މާލެ ސިޓީގައި އިތުރު ދެ މީހަކު ކޮވިޑް-19 އަށް ޕޮޒިޓިވްވެއްޖެ އެވެ. މިރޭ ޕޮޒިޓިވްވެފައިވަނީ ބިދޭސީއަކާއި ދިވެއްސެކެވެ.
ޕޭޝަންޓް 68 އަކާއި ޕޭޝަންޓް 69 މިހާރު އައިސޮލޭޝަން ފެސިލިޓީއަށް ގެންދިޔުމުގެ މަސައްކަތް ކުރަމުންދާއިރު މި ދެ މީހުންނާއެކު މާލޭގައި ކޮވިޑަށް ޕޮޒިޓިވްވި މީހުންގެ އަދަދު 49 އަކަށް އެރީ އެވެ.
މިއަދު ކޮވިޑް-19 އަށް 15 މީހަކު ޕޮޒިޓިވްވެފައިވެ އެވެ. އެގޮތުން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ހަތަރު ބިދޭސީންނާއި ތިން ދިވެހިން ޕޮޒިޓިވްވިކަން ހާމަކުރި އެވެ. ބިދޭސީންއަކީ އިންޑިއާ މީހުންނެވެ. އޭގެކުރިން ދެ ބަންގްލަދޭޝް މީހަކާއި ހަ ދިވެހިން ޕޮޒިޓިވްވިކަން އެޗްޕީއޭއިން ޓްވީޓްކުރި އެވެ.
ދެން މާލެއިން މީގެކުރިން ކޮވިޑް-19 އަށް ޕޮޒިޓިވްވެފައިވަނީ 14 ދިވެއްސަކާއި 15 ބަންގްލަދޭޝް މީހަކާއި ދެ އިންޑިއާ މީހުންނެވެ. މީގެ ތެރޭގައި މާބަނޑު އަންހެނަކާއި ތިން ކުޑަ ކުދިން ވެސް ހިމެނެ އެވެ.
މާލޭގައި މިހާތަނަށް އެންމެ ގިނަ މީހުން ޕޮޒިޓިވްވެފައިވަނީ ލިލީ ސްޓޯރާ ގުޅުން އޮތް ކްލަސްޓާއިންނެވެ. އެގޮތުން އެތަނުގެ ދިވެހި މުވައްޒަފަކާއި 13 ބިދޭސީ މުވައްޒަފަކު ވަނީ ޕޮޒިޓިވްވެފަ އެވެ. އަދި އެމީހުން ގުޅުން އޮތް 68 މީހަކު ވަނީ ފާހަގަކުރެވިފަ އެވެ. އެމީހުންގެ ޓެސްޓްތައް ދަނީ ހަދަމުންނެވެ.
އެންމެ ނުރައްކާ ބޮޑު ކޭސްއެއްގެ ގޮތުގައި އޮތީ، ކޮވިޑް-19އާ ގުޅިގެން ހާލަތު ދަށް ބިދޭސީން ރަނގަޅު ހާލަތަކަށް ގެންދިޔުމަށް ހަމަޖެއްސި އަމީން ހިޔާ ކުއާޓާސްގައި ހުއްޓާ ޕޮޒިޓިވްވި މީހާގެ ކޭސް އެވެ. ގިނަ އަދަދެއްގެ ބިދޭސީން އުޅޭ އެ ތަނުގައި އޭނާއާ ކޮންޓެކްޓްވީ 200 އަށްވުރެ ގިނަ މީހުން އެބަ ތިއްބެވެ. އެ ތަން ވަނީ މޮނީޓަރިން ހާލަތުގަ އެވެ.
ރާއްޖޭގައި ކޮވިޑް-19ގެ ހާލަތު ގޯސްވަމުންދާތީ ސަރުކާރުން ދަނީ ފިޔަވަޅުތައް ވަރުގަދަ ކުރަމުންނެވެ. މާލެ އެއްކޮށް ލޮކްޑައުން ކޮށްފައިވާއިރު އެއް ރަށުން އަނެއް ރަށަށް ދަތުރު ކުރުން ވަނީ މަނާކޮށްފަ އެވެ. ޖަމާއަތުގައި ނަމާދު ކުރުން ވެސް މުޅި ރާއްޖޭގައި ވަނީ މަނާކޮށްފަ އެވެ. އަދި، މާލެއިން ރަށްރަށަށް ދިޔަ މީހުން އެކަހެރިވާން ވެސް ވަނީ އަންގާފަ އެވެ.