ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
ކޮރޯނާ ވައިރަސް

"އެންމެ ބޮޑު އަމާޒަކީ ވީހާވެސް ގިނަ ބަޔަކު ޓެސްޓްކުރުން"

މިވަގުތު އެންމެ އިސްކަން ދީގެން ކުރަމުން އަންނަ މަސައްކަތަކީ ކޮވިޑް-19 އަށް ވީހާވެސް ގިނަ ބަޔަކު ޓެސްޓް ކުރުން ކަމަށް ނޭޝަނަލް އިމަޖެންސީ އޮޕަރޭޝަން ސެންޓަރު (އެންއައިއޯސީ) އިން ބުނެފި އެވެ.

މިރޭ ބޭއްވި ނޫސްވެރިންގެ ބައްދަލްވުމުގައި ޑރ. ނަޒްލާ މުސްތަފާ ވިދާޅުވީ ކޮވިޑް-19 އިގެ ބަލި މީހުން ކޮންމެ ދުވަހަކު މާލެއިން ފެންނަމުން ދާއިރު އެމީހުންގެ ކޮންޓެކް ޓްރޭސިން ހެދުމުގެ މަސައްކަތް ވެސް ވަރަށް ބާރަށް ކުރިއަށް ގެންދާ ކަމަށެވެ.

ބަލި ކޮންޓްރޯލް ކުރުމަށް އޮތް އެންމެ ބޮޑު ގޮންޖެހުމަކީ ވެސް ޕޮޒިޓިވްވާ މީހުން ގިނަ ބަޔަކާ ބައްދަލުވެފައި ހުރުން ކަމަށާއި އެހެންކަމުން މިވަގުުތު އެންމެ އިސްކަން ދެނީ ގިނަ ބަޔަކު ބައްޔަށް ޓެސްޓް ކުރުން ކަަމަށް ވެސް އޭނާ ވިދާޅުވި އެވެ.

ނަޒްލާ ވިދާޅުވީ އަލާމަތްތައް ފެނުމުގެ ދެ ދުވަހެއް ކުރިން ޓެސްޓް ކުރުމުން ވެސް ވައިރަސްގެ އަސަރު ހުރިނަމަ ޕޮޒިޓިވް ކަމަށް ދައްކާ ކަމަށާއި ގިނަ ބަޔަކު ބައްޔަށް ޓެސްޓް ކުރެވިއްޖެނަމަ ބަލި ފެތުރޭ މިންވަރު ބޮޑު ތަނުން މަދު ކުރެވޭނެ ކަމަށެވެ.

"އަޅުގަނޑުމެންގެ މިވަގުތުގެ އެންމެ ބޮޑު އަމާޒަކީ ވީހާވެސް ގިނަ މީހުން ޓެސްޓް ކުރުން. ވީހާވެސް ގިނަ މީހުން ޓެސްޓް ކުރެވިޖެއްޔާ ހާއްސަކޮށް ޕީސީއާރް ނުވަތަ ވައިރަސްއަށް ކުރެވޭ ޓެސްޓަކީ ބައެއް ފަހަރު އަލާމަތްތައް ފެނުމުގެ އެއްދުވަސް ނުވަތަ ދެ ދުވަސް ކުރިންވެސް ޕޮޒިޓިވް ވެދާނެ. އެހެންވީމަ ވީހާވެސް ކުރިން ދެނެގަނެވި، އެމީހުން އެކަހެރި ކުރެވިއްޖެއްޔާ ދެން ޕޮޒިޓިވް ކޮންޓެކްޓްގެ ފަރާތުން އެހެން މީހުންނަށް ދިއުމުގެ ފުރުސަތު ވަރަށް ބޮޑުތަނުން ކުޑަ ކޮށްލާނެ,"

އަލާމަތްތައް ފެންނަ މީހުން ނުވަތަ ބައްޔަށް ޝައްކު ކުރެވޭ މީހުންގެ ދެ ޓެސްޓެއް ކުރެވެއެވެ. ޓެސްޓްތައް ހެދުމަށް ސާމްޕަލް ނަގަނީ ކަފަ ބުރެއް ނޭފަތަށް ނުވަތަ ކަރުތެރެއަށް ލައިގެންނެވެ. މި ގޮތަށް ނަގާ ސާމްޕަލް ޓެސްޓް ކުރުމަށް ލެބޯޓަރީއަށް ފޮނުވުމުން ފުރަތަމަ ބަލާނީ ސްކްރީން ޓެސްޓެކެވެ. އެއީ ޕޭންކްރޯނާއަށް ކުރާ ޓެސްޓެކެވެ. އަދި އޭގެ ފަހުން ކޮވިޑްގެ ސްޕެސިފިކް ޓެސްޓެއް ހަދައެވެ.

އެގޮތައް ކުރާ ޓެސްޓްތަކުގައި ސްކްރީން ޓެސްޓް ޕޮޒިޓިވްވެފައި، ކޮވިޑް ސްޕެސިފިކް ޓެސްޓް ނެގެޓިވްވާ ފަހަރުވެސް އަންނަ ކަމަށާ އެފަދަ ކޭސްއެއް ދިމާވެފައިވާ ކަމަށްވެސް ނަޒްލާ ވިދާޅުވިއެވެ.

"ބައެއް ފަހަރު ސްކްރީން ޓެސްޓް ޕޮޒިޓިވްވެފައި، ކޮވިޑް ސްޕެސިފިކް ޓެސްޓް ނެގެޓިވްވެދާނެ. އެހެން ނަމަވެސް މިސާލަަކަށް ސްކްރީން ޓެސްޓް ޕޮޒިޓިވްވެފައި އެމިހާގެ ޑައިރެކްޓް ލިންކެއް އޮންނަނީ ކަމުގައިވަނީމަ ނުވަތަ އަލާމަތް ފެންނަނީ ކަމުގައިވާނަމަ އަޅުގަނޑުމެން ބަލަނީ އެއީ 'ޕޮރޮބަބަލް ކޭސް'އެެއްގެ ގޮތުގައި،" ނަޒްލާ ވިދާޅުވި އެވެ.

މާލޭގައި މިހާރު ކޮވިޑް-19 ޖެހިފައިވާ މީހުންގެ އަދަދު ވަނީ 49 އަކަށް އަރައިފަ އެވެ.