މާރިޔާ އަހުމަދު ދީދީ

"ހުރިހާ ކަމެއްގައި ސިފައިން ދައްކަނީ ނަމޫނާ"

ކޮންމެ ކަމެއްގައި ވެސް ދިވެހި ސިފައިން ދައްކަމުން ދަނީ ނަމޫނާ ކަމަަށާ ސިފައިންގެ މަސައްކަތްތަކާމެދު ފަހުރުވެރިވެ ވަޑައިގަންނަވާ ކަމަށް ޑިފެންސް މިނިސްޓަރު މާރިޔާ އަހުމަދު ދީދީ ވިދާޅުވެއްޖެ އެވެ.

އެކަމަނާ މިހެން ވިދާޅުވީ ދިވެހި ސިފައިންގެ އަހަރީ ދުވަހުގެ މުނާސަބަތުގައި ދެއްވި ހިތޯބެއްގަ އެވެ.

ރާއްޖޭގެ ފުރަތަމަ އަންހެން ޑިފެންސް މިނިސްޓަރުގެ ހިތާބުގައި ވިދާޅުވީ ސިފައިންގެ އަހަރީ ދުވަހާ ކުރިމަތިލީއިރު ސިފައިންނާ ކުރިމަތި ވެފައި ވަނީ ގައުމީ ބޮޑު މަސައްކަތްތަކެއް ކަމަށެވެ.

މިނިސްޓަރު ވިދާޅުވީ ކޮވިޑް-19 އިގެ ނުރައްކާ ރާއްޖެއަށް ވެސް އިންތިހާއަށް ބޮޑުވެފައިވާ މި ދަނޑިވަޅުގައި ރައްޔިތުންގެ ސަލާމަތަށް ސަރުކާރުން އަޅާފައިވާ ފިޔަވަޅުތައް ތަންފީޒު ކުރުމުގެ މަސައްކަތުގައި ސިފައިން ދައްކަމުން ދަނީ ނަމޫނާ ހިތްވަރެއް ކަމަށެވެ. އަދި ގައުމީ ވާޖިބު އަދާކުރުމުގައި ސިފައިން ދެމި ތިބުމަށް ވެސް އެކަމަނާ ގޮވާލެއްވި އެވެ.

"... ގައުމަށް ދިމާވާ މިފަދަ ކޮންމެ ކަމަކުން ސަލާމަތް ކުރުމަށް، ވާރެއާ އަވީގައި ސިފައިން ހަރަކާތްތެރިވުން ދާކަން ދިވެހި ރައްޔިތުން ހެޔޮ ހިތުން ބަލައިގަނޭ،" ހިތޯބުގައި އެކަމަނާ ވިދާޅުވި އެވެ.

މިއަދަކީ ދިވެހި ސިފައިންގެ ހިދުމަތަށް 128 އަހަރު ފުރުނު ދުވަހެވެ. ސިފައިންގެ މި އަހަރުގެ ޝިއާރަކީ "ސިފައިންގެ ހިތްވަރު - ގައުމުގެ ސަލާމަތެ" ވެ. މިނިސްޓަރު ވިދާޅުވީ މި ޝިއާރު ވެސް ބިނާކޮށްފައިވަނީ ރައްޔިތުންގެ ޝުއޫރުތަކުގެ މައްޗަށް ކަމަށެވެ.

ދިވެހި ސިފައިން އުފެދުނީ ނޫރައްދީން ބަންޑާރައިންގެ ރަސްކަމުގަ އެވެ. ފުރަތަމަ ކޮމާންޑަރަކީ މީރުބަހުރު އިސްމާއީލް ދީދީ އެވެ.