮނިޓަރިންގެ ހާލަތަށް ގެނެސްފަ އެވެ.
އެފަދަ ގެތަކުގައި އުޅޭ ބައެއް މީހުންވަނީ ގެއިން ކާބޯތަކެތި ހުސްވެ، ޒަރޫރީ ބޭނުންތަކަށް ބޭނުންވާ ސާމާނުވެސް ހޯދަން ދަތިވެފައިވާތީ އެކަމުގެ ކަންބޮޑުވުން ފާޅުކޮށްފައެވެ.